މިދިޔަ މަހު ސްކޭމްތަކަށް 1.37 މިލިއަން ރުފިޔާ ގެއްލުނު، ދުވާލަކު އެވަރެޖުކޮށް 7,604 ރުފިޔާ ގެއްލޭ: ފުލުހުން

މީހަކު އޮންލައިންކޮށް ވިޔަފާރި ކުރަނީ: ނިމުނު މަހު އީކޮމާސް މެދުވަރިކޮށް ކޮށްފައިވާ 78 ސްކޭމެއް ރިޕޯޓުކުރި -- ފޮޓޯ/ ޕީއެސްއެމް

މިދިޔަ ޖުލައި މަހު ސްކޭމްތަކަށް 1.37 މިލިއަން ރުފިޔާ ގެއްލިފައިވާ ކަމަށާއި، އެއީ ދުވާލަކު އެވަރެޖުކޮށް 7،000 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ކަމަށް ފުލުހުން މިއަދު ހާމަކޮށްފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖުލައި މަހުގެ ތެރޭގައި ޖުމްލަ 180 ސްކޭމްގެ މައްސަލަ ވަނީ ރިޕޯޓުކޮށްފައެވެ. އަދި އެ މައްސަލަތަކުގައި ޖުމްލަ 1,368,844.56 ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި ނުވަތަ އީ-ކޮމާސްއާ ގުޅުންހުރި ސްކޭމްތަކެވެ. އެގޮތުން ނިމުނު މަހު ހުށަހެޅި މައްސަލަތަކުގެ 43.33 އިންސައްތަ އަކީ އެ ބާވަތުގެ މައްސަލައެވެ. އެއީ ޖުމްލަ 78 މައްސަލައެވެ. އަދި ކަމާބެހޭ ފަރާތްތަކުން ގުޅިގެން، ގެއްލުނު ފައިސާގެ ތެރެއިން 635,271.17 ރުފިޔާ ވަނީ އަނބުރާ ހޯދިފައި ކަމަށާއި އެއީ ރިޕޯޓުކުރި ޖުމްލަ މާލީ ގެއްލުމުގެ ގާތްގަނޑަކަށް 46.41 އިންސައްތަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ ނިމުނު މަހު ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް ސްކޭމްގެ 5.8 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ކޮންމެ މައްސަލައަކުން އެވަރެޖުކޮށް 7,604.69 ރުފިޔާގެ މާލީ ގެއްލުން ލިބިފައިވާކަމަށް އެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ.

ފުލުހުން ބުނީ، ސޯޝަލް މީޑިއާއާއި އޮންލައިން ވިޔަފާރިކުރާ ޕްލެޓްފޯމްތަކާއި މެސެޖިން އެޕްލިކޭޝަންތަކުގެ އިތުރުން ނުރަސްމީ މާލީ ނެޓްވޯކްތައް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގެ ސަބަބުން ކުރިމަތިވަމުންދާ މާލީ ގެއްލުން ބޮޑުކަމަށެވެ.

ޖުލައި މަހު ރިޕޯޓުކުރި 180 މައްސަލައިގެ ތަފުސީލަށް ބަލާއިރު:

  • އީ-ކޮމާސް / އޮންލައިން ވިޔަފާރި: 78 މައްސަލަ (43.33 އިންސައްތަ)
  • ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުން: 36 މައްސަލަ (20.00 އިންސައްތަ)
  • އެހެނިހެން ސްކޭމްތައް: 26 މައްސަލަ (14.44 އިންސައްތަ)
  • ބޭރު ފައިސާ މާރުކުރުން: 20 މައްސަލަ (11.11 އިންސައްތަ)
  • އެހެން ފަރާތަކަށް ހެދިގެން އޮޅުވާލުން: 20 މައްސަލަ (11.11 އިންސައްތަ)

އޮންލައިން ވިޔަފާރީގެ ސްކޭމްތަކާއި ބުކިން ކެންސަލްކޮށް ރިފަންޑް ހޯދުމުގެ ސްކޭމްތަކުގެ ޖުމުލަ 114 މައްސަލަ ހުށަހަޅައިފައިވާއިރު އެއީ ޖުލައި މަހުގެ ޖުމްލަ މައްސަލަތަކުގެ 63.33 އިންސައްތަކަން ފުލުހުން ފާހަގަކުރިއެވެ. އެ ނަންބަރުތަކުން ދައްކައިދެނީ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ކުރާ މުއާމަލާތްތަކަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ވެސް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއްކަމެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ވަނީ އޮންލައިންކޮށް ވިޔަފާރި ކުރުމުގައި ތަކެތި ވިއްކާފަރާތުގެ ސައްހަކަން ކަށަވަރުނުކޮށް ކުރިއާލާ ފައިސާ ނުދެއްކުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

އޮންލައިން ވިޔާފާރި ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި މުދާ ލިބުމުން ފައިސާ ދެއްކުމުގެ އުސޫލު (ކޭޝް އޮން ޑެލިވަރީ) އިޚުތިޔާރުކުރުމަށް އިސްކަންދޭންވާންކަން އެ މުއައްސަސާއިން ހަނދާންކޮށްދިނެވެ. އަދި މާލީ މުއާމަލާތެއް ފެށުމުގެ ކުރިން، ވިއްކާ ފަރާތުގެ އެކައުންޓް ރަޖިސްޓްރީކޮށްފައިވާ ތާރީޚާއި ގުޅޭނެ މައުލޫމާތުގެ އިތުރުން އެހެން ކަސްޓަމަރުންގެ ފީޑްބެކް ބެލުން މުހިންމުކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން ވަނީ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ގިނަ އަދަދަކަށް ފޮޓޯއާއި އިޝްތިހާރު ހުރުމަކީ ނުވަތަ ގިނަ ފޮލޮވަރުން ތިބުމަކީ އިތުބާރުހުރި ވިޔަފާރިއެއްކަން އަންގައިދޭ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި، އާދަޔާ ޚިލާފަށް އަގު ހެޔޮކޮށް ހުންނަ މުދަލާއި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފައިސާ ދެއްކުމަށް ބާރުއަޅާ އޮފާތަކާމެދު އިތުރަށް ސަމާލުވުމަށް ވެސް އެ މުއައްސަސާއިން އިލްތިމާސްކޮށްފައިވެއެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދާ ފަރާތްތަކުން އާންމުކޮށް މަސައްކަތްކުރަނީ މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފުރުސަތު ނުދީ ކަންބޮޑުވުން އުފައްދައިގެން އަވަސް އަވަހަށް ފައިސާ ހޯދުމަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

comment ކޮމެންޓް