ވޮޝިންޓަން (4 އޮގަސްޓް 2026): އެމެރިކާ އެދޭ ގޮތަށް އީރާން ބޯލަނބައި އީރާން ކިޔަމަން ކުރެވޭނެ ގޮތަކީ ކޮބައިތޯ ބެލުމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑުން އެ ކޮމާންޑަށް ނިސްބަތްވާ އެމެރިކާގެ ސިފައިންގެ ޚިޔާލާއި މަޝްވަރާއަށް ހުޅުވާލައިފިއެވެ.
އެމެރިކާގެ މަޝްހޫރު ބައެއް ނޫސްތައް ބުނާ ގޮތުން އީރާން ކިޔަމަން ކުރެވޭނެ އަދި އެމެރިކާގެ ޝަރުތުތައް ގަބޫލުކޮށްގެން ހަނގުރާމަ ހުއްޓާލުމަށް އީރާން އެއްބަސް ކުރެވޭނެ އަދި އެކަމަށް އީރާނަށް މަޖުބޫރު ކުރެވޭނެ އަސްކަރީ ފޯމިއުލާއެއް ހޯދުމަށް އެމެރިކާގެ ސެންޓްރަލް ކޮމާންޑް ނުވަތަ ސެންޓްކޮމް ގެ ޖާސޫސީ ގޮފިން ވަނީ އެ ކޮމާންޑްގެ ސިފައިންނަށް އީމެއިލްތަކެއް ފޮނުވާފައެވެ.
ޚިޔާލު ހޯދުމަށް އެދިފައި ވަނީ އެމެރިކާ އެދޭ ފަދަ އެއްބަސްވުމަކަށް އައުމަށް މަޝްވަރާގެ މޭޒުގެ ދޮށަށް އައުމަށް އީރާން މަޖުބޫރުކުރެވޭނެ ފޯމިއުލާއެއް ހޯދުން ކަމަށް ސެންޓްކޮމްގެ މެއިލްގައި ބުނެފައި ވެއެވެ.
ސެންޓްކޮމްގެ ތަރުޖަމާނު ޓިމޮތީ ހޯކިންސް ވިދާޅުވީ ސެންޓްކޮމްއަކީ އެކޮމާންޑަށް ނިސްބަތްވާ ސިފައިންގެ އާދައިގެ މީހުންނާއި އޮފަސަރުންގެ ޚިޔާލު ވެސް ހޯދާ ކޮމާންޑެއް ކަމަށާއި ހުރިހާ ފަންތިތަކެއްގެ ސިފައިންނާއި އޮފިސަރުންގެ ޚިޔާލު ވެސް އެ ކޮމާންޑުން ހޯދާކަމުގައެވެ.
"ބޭނުމަކީ އެމެރިކާ ބޭނުންވާ ނަތީޖާ ނެރުމަށް އެންމެ ރަނގަނޅު ފޯމިއުލާއެއް ހޯދުން،" އޭނާ ވިދާޅުވިއެވެ.
އެމެރިކާ އާއި އިސްރާއީލުން އިސްވެ އީރާން އާ ދެކޮޅަށް ފެށި އުދުވާނީ އަދި ޣައިރު ގާނޫނީ ހަނގުރާމައާއެކު އީރާން ވަނީ އެ ގައުމުގެ ކޮންޓްރޯލްގެ ދަށަށް ހުރުމުޒު ކަނޑުއޮޅި ގެނަސްފައެވެ.
އެކަނޑުއޮޅި އީރާނުގެ އަތްދަށުން މިނިވަން ކުރުމަށް އެމެރިކާގެ ސެންޓްކޮމް އިން ފެށި އަސްކަރީ އެތަށް އޮޕަރޭޝަނެއް ފަށައިފިއެވެ. ނަމަވެސް އެއިން އެއްވެސް އޮޕަރޭޝަނެއް މިހާތަނަށް ކާމިޔާބު ވެފައެއް ނުވެއެވެ.

