ވަކި މުއްދަތަކަށް ދިރިއުޅެވޭ ގޮތަށް ދޫކުރާ ރެޒިޑެންސީ ޕްރޮގުރާމް ނުވަތަ ޓައުންޝިޕް މަޝްރޫއުގެ ސަބަބުން ފަތުރުވެރިކަމުގެ އެހެން ވިޔަފާރިއެއް ކުރިއަރުވަން ފުރުސަތު ލިބޭ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު މި ސަރުކާރުގެ އެ މަޝްރޫއަށް ތާއީދުކުރައްވާކަން ހާމަކުރައްވައިފިއެވެ.
ސްޕެޝަލް އިކޮނިމިކް ޒޯން (އެސްއީޒެޑް)ގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގާ ޓައުންޝިޕް މަޝްރޫއުގެ ބިންގާ އެޅީ މި އަހަރުގެ ޖަނަވަރީ 29 ވަނަ ދުވަހެވެ. ސަރުކާރުން ބުނި ގޮތުގައި، ސްޕެޝަލް އިކޮނޮމިކް ޒޯންގެ މި މަޝްރޫއަކީ، އިގުތިސާދީ ގޮތުން ރާއްޖެއަކީ ފުދުންތެރި ގައުމަކަށް ހެދުމަށް ސަރުކާރުގެ ތަސައްވުރުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
ނަޝީދު މި މަޝްރޫއަށް ތާއީދުކުރައްވާކަން ހާމަކުރެއްވީ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ 13 މެންބަރުން ސޮއިކުރައްވައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހަޅައިފައި ވަނިކޮށެވެ. އެގޮތުން އެ މައްސަލައިގައި ފާހަގަކުރި އެއް ކަމަކީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު ސަރުކާރުން އިސްލާހުކުރީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށެވެ.
'އެކްސް'ގައި ނަޝީދު ލިޔުއްވި ކުރު ޕޯސްޓެއްގައި ވަނީ ރެޒިޑެންސީ ޕްރޮގުރާމުގެ ސަބަބުން ރާއްޖެއަށް ފައިދާ ވާނެ ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ގޮތުގައި ރެޒިޑެންސީ ޕްރޮގުރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނެ ކަމެއް. އެހެން ބާވަތެއްގެ ޓޫރިޒަމް ވިޔަފާރީގެ ފުރުސަތެއް،" އެމަނިކުފާނު ލިޔުއްވައިފައިވެއެވެ.
އެމްޑީޕީ ޕީޖީން ހުށަހެޅި މައްސަލައިގައި ވަނީ އެގޮތުން ޓައުންޝިޕް ތައާރަފުކޮށް ދައުލަތުގެ ބާރު ކެނޑޭ ގޮތަށް ރާއްޖޭގެ ބައެއް ސަރަހައްދުތަކެއް ބޭރުގެ އަތް މައްޗަށް ދޫކޮށް އެ ފަރާތްތަކަށް ބޮޑެތި ލުއިތައް ދީފައިވާ ކަމަށެވެ.
މި ޓައުންޝިޕްތަކުގައި ބޭރު މީހުން ދިގު މުއްދަތަކަށް އުޅެވޭނެ ގޮތަށް "މޯލްޑިވްސް ޕާލް ރެޒިޑެންސް"ގެ ނަމުގައި ރެޒިޑެންސް-ބައި-އިންވެސްޓްމަންޓް ޕްރޮގުރާމެއް ސަޢީދު ކުރިއަށް ގެންދެވި ކަމަށް އެ މައްސަލައިގައި ވެއެވެ. މިއީ ކަޅު ފައިސާ ދޮވުމަށާއި ޓެކުހަށް މަކަރު ހެދުމަށް މަގުފަހިވާ، އަދި ރާއްޖޭގެ ސިޔާދަތީ ބާރުތަކަށް ނުރައްކާވާނެ ކަމެއް ކަމަށް، އެމްޑީޕީން ބުންޏެވެ.
ސަޢީދު މިދިޔަ މަހު ވިދާޅުވެފައިވާ ގޮތުގައި ފަތުރުވެރިކަމަކީ ރާއްޖޭގެ އިގުތިޞާދުގެ މައި ތަނބު ނަމަވެސް ރާއްޖޭގެ އިގުތިޞާދު ފުޅާކުރުމަށް އިތުރު ފުރުސަތުތައް ހުޅުވިފައި އެބަހުއްޓެވެ. އޭނާ ވިދާޅުވިގޮތުގައި ވާދަވެރި އަދި ހުޅުވައިލެވިފައިވާ އިންވެސްޓްމަންޓް މަންޒިލަކަށް ރާއްޖެ ހެދުމަކީ މި ސަރުކާރުގެ ތަސައްވުރެވެ.