މީގެ 11 އަހަރު ކުރިން އިންޑިއާގެ މެޑިކަލް އެންޓްރަންސް އިމްތިހާނު (ނީޓް)ގެ ސުވާލު ކަރުދާސް ލީކުވުމާ ގުޅިގެން، އަލުން އެ އިމްތިހާނު ހަދަން ޖެހުމުން ކުރިމަތިވި ދަތި އުނދަގޫ ތަޖުރިބާތައް ބަތަލާ މަނޫޝީ ޗިލަ ހިއްސާކޮށްފިއެވެ.
މަނޫޝީ ޗިއްލާއަށް ދަރިވަރެއްގެ ހައިސިއްޔަތުން ކުރެވުނު ތަޖުރިބާތައް ކިޔައިދީފައި މިވަނީ، އިންޑިއާގެ ތައުލީމީ ނިޒާމާ މެދު އުފެދިފައިވާ ކަންބޮޑުވުންތަކާ އެކު މުޅި ގައުމުގައި ކުރިއަށްދިޔަ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓަރު ދަރުމެންދުރަ ޕްރަދާން މަގާމުން އިސްތިއުފާ ދެއްވިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ.
ކުރީގެ ބަތަލާ ސޯހާ އަލީ ޚާން އާއެކު ބޭއްވި ޕޮޑްކާސްޓެއްގައި ވާހަކަދައްކަމުން މަނޫޝީ ބުނީ، 2015 ވަނަ އަހަރުގެ އިމްތިހާނު އަލުން ހަދަން ޖެހޭނެކަން އެނގުމުން ކުރެވުނު އިހުސާސްތައް ވަރަށް ތަފާތު ކަމަށެވެ.
"މީގައި ދެ ކަމެއް އެބައޮތް. އެއީ އަހަރެންގެ އަމިއްލަ ތަޖުރިބާއާއި، ގައުމުގެ ގިނަ ދަރިވަރުންނަށް ކުރިމަތިވާ ހަގީގީ ހާލަތު ދެނެގަތުން. އަހަރެންގެ މައިންބަފައިންނަކީ މީގެ އަހަރުތަކެއް ކުރިން މިފަދަ މަރުހަލާއެއް ކަނޑަތުކޮށްފައިވާ ބަޔަކަށް ވާތީ، ނަފްސާނީ ގޮތުން އަހަރެން ހުރީ ތައްޔާރަށް. އެކަމަކުވެސް އެއީ ނުހަނު އުނދަގޫ ކަމެއް. ސަބަބަކީ އެ އިމްތިހާނަށް ތައްޔާރުވުމަށްޓަކައި ހުރިހާ ކަމެއް ގުރުބާންކުރަން ޖެހުނު. އަހަރެންނަކީ ނެށުންތެރިއެއް، ކުރެހުމަށް ލޯބިކުރާ މީހެއް. އެކަމަކު އިމްތިހާނަށް ހުސްވުމުގެ ގޮތުން އެއް އަހަރު ދުވަހަށް އެ ހުރިހާ ކަމެއް ހުއްޓާލަން ޖެހުނު،" މަނޫޝީ ކިޔައިދިނެވެ.

މަނޫޝީ، ސޮހާ އަލީ ޚާންގެ ޕޮޑްކާސްޓްގައި--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އޭނާ އިތުރަށް ބުނި ގޮތުގައި، އެތައް މަހެއްގެ ބުރަ މަސައްކަތަށް ފަހު، އަދި އިތުރު 45 ދުވަހު އެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެކަން އެނގުމުން، ނަފްސާނީ ގޮތުން ވަރަށް ބޮޑު އަސަރެއް ކުރިއެވެ. ނަމަވެސް، އޭނާއަށް އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމާއި ފުރުސަތުތަކަށް ޓަކައި ޝުކުރުވެރިވާކަން ފާހަގަކުރިއެވެ.
"މައިންބަފައިން ބާރުއެޅި އެންމެ މުހިންމު ކަމަކީ ކޮންމެ ދުވަހަކު ވެސް މަދުވެގެން އެއް ގަޑިއިރު ކަސްރަތު ކުރުމަށް. އެއީ ބާސްކެޓް ކުޅުން ކަމުގައި ވިޔަސް ނުވަތަ ޖިމަށް ދިއުން ކަމުގައި ވިޔަސް، އެކަމުގެ ސަބަބުން އިމްތިހާނުގެ ފިއްތުންތަކުން ބޭރުވެ، ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިވެދިން. އެކަމަކު އަހަރެންގެ ގިނަ ރަހުމަތްތެރިންނަށް އެ ފުރުސަތެއް ނުލިބޭ،" މަނޫޝީ ބުންޏެވެ.
މަނޫޝީ ބުނި ގޮތުގައި، އޭނާގެ ތަޖުރިބާ އުނދަގޫވި ނަމަވެސް، އެހެން ދަރިވަރުން އުފުލި ތަކުލީފުތަކާ އަޅާބަލާއިރު އެއީ އެންމެ ބޮޑު ދަތިކަމެއް ނޫނެވެ. އޭނާއަށް ފެނުނު ބައެއް ދަރިވަރުންގެ މައިންބަފައިންނަކީ ދަރިންނަށް ކޯޗިން ދިނުމަށްޓަކައި ކެރިކުޅަދާނަވެގެން ނުވާ މިންވަރަށް ދަރަނިވެފައިވާ މީހުންނެވެ. އަދި ބައެއް ދަރިވަރުންނަކީ އިމްތިހާނަށް ތައްޔާރުވުމަށް އަމިއްލަ ރަށް ދޫކޮށް އެހެން ސިޓީތަކަށް ގޮސް، ކުދިކުދި ތަންތަނުގައި ދިރިއުޅެމުންދިޔަ ކުދިންކަން އޭނާ ފާހަގަކުރިއެވެ.
އުމުރުން 29 އަހަރުގެ މަނޫޝީ 2017 ވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީގެ މުބާރާތުގައި ބައިވެރިވިއިރު ވެސް ދިޔައީ ޑޮކްޓަރުކަން ކިޔަވަމުންނެވެ. މަނޫޝީ އަކީ 17 އަހަރަށްފަހު މިސް ވޯލްޑްގެ ތާޖު ހާސިލްކުރި އިންޑިއާގެ ހަވަނަ ރީތީގެ ރާނީއެވެ.
މިސް ވޯލްޑްގެ ތާޖު ހާސިލުކުރުމަށްފަހު ފިލްމު އިންޑަސްޓްރީއިން ފަހިވި ފުރުސަތުތަކާ އެކު މަނޫޝީ ވަނީ ވަކި ހިސާބަކުން ކިޔެވުން މެދުކަނޑާލާފައެވެ. ބަތަލާ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ދެ ފިލްމު "ތެހެރާން" އަދި "މާލިކް"އިންނެވެ.