އެމެރިކާގެ ސިފައިން ބައެއް --
އީރާނުގެ އަސްކަރީ ގާބިލްކަން ކަނޑުވާލުމަށް އެމެރިކާ ދޭ ހަމަލާތަކުން ވެސް މިހާތަނަށް މާބޮޑު ނަތީޖާއެއް ނެރެވިފައެއް ނުވެއެވެ. އަނެއްކޮޅުން އީރާނުގެ ރައްދު ހަމަލާތަކުގައި މެދުއިރުމަތީގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ލިބޭ ގެއްލުންތައްވެސް ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުން އެމެރިކާގެ ގިނަ އަސްކަރީ މަރުކަޒުތައް މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ.
އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ހަލާކުކޮށްލުމުގައި ވެސް އަދި އަސްކަރީ ސިނާއަތު ހަލާކުކޮށްލުމުގައި ވެސް އެމެރިކާއަށް މާބޮޑު ކާމިޔާބެއް އަދި ލިބިފައި ނުވާކަން ރިޕޯޓްތަކުން ވަނީ ހާމަވެފައެވެ. ސަބަބަކީ އޭގެ ގިނަ ތަންތަން ފަރުބަދަތަކުގެ އަޑީގައި ހުރުމެވެ.
އީރާން ވަނީ ހަނގުރާމަ ދާއިމީ ގޮތަކަށް ހުއްޓާލުމަށް މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހު އީރާން އާއި އެމެރިކާ ސޮއިކުރި އެއްބަސްވުމަށް އަމަލުކުރަން އަލުން ފެށުމަށް އެމެރިކާއަށް ގޮވާލާފައެވެ.
މި އެއްބަސްވުމުގައި ހިމެނޭ 90 އިންސައްތަ ކަންކަމަކީ އީރާނަށް ފައިދާވާ ގޮތަށް ހުރި ކަންކަން ކަމަށް ވާތީ މި އެއްބަސްވުމަށް އަމަލުކުރާކަށް އެމެރިކާ މިހާރު ބޭނުމެއް ނުވެއެވެ. އަދި އެމެރިކާ ބޭނުން ވަނީ ޝަރުތަކާ ނުލައި އީރާން އެމެރިކާއަށް އަމާން ދިނުމެވެ.
އެމެރިކާގެ އަސްކަރީ ބާރު ކިތަންމެ ވަރުގަދަ ނަމަވެސް އަދި 6 މަސް ދުވަސް ވަންދެން އީރާނާ ދެކޮޅަށް އެމެރިކާ ހަނގުރާމަކޮށް ބޮންއަޅައި އީރާނުގެ ގިނަ ތަންތަން ހަލާކު ކޮށްލާފައިވީ ނަމަވެސް އެމެރިކާ ބޭނުންވާ އެއްވެސް ސިޔާސީ މަގްސަދެއް މި ހަނގުރާމައިން އަދި ހާސިލް ވެފައެއް ނުވެއެވެ.
އީރާނަށް އެއްގަމު މަގުން އަރައި ހަނގުރާމަ ކުރުމަށްވެސް އެމެރިކާ ވަނީ ވަރަށް ބޮޑަށް ފަސްޖެހިފައެވެ. އީރާނުން ގަލްފުގައިވާ ތެލުގެ މަރުކަޒުތައް ހަލާކޮށްލަފާނެތީ އީރާނުގެ ތެލުގެ މަރުކަޒުތަކަށް ހަމަލާދީ އެތަންތަން ހަލާކުކޮށްލުމަށް ވެސް އެމެރިކާ ވަނީ ފަސްޖެހިފައެވެ.
މީގެ އިތުރުން އީރާން އަތުން ހޮރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ނަގައި އެތަން ހުޅުވައިލުމުގައި ވެސް އެމެރިކާގެ އަސްކަރިއްޔާ ވަނީ ނާކާމިޔާބުވެފައެވެ.