މަޝްރޫއުތައް ހިންގަން ކައުންސިލުތަކުގެ އިހްތިޞާސްގައިވާ ބިންތައް ނެގުމުގެ ބާރު ސަރުކާރަށް ދޭން އިސްލާހެއް

ތޮއްޑޫގެ މަގެއްގައި ސައިކަލެއް ދުއްވާފައި ދަނީ --

ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލުތަކުގެ އިހްތިޞާސުގައި ހިމެނޭ ތަންތަނާއި ބިންބިން ސަރުކާރަށް ނަގައި އެ ތަންތަން ކައުންސިލުތަކުގެ އިހްތިޞާސުން ވަކިކުރުމުގެ ފުރިހަމަ ބާރު ސަރުކާރަށް ދޭން ހުށަހަޅައިފިއެވެ.

މި ސަރުކާރަށް ތާއީދުކުރައްވާ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބައެއް އަކުރުތައް އިތުރުކުރުމަށް ވަނީ ހުށަހަޅުއްވައިފައެވެ.

އެގޮތުން ކައުންސިލުތަކުގެ އިޚްތިޞާސްގައިވާ ތަންތަން ވަކިކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި އެ ކަން އެލްޖީއޭއިން ކައުންސިލުތަކަށް އެންގުމުން އެ ތަންތަން ކައުންސިލުތަކުގެ މިލްކިއްޔާތުން ވަކިވެ، ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަންތަން ކަމުގައި ވާނެ ކަމަށް، ޢަބްދުލްޙަންނާން ހުށަހެޅުއްވި ބިލުގައި ވެއެވެ.

މީގެ އިތުރުން ސަރުކާރުގެ ފަރާތުން މަޝްރޫއުތައް ކުރިއަށް ގެންދަން ބިންބިން ހޯދަން އެދޭ ހާލަތްތަކުގައި މަޝްރޫއުތަކަށް ބޭނުންވާ ބިންބިން ކައުންސިލުން އެލްޖީއޭއާ ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް، ބިލުގައިވެއެވެ.

ހަމަ އެހެންމެ، ކައުންސިލަރުން ކޮށްގެން ނުވާނެ ކަންކަމުގެ ތެރޭގައި ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫއުތަކަށް މަގުބޫލު ސަބަބެއް ނެތި ހުރަސް އެޅޭ ފަދަ ގޮތަކަށް އަމަލުކުރުން ނުވަތަ އެ ފަދަ މަޝްރޫއުތައް ހުއްޓުމަށް މެދުވެރިވާ ފަދަ ނިންމުންތައް ނިންމުން ހިމެނުމަށް ވެސް ވަނީ ހުށަހަޅުއްވައިފައެވެ.

ފާހަގަކުރެވޭ ގޮތުގައި ކައުންސިލްތަކުގެ ދައުރު ހަމަވާން ގާތްވުމުން ކައުންސިލް އިދާރާއަށް މުވައްޒަފުން ނެގުމާއި، ކައުންސިލްގެ އިޚްތިޞާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުން ވެސް ފިނޭންސް މިނިސްޓްރީ އަދި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ކަނޑައަޅާ އުސޫލުތަކުގެ ދަށުން ނޫނީ ނުކުރެވޭ ގޮތް ހިމެނޭހެން ކައުންސިލުތަކުގެ ބައެއް ބާރުތައް ހަނިކުރަން ނިންމައި، މިދިޔަ އަހަރު އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ވަނީ ބަދަލު ގެނެސްފައެވެ.

ހަމަ އެއާއެކު ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގަން ބިން ނުދިނުން ފަދަ ކަންކަން ބައެއް ކައުންސިލުތަކުން ކޮށް، މަޝްރޫއުތައް ހިންގަން ހުރަސް އަޅާ ކަމަށް އެކި ފަހަރު މަތިން ސަރުކާރުގެ އިސްވެރިން މީގެ ކުރިން ވިދާޅުވެފައި ވެސް ވެއެވެ.

comment ކޮމެންޓް