"ޕާލް ރެޒިޑެންސް" މަޝްރޫއު ހުއްޓާލައި ކަމާ ގުޅޭ އެއްބަސްވުންތައް މަޖިލީހަށް ހުށަހަޅަން ގޮވައިލައި ގަރާރެއް

ޝަމްހީދު: އޭނާ ވަނީ "ޕާލް ރެޒިޑެންސް" ހުއްޓައިލައި އެކަމާ ގުޅޭ އެއްބަސްވުންތައް 14 ދުވަހުގެ ތެރޭ މަޖިލީހަށް ހުށަހަޅަން ގޮވައިލައްވައި ގަރާރެއް ހުށަހަޅުއްވައިފައި -- ފޮޓޯ/ މަޖިލިސް

"މޯލްޑިވްސް ޕާލް ރެޒިޑެންސް"ގެ ނަމުގައި ބިދޭސީންނަށް ދާއިމީ ރެޒިޑެންސީ ދޫކުރަން ސަރުކާރުން ޕްރޮގުރާމެއް ހިންގަން ފަށާފައިވާ ކަމަށް ބުނެ، އެ ޕްރޮގްރާމު ހުއްޓާލައި އެ ޕްރޮގުރާމާ ގުޅޭ އެންމެހައި އެއްބަސްވުންތައް ދެ ހަފުތާގެ ތެރޭ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގޮވައިލައި ގަރާރެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަޙްމަދު ޝަމްހީދު މިދިޔަ ބުދަ ދުވަހު މަޖިލީހަށް ތައާރަފުކުރެއްވި ގަރާރުގައި ވަނީ، ބިދޭސީންނަށް ދިރިއުޅުމުގެ ހުއްދަ ދޫކުރުމަކީ އިމިގްރޭޝަނާއި ގައުމީ ސަލާމަތާއި ޓެކުހާއި ރާއްޖޭގެ ބިންތަކާއި ދައުލަތުގެ މާލިއްޔަތާ ސީދާ ގުޅިފައިވާ ސިޔާދަތީ ބާރެއް ކަމަށެވެ. އެހެންކަމުން އެއީ މަޖިލީހުގެ ބެލެނިވެރިކަމުގެ ދަށުން ކުރަން ޖެހޭ ކަމެއް ކަމަށް ގަރާރުގައި ވެއެވެ.

ޝަމްހީދުގެ ގަރާރުގައި ވަނީ މޯލްޑިވްސް ޕާލް ރެޒިޑެންސް ޕްރޮގުރާމު މި ސަރުކާރުން ގާއިމުކުރީ މަޖިލީހުން ފާސްކުރި ގާނޫނަކުން ނޫން ކަމަށާއި، މިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ދުވަހު ސިންގަޕޫރުގައި ހެންލީ އެންޑް ޕާޓްނާސްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށް އެ އެއްބަސްވުމުގެ މާލީ ޝަރުތުތަކާއި ގާނޫނީ ޝަރުތުތައް ހާމަކޮށްފައި ނުވާ ކަމަށެވެ.

ޕާލް ރެޒިޑެންސީ ޕްރޮގުރާމުގެ ދަށުން ރެޒިޑެންޝަލް ވިލާ ވިއްކަން މިހާރު ވެސް އިޝްތިހާރު ކުރާ ކަމަށް ގަރާރުގައި ވެއެވެ. އެ ގަރާރުގައި އޮތް ގޮތުން، މިފަދަ މަޝްރޫއުތަކުގެ ސަބަބުން ދިވެހި ދައުލަތުގެ ތެރޭ ވަކި ދައުލަތެއް އުފެދި، ދިވެހި ދައުލަތުގެ ސިޔާދަތީ ބާރުތަކަށް އުނިކަން އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް، ގަރާރުގައި ބުނެފައިވެއެވެ.

އެ ގަރާރުގައި ބުނެފައިވާ ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވީ ރާއްޖޭގެ ސިޔާދަތީ ބާރުވެރިކަން ރައްކާތެރިކުރުމަށް ވައުދުވެގެންނެވެ. ނަމަވެސް ރާއްޖޭގެ ފަޅުތަކާއި ރަށްތަކެއްގެ މައްޗަށް ބޭރުގެ އަމިއްލަ ކުންފުންޏަކަށް ދިގު މުއްދަތެއްގެ ބާރުވެރިކަން ދީ އެ ތަންތަނުގައި ދިރިއުޅުމުގެ ހައްގު ބައިނަލްއަގުވާމީ މާކެޓުގައި ވިއްކުމަކީ ރައްޔިތުން 2023ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ނިންމި ނިންމުމާ ފުށޫއަރާ ކަމެއް ކަމަށެވެ.

