ރާއްޖެއަކީ ދުނިޔޭގެ އެންމެ މުއްސަނދި ކަނޑުގެ ދިރުންތައް ލިބިފައިވާ އެއް ގައުމު: ޝިޔާމް

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން އިންތިޒާމުކޮށްގެން ބޭއްވި 6 ވަނަ މެރިން ސައިންސް ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވަޒީރު ޝިޔާމް ވާހަކަދައްކަވަނީ.. ފޮޓޯ/ ފިޝަރީޒް މިނިސްޓްރީ

ރާއްޖެއަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ހިތްގައިމު ކަނޑުގެ ދިރުންތައް ލިބިފައިވާ އެއް ގައުމު ކަމަށާއި، ކުލަގަދަ މުރަކައިގެ ފަރުތަކާއި ބޮޑެތި ކަނޑުގެ ދިރުންތަކަކީ ރާއްޖޭގެ އިގުތިޞާދާއި މުޖުތަމައުތައް ދަމަހައްޓައިދޭ އަސާސް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން އިންތިޒާމުކޮށްގެން ބޭއްވި ހަ ވަނަ މެރިން ސައިންސް ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ ކަނޑުގެ ވަސީލަތްތައް ރައްކާތެރިކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމަށްޓަކައި ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން ކުރިއަށްވުރެ ބޮޑުވެފައިވާކަމަށެވެ.

އަދި ރާއްޖެއަކީ ދުނިޔޭގެ އެންމެ މުއްސަނދި އަދި އެންމެ ހިތްގައިމު ކަނޑުގެ ދިރުންތައް ލިބިފައިވާ އެއް ގައުމު ކަމަށާއި އަދި ކުލަގަދަ މުރަކައިގެ ފަރުތަކާއި ބޮޑެތި ކަނޑުގެ ދިރުންތަކަކީ ރާއްޖޭގެ އިގުތިސާދާއި މުޖުތަމައުތައް ދަމަހައްޓައިދޭ އަސާސް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ އެތައް އަހަރެއްގެ ދިރާސާތަކަށް ފަހުވެސް ކަނޑުތަކުން އައު ހޯދުންތައް ފެންނަމުން ދިއުމަކީ، އަދިވެސް ދެނެގަންނަންޖެހޭ ކަންތައްތައް ގިނަކަން ހަނދާންކޮށްދޭ ހެއްކެއް ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ތަހައްމަލު ކުރަންޖެހޭ އެއް ގައުމަކީ ރާއްޖެ ކަމަށްވާއިރު، މި ބަދަލުތަކަށް ހޭނުމަށް ސައިންޓިފިކް ހައްލުތައް ހޯދަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

ދިރާސާގެ މައްޗަށް ބިނާވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން އިސްކަންދެނީ ސައިންސްގެ އަލީގައި ނިންމާ ނިންމުންތަކުގެ މައްޗަށް ބިނާކޮށް އިގުތިސާދީ ތަނަވަސްކަން ހޯދައިދިނުމަށް ކަމަށެވެ.

"ސައިންޓިފިކް ދިރާސާތަކުގެ މުހިންމުކަން މިވަނީ ކުރިއަށްވުރެ ބޮޑުވެފައި. ދިރާސާތަކަށާއި ޢިލްމަށް އިންވެސްޓްކޮށްގެން، އަޅުގަނޑުމެންގެ ކަނޑުގެ މާހައުލު ރައްކާތެރިކޮށް، އެއަށް ބަރޯސާވާ ދިރިއުޅުންތައް ހިމާޔަތްކޮށްގެން އަންނަން އޮތް ޖީލުތަކަށްޓަކައި ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރެވޭނީ،" ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ސައިންޓިފިކް ދާއިރާގެ ގާބިލުކަން އިތުރުކުރުމަކީ އަންނަން އޮތް ޖީލުތަކަށްޓަކައި ކުރަންޖެހޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ. ސަރުކާރުގެ އަމާޒަކީ ބައިނަލްއަގުވާމީ މާހިރުންނާއި ގުޅިގެން، ކަނޑުގެ ދިރާސާތަކަކީ ދިވެހިންގެ އަމިއްލަ ބާރުވެރިކަން އޮތް މަސައްކަތްތަކަކަށް ހެދުން ކަމަށާއި، މިއީ ރާއްޖޭގެ މާދަމާގެ ސައިންސްވެރިންނާއި ލީޑަރުން ބިނާކުރުމަށް ލިބޭ ބާރެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ މި ސިމްޕޯޒިއަމްގެ މިއަހަރުގެ އެޑިޝަންގައި ޖުމްލަ 47 ދިރާސާއެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ ތެރޭގައި 32 އޯރަލް ޕްރެޒެންޓޭޝަނާއި 15 ޕޯސްޓަ ޕްރެޒެންޓޭޝަން ހިމެނޭއިރު، މި ކަރުދާސްތައް މައިގަނޑު ފަސް ދާއިރާއަކަށް ބެހިގެންވެއެވެ.

މި ސިމްޕޯޒިއަމްގެ ސަބަބުން ރާއްޖޭގެ ކަނޑުތަކާ ގުޅޭގޮތުން ކުރެވޭ ތަފާތު ދިރާސާތައް އެއް ތަނަކުން ހިއްސާކޮށް، ސިޔާސަތުތައް އެކުލަވާލުމުގައި ޢިލްމީ ހޯދުންތަކުގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.

comment ކޮމެންޓް