ރެމޯގެ އާ ފިލްމަށް ނުޝްރަތު އާއި ޕަޝްމީނާ ރޯޝަން

އިންޑިއާގެ ކުޅަދާނަ ނެށުންތެރިޔާ އަދި މިހާރު ފިލްމު ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ރެމޯ ޑިސޫޒާގެ އާ ފިލްމުގެ ލީޑް ބަތަލާއިންގެ ގޮތުގައި ނުޝްރަތު ބަރޫޗާ އާއި ޕަޝްމީނާ ރޯޝަން ހަމަޖައްސައިފި ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.

މި މަހުގެ އެއް ވަނަ ދުވަހު ޝޫޓިންގް ފެށި މި ފިލްމަށް ވަކި ނަމެއް ކިޔާފައި ނުވާއިރު މިއީ ރެމޯ ޑައިރެކްޓްކޮށް އުފައްދާ ފިލްމެކެވެ. ނުޝްރަތު އާއި ޕަޝްމީނާގެ އިތުރުން ފިލްމުގެ ކާސްޓުން ފެންނާނެ އިތުރު ތަރިންގެތެރޭ، ޓައިގާ ޝްރޮފް، އަބީޝެކް ބެނަޖީ އަދި އެލްވިޝް ޔާދަވް ހިމެނެއެވެ.

މި އެކްޝަން ފިލްމަކީ ވިކީ ޖެއިން އަލަށް އުފެއްދި "ވީޖޭ ފްރޭމްސް" ބެނާގެ ދަށުން އުފައްދާ ފުރަތަމަ ފިލްމެވެ. މި ފިލްމުން ފެނިގެންދާނީ މުޅިން އާ ތަރިންގެ ޖޯޑުތަކެކެވެ.

ފިލްމު ޑައިރެކްޓަރު، ކޮރިއަގްރާފަރު ރެމޯ ޑިސޫޒަ އަދި އެކްޓަރު ޓައިގާ ޝްރޮފް--ފޮޓޯ/އިންޑިއާޓުޑޭ

ނުޝްރަތު އާއި ޕަޝްމީނާ ފުރަތަމަ ފަހަރަށް އެކުގައި ސްކްރީނުން ފެނިގެންދާއިރު، މިއީ މި ދެ ބަތަލާއިން ވެސް ޓައިގާއާ އެކު ފެންނާނެ ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ޓައިގާ، އަބީޝެކް އަދި އެލްވިޝް ޔާދަވް އެކުގައި މަސައްކަތްކުރާ ފުރަތަމަ ފިލްމަށް ވުމުން، މިއީ ތަފާތު ދާއިރާތަކުގެ ހުނަރުވެރިން އެކުވެގެން އުފައްދާ ވަރަށް ޝައުގުވެރި މަސައްކަތަކަށް ވާނެކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ރެމޯ މީގެ ކުރިން އުފައްދާފައިވާ ކޮމާޝަލް ފިލްމުތަކެކޭ އެއްފަދައިން، މި ފިލްމަކީ ވެސް ޒަމާނީ އެކްޝަން މަންޒަރުތަކާއި މުނިފޫހިފިލުވުމުގެ ބައިތައް އެކުލެވޭ ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ. ފިލްމުގެ ވާހަކަ ސިއްރުކޮށްފައި އޮތް ނަމަވެސް، މީގައި ހިމެނޭ ތަފާތު ކާސްޓުންގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން މިހާރުވެސް ފިލްމަށް ވަނީ ލިބިފައެވެ.

ރެމޯ އެންމެފަހުން ބެލުންތެރިންނަށް ގެނެސްދިނީ އަބީޝެކް ބައްޗަން އަދި ނޯރާ ފަތެހީ މުހިއްމު ރޯލްތަކުން ފެނުނު ފިލްމު "ބީ ހެޕީ"އެވެ.

comment ކޮމެންޓް