އަދި ހެންލީ އެންޑް ޕާޓްނާސްއަކީ ޣައިރު ގާނޫނީ މާލީ މުއާމަލާތްތައް ހިންގާ ކުންފުންޏެއް ކަމަށް އެމެރިކާއިން 2014ވަނަ އަހަރު ފާހަގަކޮށްފައިވާ ކުންފުންޏެއް ކަމަށާއި އެ ކުންފުނި ހޮވުމުގައި ސަރުކާރުން ކުރި ދިރާސާތައް ހާމަކޮށްފައިނުވާ ކަމަށް، ގަރާރުގައި ވެއެވެ.

އެހެންކަމުން، ޝަމްހީދުގެ ގަރާރުގައި ހަތް ކަމަކަށް ގޮވައިލާފައިވެއެވެ.

އެގޮތުން އިންވެސްޓްމެންޓް މެދުވެރިކޮށް ރެޒިޑެންސް ދިނުމާ ގުޅޭ ފުރިހަމަ ގާނޫނެއް ފާސްކުރަންދެން ޕާލް ރެޒިޑެންސްގެ ދަށުން ހުށަހެޅުންތައް ބަލައިގަނެ ހުއްދަ ދިނުން ހުއްޓައިލުމަށާއި ހެންލީ އެންޑް ޕާޓްނާސްއާ އެކު ހަދައިފައިވާ އެއްބަސްވުންތަކާއި ފީތަކުގެ މައުލޫމާތު 14 ދުވަހުގެ ތެރޭ މަޖިލީހަށް ހުށަހެޅުމަށާއި ހެންލީ އެންޑް ޕާޓްނާސް ހޮވުނު ގޮތް ހުށަހަޅަން ގަރާރުގައި ގޮވައިލި ކަންކަމުގެ ތެރޭ ހިމެނެއެވެ.

އެ ގަރާރުގެ ބަހުސް ފެށީ މިއަދެވެ.

ހެންލީ އެންޑް ޕާޓްނާސްގެ ވެބްސައިޓުގައި "ޕާލް ރެސިޑެންސް މަޝްރޫއާ ގުޅޭ ގޮތުން އާންމުކޮށްފައިވާ މައުލޫމާތު ---

ހެންލީ އެންޑް ޕާޓްނާސްގެ ވެބްސައިޓުގައި މާ ބޮޑު ތަފުސީލެއް ނެތަސް، އެ ވެބްސައިޓުގައިވާ ގޮތުން "މޯލްޑިވްސް ޕާލް ރެޒިޑެންސް" އިފްތިތާހުކުރުމަށް ހަމަޖެހިފައި ވަނީ މި އަހަރުގެ ފަހު ހަ މަސް ދުވަހުގެ ތެރޭގައެވެ.

https://sun.mv/225429

ފާހަގަކުރެވޭ ގޮތުގައި ވަކި މުއްދަތަކަށް ދިރިއުޅެވޭ ގޮތަށް ދޫކުރާ ރެޒިޑެންސީ ޕްރޮގުރާމުތަކާ ދެކޮޅަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ މެންބަރުން ވާހަކަ ދެއްކެވި ނަމަވެސް، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ރެޒިޑެންސީ ޕްރޮގުރާމް ނުވަތަ ޓައުންޝިޕް މަޝްރޫއުގެ ސަބަބުން ފަތުރުވެރިކަމުގެ އެހެން ވިޔަފާރިއެއް ކުރިއަރުވަން ފުރުސަތު ލިބޭ ކަމަށް ވިދާޅުވެ އެކަމަށް ތާއީދުކުރައްވައިފައެވެ.

https://sun.mv/225427

ހަމަ އެހެންމެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް އެމްޑީޕީގެ މެންބަރުން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލައިގައި ވަނީ ޓައުންޝިޕް ތައާރަފުކޮށް ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކެއް ބޭރުގެ އަތް މައްޗަށް ދޫކޮށް އެ ފަރާތްތަކަށް ބޮޑެތި ލުއިތައް ދީފައިވާ ކަމަށެވެ.

މި ޓައުންޝިޕްތަކުގައި ބޭރު މީހުން ދިގު މުއްދަތަކަށް އުޅެވޭނެ ގޮތަށް "މޯލްޑިވްސް ޕާލް ރެޒިޑެންސް"ގެ ނަމުގައި ރެޒިޑެންސް-ބައި-އިންވެސްޓްމަންޓް ޕްރޮގުރާމެއް ސަޢީދު ކުރިއަށް ގެންދެވި ކަމަށް އެ މައްސަލައިގައި ވެއެވެ. މިއީ ކަޅު ފައިސާ ދޮވުމަށާއި ޓެކުހަށް މަކަރު ހެދުމަށް މަގުފަހިވާ، އަދި ރާއްޖޭގެ ސިޔާދަތީ ބާރުތަކަށް ނުރައްކާވާނެ ކަމެއް ކަމަށް، އެމްޑީޕީގެ މެންބަރުން ބުނެފައިވެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް