ތަކެތީގެ އަގު އުފުލެމުން އަންނާތީ އިދިކޮޅު އެމްޑީޕީ އަންނަ ހަފުތާގައި މުޒާހަރާއަށް ނުކުންނަން ތައްޔާރުވަމުން އަންނައިރު، އެ ޕާޓީން ފާޅުކުރަމުން އަންނަ ކަންބޮޑުވުންތަކަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ވިޔަފާރިވެރިންގެ ބަހާއެކު މިރޭ ރައްދު ދެއްވައިފިއެވެ.
ސައީދު މިރޭ އެކްސްގައި ހިއްސާކުރެއްވި ވީޑިއޯއަކާއެކު ލިޔުއްވާފައިވަނީ، ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ޓަކައި ރާއްޖޭގެ ވިޔަފާރިތަކަށް އަމާޒުކޮށް ގައުމީ އިގްތިސާދުގެ އިތުބާރު ނަގާލަން އެމްޑީޕީގެ އިސް ފަރާތްތަކުން، ޚާއްސަކޮށް ރާއްޖޭގައި ކުރީން ވެރިކަންކޮށްފައިވާ ބައެއް ފަރާތްތަކުން މަސައްކަތް ކުރާ ކަމަށެވެ.
އެ މަސައްކަތް ހުއްޓާލަން ގޮވާލައްވައި މިނިސްޓަރު ވަނީ، އެމްޑީޕީއަށް ވެރިކަން ކުރަން ލިބުނު ފުރުސަތުގައި އިގުތިސާދީ ކަންކަން ރަނގަޅުކުރަން ކުރި ކަންތައްތައް ދައްކަން ވިދާޅުވެފައެވެ. އަދި އެމްޑީޕީގެ ސަރުކާރުގައި ފައިސާ ޗާޕުކޮށްފައިވާކަން ފާހަގަކުރައްވައި، އިގުތިސާދީ މިހާރު އޮތް ހާލަތަށް ވެއްޓެން ފެށީ އޭގެ ސަބަބުން ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
"އެކަން ފޫބައްދަން މަސައްކަތް ފަށައި، ދިވެހި ރައްޔިތުންގެ ބޮލުގައި އެޅިފައި އޮތް ބޮޑު ދަރަނިން ބައެއް ދައްކައި، ގައުމަށް ހަމަޖެހުން ގެންނަމުން ދަނިކޮށް އަނެއްކާ ތިޔަ ހައްދަވަނީ އަނެއް ގޯސް،" ސައީދު ލިޔުއްވާފައިވެއެވެ.
ގާތްގަނޑަކަށް އަށް މިނިޓުގެ ވީޑިއޯގައި ސައީދު ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވެރިކަން ކުރެއްވި އަހަރުތައް ކަމަށްވާ، 2019އާއި 2023އާ ދޭތެރޭ ތަކެތީގެ އަގުތައް ބޮޑުވާން ފަށައިފައިވާ ކަމަށެވެ. އެގޮތުން، އޭނާ ވަނީ އެ މުއްދަތުގައި އެކި ނޫސްތަކުން ލިޔެފައިވާ ޚަބަރުތައް ޕްރިންޓްކޮށްފައިވާ ފޮތެއް ނަންގަވައި، ހެކީގެ ގޮތުގައި ދައްކަވައިފައެވެ. އަދި، އެ ސަރުކާރުން އަށް ބިލިއަން ރުފިޔާ ޗާޕުކޮށް ބާޒާރަށް ނެރުމާއި، އެއާ އެއްވަރަށް ޑޮލަރު ނެތުމަކީ މައްސަލައިގެ ފެށުންކަން އަނެއްކާ ވެސް ފާހަގަކުރެއްވިއެވެ.
އެހެންވީމަ ކޮންމެ ދުވަހަކު ހެނދުނު މުޅި ބާޒާރު ޕެނިކްކޮށް، ވިޔަފާރިވެރިންނާ ގުޅޭ ގޮތުން ދޮގު ވާހަކަ ފަތުރައިގެން، އޭގެ ނިމޭ ހެޑްލައިންގައި މި އިންނަނީ މުޒާހަރާއަށް ނުކުންނާށޭ. އެއީ އަޅުގަނޑު ފާހަގަކޮށްލަން މި އުޅޭ ޕޮއިންޓަކީ
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ސައީދު ވިދާޅުވީ، ވިޔަފާރިވެރިންނާ ގުޅޭ ގޮތުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އޭނާ މިއަދު ވެސް ބައެއް ވިޔަފާރިވެރިންނާ ވާހަކަދެއްކެވި ކަމަށެވެ.
އެ ވީޑިއޯގައި މިނިސްޓަރަށް ފަހު ދެއްކީ، ރާއްޖެއަށް ތަކެތި އިމްޕޯޓްކުރާ އެންމެ ބޮޑު އެއް ވިޔަފާރި ކަމަށްވާ ލިލީ އެންޓަޕްރައިސަސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިރެވެ.
"ބައެއް މީހުން ބުނޭ މިއީ ސަރުކާރުން ކުރި ކަމަކުން ބޮޑުވަނީއޭ. ސަރުކާރުން ކުރި އެއްވެސް ކަމަކުން ބޮޑުވާ އެއްޗެއް ނޫން މިއީ. މިއީ ފްރައިޓާއި ގަލްފު ހަނގުރާމައިގައި ތެލަށް އަންނަ ބަދަލުތަކުން ބޮޑުވަނީ،" އޭނާ ވިދާޅުވިއެވެ.

މާލޭ ބަނދަރު: މިނިސްޓަރު ވަނީ، ތަކެތީގެ އަގު ބޮޑުވާ ސަބަބުތަކުގެ ތެރޭގައި މުދާ ގެނައުމުގެ އަގު އުފުލުން ފާހަގަކުރައްވައިފައި -- ފޮޓޯ/ ރައީސް އޮފީސް
އެ ބަދަލުތައް އަންނައިރު ވެސް، ލިލީން މަސައްކަތް ކުރަމުން އަންނަނީ އަގުތައް އެއްވަރެއްގައި ހިފެހެއްޓުމަށް ކަމަށް ނާސިރު ވިދާޅުވިއެވެ. ނަމަވެސް މުދާ އުފުލުމުގެ އަގު ބޮޑުވާކަމުގެ މިސާލެއް ދައްކަވަމުން އޭނާ ވިދާޅުވީ، ހަނގުރާމައިގެ ކުރިން އަރަބި ގައުމުތަކުން 20 ފޫޓުގެ ކޮންޓެއިނަރެއް 1،600 ރުފިޔާއަށް ގެނެވޭއިރު މިހާރު އެ އަދަދު 2،750 ރުފިޔާއަށް އަރައިފައިވާ ކަމަށެވެ.
އެ ބަދަލާއެކު ތަކެތީގެ އަގު އުފުލި، ޑޮލަރު އަގަށް ވެސް ބަދަލު އަންނާނެކަން ނާސިރު ފާހަގަކުރެއްވިއެވެ.
ފްރައިޓުން މި ބޮޑުވަނީ، އެއީ ތެލަށް އަސަރުކުރާނެތާ ހަނގުރާމަަ ކުރާތީ، ދެ ތަނެއްގަ އެބަ ހަނގުރާމަ ކުރޭ، މިހާރު ދުވަސްކޮޅެއްވެއްޖެ، އެހެންވީމަ އޭގެ އަސަރު [ކުރަނީ]. އަޅުގަނޑުމެންނެއް ހަމަ ގަސްތުގައި އެހެން ތިބެފަކާއެއް ބޮޑެއް ނުކުރާނެ އިނގޭތޯ އަގުތަކެއް
ލިލީ އެންޓަޕްރައިސަސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނާސިރު
އެއަށްފަހު ވީޑިއޯގައި ވާހަކަދެއްކެވީ އެމްއެޗްއޭ ޕްރައިވެޓް ލިމިޓެޑްގެ އެޗްއާރު އެންޑް އެޑްމިން މެނޭޖަރު އާލިމް އާދަމެވެ. އޭނާވަނީ، ކުޑަކުދިންގެ ފޯމިއުލާ ލެކްޓޯޖެންގެ އަގު އެއްވަރެއްގައި ހިފަހައްޓަމުން އަންނަކަން ފާހަގަކުރައްވައިފައެވެ. އެއީ ލެކްޓޯޖެން އުފައްދާ ނެސްލޭއާ ރަނގަޅު ގުޅުމެއް އޮތުމުން ކަމަށާއި، އޭގެ ސަބަބުން ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތަކާއެކު ވެސް، އެ ކުންފުންޏަށް ރާއްޖޭގައި އަގުތައް ދެމެހެއްޓޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު: ތަކެތީގެ އަގު އުފުލޭތީ، އެމްޑީޕީން ވަނީ މުޒާހަރާ އިއުލާންކޮށްފައި -- ސަން ފޮޓޯ/ ޝައްމޫން މުހައްމަދު
އެ ވިޔަފާރިވެރިންގެ ބަސް ގެނެސްދެއްވުމަށް ފަހު ސައީދު ވިދާޅުވީ، އަގުތައް ހިފެހެއްޓުމަށް ވިޔަފާރިވެރިން މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް މުދާ އުފުލުމުގެ އަގު ބޮޑުވުމާއި، ކުރީ ސަރުކާރުން ފައިސާ ޗާޕު ކުރުމުން ޑޮލަރުގެ އަގު އުފުލުމުން ގޮންޖެހުން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުން ގެނައި އެ ހާލަތު ބަދަލުކުރުމަށް ޓަކައި މި ސަރުކާރުން 1.2 ބިލިއަނުގެ ލޯނެއް ދައްކައި، ޑޮލަރު ލިބޭ މިންވަރު އިތުރުކުރުމަށް ފޮރިން އެކްސްޗޭންޖް ގާނޫނު އިސްލާހުކޮށްފައިވާ ކަމަށެވެ.
