މާލީ ހިސާބުތައް އާއްމު ނުކުރާތީ އެމްޓީސީސީ 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި

އެމްޓީސީސީގެ އެމްޑީ ސައުދީ -- ފޮޓޯ: އެމްޓީސީސީ

އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާތީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) 30،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)އިން ނެރުނު އިއުލާނެއްގައި ބުނީ ސެކިއުރިޓީޒް ދުކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން، އެމްޓީސީސީ ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އެއީ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ރިޕޯޓާއި، އެ އަހަރު އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާތީ 30،000 ރުފިޔާއިން ޖޫރިމަނާކުރީ ކަމަށް ސީއެމްޑީއޭއިން ބުންޏެވެ.

ކުރިން ބުނި ތާރީޚުތަކުގައި މާލީ ހިސާބުތައް ހާމަނުކުރެވި، އެމްޓީސީސީން ވަނީ އެކި ފަހަރު މަތިން މުއްދަތު އިތުރުކުރުމަށް ވެސް އެދިފައެވެ.

އެ ކުންފުނިން އާންމު ކުރަން ޖެހޭ މާލީ ތިން ރިޕޯޓެއް އެބަ އޮތެވެ. އޭގެތެރޭގައި، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބާއި މިދިޔަ އަހަރުގެ މާލީ ހިސާބާއި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބު ހިމެނެއެވެ.

އޭގެތެރެއިން، މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރުގެ މާލީ ހިސާބަކީ އެންމެ ލަސްވެގެން ވެސް މިދިޔަ މާރިޗު 10ގައި އާންމުކުރަން ޖެހޭ ރިޕޯޓެކެވެ. އެކަމަކު، އެ މުއްދަތު ފަހަނައަޅައި ގޮސް، ތިންވަނަ ފަހަރަށް އިތުރު ވަގުތަށް އެމްޓީސީސީން އެދުނެވެ.

https://sun.mv/223440

ފާހަގަކުރެވޭ ގޮތުގައި، އެމްޓީސީސީއަކީ އާންމުންގެ ހިއްސާ ވެސް އޮންނަ ކުންފުންޏެކެވެ. އެހެންވެ، ކުންފުންޏާ ގުޅޭ މާލީ ހިސާބުތައް ހިއްސާދާރުންނަށް ފެންނާނެހެން އާންމުކުރަންޖެހެއެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް އާންމުކުރާ ތާރީޚު ފަހަނައަޅައި ދިޔައިރު، ސަރުކާރު ކުންފުނިތަކުގެ މާލީ ހާލަތު ދަށްކަމުގެ ކަންބޮޑުވުން އިގްތިޞާދީ ބޭފުޅުން އަންނަނީ ފާޅުކުރަމުންނެވެ. އަދި ސަރުކާރުގެ އެތައް މަޝްރޫއެއް އެއްފަހަރާ އެ ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު އެ ކަންކަން ހިންގުމުގައާއި އެ ކަންކަމަށް ފައިސާ ހޯދުމުގައި ވެސް ކުންފުނިތަކަށް ދަތިތަކާ ކުރިމަތިވާކަމުގެ ކަންބޮޑުވުން ސިޔާސީ ވާދަވެރިން އަންނަނީ ފާޅުކުރަމުންނެވެ.

comment ކޮމެންޓް