ޕެޑުގައި ޑުރަގު ގެނެސް ހަވާލުކުރަން ލީ ސައިކަލެއްގެ ޕޮކެޓަކަށް، ހަވާލުވާން އައި މީހާއަށް ޖަވާބެއް ނުދެވުނު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ޑުރަގު ނައްތާލުމުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެ ޕެޑު ދޭތެރޭ ފޮރުވައިގެން ޑުރަގު އެތެރެކުރި އަންހެނަކު، އެހެން މީހަކާ އެ ތަކެތި ހަވާލުކުރަން ގެންގޮސްލީ ސައިކަލެއްގެ ޕޮކެޓަކަށް ކަމަށާއި އެ ޑުރަގާ ހަވާލުވާން އައި މީހާއާ ފުލުހުން ސުވާލުކުރުމުން ޖަވާބެއް ނުދެވުނު ކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

ޕެޑު ތެރޭ ފޮރުވައިގެން ރާއްޖެއަށް ޑުރަގު ގެނައި އަންހެން މީހާ ބަންދު ކުރުމަށް ނެރުނު އަމުރުގައިވާ ގޮތުން، އޭނާ މި ތަކެތި އެތެރެކޮށްފައި ވަނީ އެހެން މީހަކު ދިން އިރުޝާދަކަށެވެ. އަދި އެ ތަކެތި އެހެން މީހަކާ ހަވާލުކުރިކަން ކޯޓު އަމުރުން ހާމަވެއެވެ.

މާލެއަށް ނިސްބަތްވާ، އުމުރުން 32 އަހަރުގެ އެ އަންހެން މީހާ މިދިޔަ މެއި މަހުން ފެށިގެން ހުރީ ހައްޔަރުކޮށްފައެވެ.

https://sun.mv/224020

މި މައްސަލައިގައި ޑުރަގާ ހަވާލުވާން އައީ، 32 އަހަރުގެ މާލެއަށް ނިސްބަތްވާ ފިރިހެނެއްކަން ކޯޓު އަމުރުން އެނގެއެވެ.

އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށް އިއްޔެ ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައި ވަނީ މި މައްސަލައިގައި އިތުރު ތަފުސީލުތަކެއް ހާމަވެފައެވެ.

އެގޮތުން، ޑުރަގު ރައްދުކުރި މީހާ ފުލުހުން ހޯދާފައި ވަނީ ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

މި އޮޕަރޭޝަނުގެ ތެރެއިން، އަންހެން މީހާ ޑުރަގު ގެންގޮސް ލާފައި ވަނީ، ހުޅުމާލެ އެމްޕީއެލް ޓަވަރުގެ ޕާކިން ޒޯނުގައި ހުރި ސައިކަލެއްގެ ޕޮކެޓަކަށެވެ. އެ ތަކެއްޗާ ހަވާލުވާން ދިޔަ ފިރިހެން މީހާ ހައްޔަރުކުރީ އެ ވަގުތެވެ.

އޭނާ ހައްޔަރުކޮށް، ޑުރަގު ކަމަށް ޝައްކުކުރެވޭ ތަކެތި ނަގައި ފުލުހުން ސުވާލުކުރުމުން، އޭނާއަށް އެއްވެސް ޖަވާބެއް ދެވިފައި ނުވާކަން އަމުރުން އެނގެއެވެ. އަދި، އޭނާ ދިރިއުޅޭ އެޕާޓުމަންޓު ބަލައި ފާސްކުރުމުން، އޭނާ ދިރިއުޅޭ ކޮޓަރީގެ އަލަމާރި ތެރެއިން ފެނުނު ގަމީހެއްގެ ޖީބުން ވަނީ މަސްތުވާތަކެތި ފެނިފައެވެ. ފުލުހުން އެ ތަން ބަލައި، ފާސްކުރީ ބަންދުކުރި މީހާގެ ހުއްދައާ އެކުގައެވެ.

comment ކޮމެންޓް