ރާއްޖޭގެ މި ހާލަތުން އަރައިގަތުމަށް މަސައްކަތްތަކެއް މި ދަތީގައި ވެސް ރައީސް [ޑރ. މުހައްމަދު] މުއިއްޒު އެ ގެންދަވަނީ ކުރައްވަމުން. ގެންދާއިރުގައި އަޅުގަނޑުގެ އޮތީ ހަމަ އެންމެ ސުވާލެއް. އެމްޑީޕީއަށް ބާރު ލިބުނު ފަހަރުތަކުގައި ނުވަތަ ދެ ވެރިކަމެއްކޮށް ނިމުނުއިރުގައި އެއް ކަމެއް ވިދާޅުވެބައްލަވާށޭ ކުރި މި ހާލަތު ރަނގަޅުކުރަން. ކުރި އެއް ކަމެއް ވިދާޅުވެދެއްވާށޭ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު
ފާހަގަކޮށްލެވޭ ގޮތުގައި އިއްޔެ ވެސް ސައީދު ވަނީ މިފަދަ ވީޑިއޯއެއް ހިއްސާކުރައްވައިފައެވެ. އެއީ، ތަކެތީގެ އަގު ބޮޑުވެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވާ ކަމަށްބުނެ އިދިކޮޅު އެމްޑީޕީން އަންނަ ބުދައިގައި މުޒާހަރާއެއް ބާއްވަން އިއުލާންކުރި ފަހުންނެވެ. އަދި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، ތަކެތީގެ އަގުތަކާއި ދިރިއުޅުމުގެ ޚަރަދުތަކަށް އައިސްފައިވާ ބަދަލުތައް ފާހަގަކުރައްވައި، ތަފާސްހިސާބުތަކެއް ވެސް ހިއްސާކުރެއްވި ފަހުންނެވެ.
ސައީދު އިއްޔެ ހިއްސާކުރެއްވި ވީޑިއޯގައި ވަނީ މި ދުވަސްވަރު ބޭރުގެ ގައުމުތަކާއި ރާއްޖޭގައި ތަކެތީގެ އަގުތައް ހުރި މިންވަރު ފާހަގަކުރައްވައިފައެވެ. އެގޮތުން ސިންގަޕޫރާއި އިންޑިއާ ފަދަ މިސާލުތައް ނަންގަވައި، ރާއްޖޭގެ އަގުތައް ރަނގަޅު ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭން މި އަހަރު ރެކޯޑް މިންވަރެއްގެ ދަރަނި ދައްކަން ޖެހޭއިރު، މި އަހަރު މި ގައުމުގައި ތަކެތީގެ އަގު އުފުލޭނެ ކަމަށް މިދިޔަ އަހަރު ވެސް ބޭރުގެ އިދާރާތަކުން ވަނީ ލަފާކޮށްފައެވެ. އަދި މިދިޔަ ފެބުރުވަރީ މަހުގެ 28ގައި ފެށި އީރާން ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލާ ގުޅިގެން، އިތުރަށް ތަކެތީގެ އަގު އުފުލޭނެ ކަމަށް ބޭރު އިދާރާތަކުން ވަނީ އަންދާޒާކޮށްފައެވެ.