އެޕަލްއިން ނެރުމަށް ހަމަޖެހިފައިވާ އަގުހެޔޮ މޮޑެލް، އައިފޯން 18އީ ގައި ހިމެނޭ ރޭމް އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެންމެ ފަހުގެ ލީކުތަކުން ހާމަވެއްޖެއެވެ.
މި ބަދަލަކީ އެޕަލް އިންޓެލިޖެންސްގެ އާޓިފިޝަލް އިންޓެލިޖެންސް ފީޗަރުތައް ފޯނުގައި އޮމާންކަމާއެކު ހިންގުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވޭ ބަދަލެއް ކަމަށް ވަނީ ބެލެވިފައެވެ.
ޓެކްނޮލޮޖީ ދާއިރާގެ މަޝްހޫރު އެނަލިސްޓުން ކަމަށްވާ ޖެފް ޕޫ އަދި މިންގް-ޗީ ކުއޯ ހާމަކުރި ގޮތުގައި، ކުރިން އައިފޯން 18އީ ގައި ހުންނާނެ ކަމަށް ލަފާކުރި 8 ޖީބީ ރޭމްގެ ބަދަލުގައި މިހާރު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ 9 ޖީބީ ރޭމްއެކެވެ. މީގެއިތުރުން، އާދައިގެ އައިފޯން 18 މޮޑެލްގައިވެސް ބޭނުންކުރާނީ މި 9 ޖީބީގެ ކޮންފިގަރޭޝަން ކަމަށް ދެ އެނަލިސްޓުން ވެސް ވަނީ ޔަގީންކޮށްފައެވެ.
މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މުޅި ދުނިޔޭގައި ވެސް ސްމާޓްފޯން މެމަރީގެ އަގުތައް ވަރަށް ބޮޑަށް އުފުލެމުންދާ ދަނޑިވަޅެއްގައެވެ. ސެމްސަންގް، އެސްކޭ ހައިނިކްސް އަދި މައިކްރޯން ފަދަ މެމަރީ އުފައްދާ ބޮޑެތި ކުންފުނިތަކުން އޭއައި ސާވާތަކަށް ބޭނުންވާ ހައި ބޭންޑްވިޑްތް މެމަރީ އުފެއްދުމަށް އިސްކަންދިނުމުގެ ސަބަބުން، ފޯނުތަކަށް ބޭނުންވާ އާދައިގެ ޑީރޭމް ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެޕަލް އިންޓެލިޖެންސްގެ އަސާސީ ފީޗާތަކަށް އެންމެ ކުޑަމިނުން 8 ޖީބީ ރޭމް ބޭނުންވާއިރު، އޭއައި ޑިކްޓޭޝަން އަދި އެކްސްޕްރެސިވް ސިރީ ވޮއިސަސް ފަދަ އެޑްވާންސްޑް ފީޗާތަކަށް 12 ޖީބީއަށްވުރެ ބޮޑު މެމަރީއެއް ބޭނުންވެއެވެ. މިއާއެކު، އިތުރުކުރެވޭ އެއް ޖީބީ ރޭމްގެ ސަބަބުން ފޯނުގެ އެތެރޭގައި ސީދާ އޭއައި ޕްރޮސެސްކުރުމުގެ ގާބިލުކަން އިތުރުވެ، ފޯނުގެ ހިންގުން އަވަސްވެގެންދާނެއެވެ.
ފޯނުގެ މެމަރީއަށް ބަދަލުއައި ނަމަވެސް، އެހެން ހާޑްވެއާތަކަށް ބޮޑު ބަދަލެއް ނާންނާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން އައިފޯން 18އީ ގައި ހުންނާނީ 6.1 އިންޗީގެ 60 ހާޓްޒް އޯލެޑް ޑިސްޕްލޭއަކާއި، 48 މެގަޕިކްސަލްގެ ފަހަތު ކެމެރާއެއްގެ އިތުރުން 24 މެގަޕިކްސަލްގެ ކުރިމަތީ ކެމެރާއެކެވެ. އަދި 256 ޖީބީ އަދި 512 ޖީބީގެ ސްޓޯރޭޖް އޮޕްޝަންތަކާއެކު، މިއީ ޓީއެސްއެމްސީގެ 2 ނެނޯމީޓަރު ޕްރޮސެސްގައި އުފައްދާ އެޕަލްގެ އައު އޭ20 ޗިޕް ބޭނުންކުރާނެ ފޯނެކެވެ.
އެޕަލްއިން 120 ހާޓްޒް ޑިސްޕްލޭ ފީޗާ ހާއްސަކޮށްފައިވަނީ އަގުބޮޑު މޮޑެލްތަކަށް ކަމަށްވާތީ، އައިފޯން 18އީ އިން އެ ފީޗާއެއް ނުފެންނާނެއެވެ. މި ފޯނު ބާޒާރަށް ނެރުމަށް ހަމަޖެހިފައިވަނީ 2027 ވަނަ އަހަރުގެ ކުރީކޮޅު، އާދައިގެ އައިފޯން 18 އަދި ދެވަނަ ޖެނެރޭޝަންގެ އައިފޯން އެއާ އާއެކުގައެވެ.