އުނަގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން ރަޝްމިކާ ބުނީ، އެއީ ހަށިގަނޑު މެޝިނެއް ފަދައިން މަސައްކަތް ކުރުވުމުގެ ނަތީޖާ ކަމަށް

އިންޑިއާގެ ބަތަލާ ރަޝްމިކާ މަންދަނާ--ފޮޓޯ/ބޮލީވުޑްހަންގާމާ

ދެކުނު އިންޑިއާގެ މަގުބޫލު ބަތަލާ ރަޝްމިކާ މަންދަންނާއަށް ފިލްމު ސެޓުގައި ލިބުނު އަނިޔާގެ ސަބަބުން މަސައްކަތްތަކާ ދުރުގައި ހުންނަން ޖެހުމާ ގުޅިގެން، އޭނާގެ ސިއްހީ ހާލަތާ ބެހޭ ތަފްސީލު ސަޕޯޓަރުންނާ ހިއްސާކޮށްފިއެވެ.

ސޯޝަލް މީޑިއާއާ ކުޑަ ދުވަސްކޮޅަކަށް ދުރުގައި ހުރުމަށްފަހު، އިންސްޓަގްރާމް މެދުވެރިކޮށް އޭނާ ވަނީ މި ހާދިސާ ކިޔައިދީ، މިހާރު ހާލަތު ރަނގަޅުވަމުން އަންނަކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދީފައެވެ.

މި މެސެޖާއެކު ރަޝްމިކާ ވަނީ ގޭގައި އަރާމުކުރަމުންދާ ވަގުތުތަކުގެ ބައެއް ފޮޓޯތައް ވެސް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި އަމިއްލަ ސެލްފީތަކާއި، ފަޒްލް ކުޅުމާއި، މީރު ކާނާގެ އިތުރުން ހެޔޮއެދޭ ފަރާތްތަކުން ފޮނުވި ހަދިޔާތައް ސަޕޯޓަރުންނަށް ވަނީ ދައްކާލާފައެވެ.

ރަޝްމިކާ ހާމަކުރި ގޮތުގައި، ފުރަތަމަ އޭނާ ބޭނުންވީ މި އަނިޔާގެ ވާހަކަ ސިއްރުކުރާށެވެ. ނަމަވެސް ފަހުން ސަޕޯޓަރުންނަށް ކިޔައިދޭން ނިންމީއެވެ. އޭނާ ބުނި ގޮތުގައި މިއީ ވިދިވިދިގެން އޭނާއަށް ފިލްމު ސެޓެއްގައި ކުރިމަތިވި ތިންވަނަ އަނިޔާއެވެ.

ފިލްމު "މައިސާ"ގައި ރަޝްމިކާ ފެންނާނެ ގޮތުގެ ޕޯސްޓަރެއް ބެލުންތެރިންނަށް ހިއްސާކޮށްފައި--ފޮޓޯ/އިންސްޓަގްރާމާ

"އަހަރެންގެ ހަށިގަނޑަކީ މެޝިނެއް ނޫންކަމާއި، އެއީ އިންސާނެއްގެ ހަށިގަނޑުކަން ގަބޫލުކޮށް، އަމިއްލަ ނަފްސަށް ލޯތްބާއި އަޅާލުން ދޭން މިހާރު ދަސްކުރަން ޖެހިއްޖެ،" އޭނާ ލިޔެފައިވެއެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، މި އަނިޔާވީ އޭނާގެ ކުރިއަށް އޮތް ފިލްމު "މައިސާ"ގެ ނެށުމުގެ މަންޒަރެއް ނެގުމުގެ ތެރޭގައެވެ. އުނަގަނޑާއި ފައި ގުޅުވައިދޭ މައިގަނޑު ހަތަރު 'ޓެންޑަން'ގެ ތެރެއިން އެކަތި ވަނީ ވަކިވެފައެވެ. ފައި ހިއްލާލައި އާންމު ހަރަކާތްތައް ކުރުމަށްޓަކައި އެ ޓެންޑަން އަލުން ގުޅެންދެން ވަގުތު ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

ފިލްމު "މައިސާ" އަކީ ރަޝްމިކާ މިހާތަނަށް ކުޅުނު އެންމެ ބުރަ މަސައްކަތްތަކެއް ހިމެނޭ ފިލްމު ކަމަށާއި ލިބުނު އަނިޔާގެ ތަދު ހުރި ނަމަވެސް، ބަތަލާ ބުނީ ތަދުވި ނަމަވެސް އެއީ ކެތްނުކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށެވެ. ބަތަލާގެ ހާލު ރަނގަޅު ކަމަށާއި ކަންބޮޑުނުވުމަށް ވެސް ރަޝްމިކާ ވަނީ ސަޕޯޓަރުންގެ ކިބައިން އެދިފައެވެ.

މަސައްކަތުން ބްރޭކެއް ނަގަން ޖެހުމާ ގުޅޭގޮތުން ސަމާސާ ރާގަކަށް އޭނާ ބުނީ، މިއީ މަޑުޖެހިލުމަށް އޭނާއަށް ލިބުނު އިޝާރާތެއް ކަމަށެވެ. އެހެން ނޫންނަމަ އޭނާ ދުވަހަކުވެސް މަސައްކަތުން މެދުކަނޑާލައި އަރާމު ނުކުރާނެ ކަމަށް ބަތަލާ ވަނީ ބުނެފައެވެ.

ބަލިން ފަސޭހަވުމަށްފަހު، ރަޝްމިކާ ވަނީ ގިނަ ފިލްމުތަކެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައެވެ. އޭގެ ތެރޭގައި "މައިސާ"ގެ އިތުރުން ފިރިމީހާ ވިޖޭއާ އެކު ލީޑް ރޯލްއިން ފެންނާނެ ފިލްމު "ރަނަބާލީ"، "ޕުޝްޕާ 3"، "އެނިމަލް ޕާކް" އަދި "ރައްކާ"ހިމެނެއެވެ.

މިވަގުތު އޭނާގެ އެންމެ ބޮޑު އަމާޒަކީ އަވަހަށް ބަލިން ފަސޭހަވުމެވެ. އަދި އޭނާގެ ހާލަތު ރަނގަޅުވަމުންދާ ވަރަކަށް ސަޕޯޓަރުންނަށް މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށް ރަޝްމިކާ ވަނީ ވައުދުވެފައެވެ.

comment ކޮމެންޓް