އަނެއްކާވެސް "ނަރަކައިގެ ދޮރުތައް" ހުޅުވާލާނެކަމަށް ވިދާޅުވެ ޓްރަމްޕްގެ ފަހުގެ އިންޒާރު އީރާނަށް!

ޓްރަމްޕް --

ވޮޝިންޓަން (4 އޮގަސްޓް 2026): މިއީ އީރާނަށް ދޭ އެންމެ ފަހުގެ ފުރުސަތު ކަމަށް ވިދާޅުވެ އެމެރިކާ އެދޭފަދަ އެއްބަސްވުމަކަށް އައުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަނެއްކާ ވެސް އީރާނަށް އައު އިންޒާރެއް ދެއްވައިފިއެވެ.

ޓްރަމްޕް އޭނާގެ ޓުރުތް ސޯޝަލް ގައި ވިދާޅުވެފައިވަނީ އީރާން ޖެހޭނީ ހުރުމުޒު ކަނޑުއޮޅިއާއި ނިއުކްލިޔާ މައްސަލާގައި އެމެރިކާ އެދޭފަދަ އެއްބަސްވުމަކަށް އައުން ކަމަށާ ނޫނީ އީރާން ކުރިމަތީގައި ނަރަކައިގެ ދޮރުތައް ހުޅުވާލާނެކަމުގައެވެ.

މިއީ މިމޭރުމުން ޓްރަމްޕް އީރާނަށް އިންޒާރު ދެއްވާ ފުރަތަމަ ފަހަރެއް ނޫނެވެ. މިފަދަ އެތައް އިންޒާރެއް އޭނާވަނީ އީރާނަށް ދެއްވާފައެވެ.

ޓްރަމްޕް މިހެން ވިދާޅުވެ އިންޒާރު ދެއްވިއިރު އީރާން ބުނެފައިވަނީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަމުގައެވެ. "ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރަން ބޭނުންވާނަމަ އެމެރިކާއަށް އޮތީ މިދިޔަ ޖޫންމަހުގެ 18 ވަނަ ދުވަހު އީރާންއާއެކު ސޮއިކުރި އެމްއޯޔޫ އަށް އަމަލުކުރަން ފެށުން،" އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ.

އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވީ އެމެރިކާގެ ރައީސް ސޮއިކުރައްވާ އެއްބަސްވުންތަކުގެ އެއްވެސް އަގެއް އެމެރިކާގެ ކުރިމަތީގައި ނެތްކަމުގައެވެ. އެމެރިކާގެ ރައީސް ސޮއިކުރާ އެއްބަސްވުންތަކަށް އެމެރިކާ އިހުތިރާމް ނުކުރާއިރު ދެން އެމެރިކާއާ މުއާމަލާތް ކުރާނީ ކިހިނެތްތޯ ބަގާއީ ވަނީ ސުވާލުކުރައްވާފައެވެ.

ޓްރަމްޕް ވަނީ މިދިޔަ ޖޫންމަހުގެ 18 ވަނަ ދުވަހު އީރާންއާއެކު ސޮއިކުރި އެމްއޯޔޫ އާ ޚިލާފަށް އޭގެ ހައެއްކަ ދުވަސްފަހުން އީރާނަށް އިސްވެ ހަމަލާދީ އީރާނުގެ މަދަނީ އަދި އަސްކަރީ ތަންތަނަށް ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގައި އީރާނުގެ އާންމުންގެ އެތަށް ބަޔަކުވަނީ ޝަހީދުކޮށްލާފައެވެ.

ރައްދުގައި އީރާންވެސް ވަނީ މެދުއިރުމަތީގައިވާ އެމެރިކާގެ މަރުކަޒުތަކަށް ގަދަފަދަ ހަމަލާތަކެއް ދީ އެމެރިކާގެ ބައެއް ސިފައިން މަރާލައި އެމެރިކާގެ އަސްކަރީ ބައެއް ބޯޓުތަކާއި ޖެޓްތައް ހަލާުކުކޮށްލާފައެވެ.

އީރާން އާ ދެކޮޅަށް އެމެރިކާ ފަށާފައިވާ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ޓަކައި އިއްޔެ އަލުން އީރާން އާއެކު މަޝްވަރާތައް ފަށާފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވީނަމަވެސް އެކަން ދޮގުކުރައްވައި އީރާނުގެ ތަރުޖަމާން އިސްމާއީލް ބަގާއީ ވިދާޅުވީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަމުގައެވެ.

ނަމަވެސް ހުރުމުޒު ކަނޑުއޮޅީގެ މައްސަލާގައި އުމާން އާއެކު އީރާނުން މަޝްވަރާތަކެއް ކުރިއަށް ގެންދާކަން އޭނާ ފާހަގަ ކުރެއްވިއެވެ. މި މަޝްވަރާތައް ބިނާކުރީ ހުރުމުޒު ކަނޑުއޮޅި އަށް ވަނުމުގެ މަގު އުމާންގެ ސަރަހައްދުން ދިނުމަށާއި އެކަނޑުއޮޅިން ނުކުތުމުގެ މަގު އީރާނުގެ ކަނޑުގެ ސަރަހައްދުން ދިނުމާބެހޭގޮތުން ކަމަށް އިސްމާއީލް ބަގާއީ ވިދާޅުވިއެވެ.

މިގޮތަށް އެއްބަސްވެވިއްޖެނަމަ ހުރުމުޒުގެ މައްސަލަ ހައްލުކުރެވިދާނެކަމަށް އޭނާ ވިދާޅުވިއެވެ. ހުރުމުޒު ގެ މައްސަލަ ހައްލުކުރެވޭނީ އެކަނޑުއޮޅިއަށް އީރާނުގެ ކޮންޓްރޯލް އޮންނަ ގޮތަށް ކަމަށާ އެނޫންގޮތަކަށް އެކަނޑުއޮޅި ދެން ހުޅުވައި ނުލާނެކަމަށްވެސް ބަގާއީ ވިދާޅުވިއެވެ.

ޓްރަމްޕް އީރާން އާ ދެކޮޅަށް ފެށި ހަނގުރާމައިގެ ކުރީގައި ހުރުމުޒު އޮތް ހާލަތަށް ދެން ދުވަހަކުވެސް އެތަން ނުދާނެކަމަށް ބަގާއީ ވިދާޅުވިއެވެ.

އީރާނަށް ފަހުގެ ފުރުސަތު ދޭ ކަމަށް ބުނެ އެތަށް ފަހަރަކު އެމެރިކާގެ ރައީސް ޓްރަމްޕް މީގެކުރިންވެސް ވާހަކަ ދައްކަވާފައި ވެއެވެ. އީރާން އާއެކު އެއްބަސްވުމަކަށް އާދެވިއްޖެ ކަމަށް ވިދާޅުވެވެސް އެތަށް ފަހަރަކު ޓްރަމްޕް ވާހަކަ ދައްކަވާފައިވެއެވެ. ނަމަވެސް ފަހުން ދައްކަވަނީ އެއާ މުޅިން ޚިލާފު ވާހަކަތަކެކެވެ.

އީރާނުގެ ތެލުގެ މަރުކަޒުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށް ބުނެ ޓްރަމްޕް ދިން އިންޒާރުތަކުގެ ސުންގަޑި ހަމަވާން ގާތްވެފައި ވަނިކޮށް މީގެ ދެދުވަސް ކުރިން ޓްރަމްޕް ވަނީ އެ ހަމަލާތައް އީރާނަށް ނުދޭން ނިންމައި އެކަން މިވަގުތަށް ކެންސަލް ކުރެއްވިކަން އިއުލާން ކުރައްވާފައެވެ.

comment ކޮމެންޓް