އެމްއެސްއެސްގެ ބޯޓުން ވެއްޓުނު 17 ކޮންޓެއިނަރު ނެގުމުގެ މަސައްކަތް ދަނީ ކުރަމުން: އެމްއެސްއެސް

އެމްއެސްއެސްގެ އުޅަނދެއް: އެމްއެސްއެސްގެ ބޯޓުން ވެއްޓުނު 17 ކޮންޓެއިނަރު ނެގުމުގެ މަސައްކަތްކުރާ ކަމަށް އެ ކުންފުނިން ބުނެފި - ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ރާއްޖޭގެ މައި ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އުޅަނދުން ކަނޑަށް ވެއްޓުނު 17 ކޮންޓެއިނަރު ނެގުމުގެ މަސައްކަތް ކޮލަމްބޯގެ ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ސްރީލަންކާގެ 'ޑެއިލީމިރާ'އިން ރިޕޯޓުކޮށްފައިވާ ގޮތުގައި "އެމްވީ އެމްއެސްއެސް ގްރެފީން"އިން 17 ހުސް ކޮންޓެއިނަރެއް ކަނޑަށް އެޅުނީ އިއްޔެ ނޫން ކުރީ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކޮލަމްބޯގެ ބަނދަރާ މާ ދުރު ނޫން ހިސާބަކުންނެވެ.

ކޮލޮމްބޯގެ އިންފޮމޭޝަން ފިއުޝަން ސެންޓަރު (އައިއެފްސީ)އާ ހަވާލާދީ ޑެއިލީމިރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ މަހުގެ 28ވަނަ ދުވަހު މާލޭން ފުރި އެމްވީ އެމްއެސްއެސް ގްރެފީންގައި ހުރި ކޮންޓެއިނަރުތައް ކަނޑަށް އެޅުނީ ކަނޑު ގަދަވުމުގެ ސަބަބުންނެވެ.

https://www.sun.mv/225475

'ސަން'އަށް މައުލޫމާތު ދެމުން އެމްއެސްއެސްގެ ޗީފް ކޮމާޝަލް އޮފިސަރު ތޯޙާ މުޙައްމަދު މިއަދު ވިދާޅުވީ އެ ކޮންޓެއިނަރުތަކަކީ ހުސް ކޮންޓެއިނަރު ތަކެއް ކަމަށާއި އެ އުޅަނދަކީ ކޮލަމްބޯއަށް މުދާ ބަލައިދިޔަ އުޅަނދެއް ކަމަށެވެ.

ތޯޙާ ވިދާޅުވި ގޮތުގައި އެ ކޮންޓެއިނަރުތައް ކަނޑަށް އެޅުނީ މޫސުން ގޯސްވުމުގެ ސަބަބުން ވައިގަދަވެ ކަނޑުގެ ރާޅުތައް ބޮޑުވުމުގެ ސަބަބުންނެވެ. އެގޮތުން އެ ކޮންޓެއިނަރުތަކަކީ ރާޅުގަނޑުގައި ޖެހި ބޯޓު ތަޅުވާލި ވަގުތު ވެއްޓުނު 17 ހުސް ކޮންޓެއިނަރު ކަމަށް އޭނާ ވިދާޅުވިއެވެ.

މޫސުން ގޯސްވި ވަގުތު ބޯޓު ތަންކޮޅެއް ބޮޑަށް ރޯލްވި ގަޑިއެއްގައި މަތީގައި ހުރި ހުސް ކޮންޓެއިނަރުތަކުގެ ތެރެއިން 17 ކޮންޓެއިނަރު ވެއްޓުނީ ކަނޑަށް. އަނެއްހެން މީހަކަށް ވެސް މުދަލަކަށް ވެސް އެއްވެސް ގެއްލުމެއް ނުވޭ. ދެން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބޯޓުގެ ކޮންޓްރޯލް އެއްކޮށް ނަގާފައި ސެކިއުއާ ކުރެވިއްޖެ ބާކީހުރި ކޮންޓެއިނަރުތައް،އެމްއެސްއެސްގެ ޗީފް ކޮމާޝަލް އޮފިސަރު ތޯޙާ މުޙައްމަދު

ތޯޙާ ވިދާޅުވީ ކޮންޓެއިނަރުތައް މޫދަށް ވެއްޓުނު ވަގުތު މޫސުން ގޯސްވުމުގެ ސަބަބުން އެ ނެގުމުގެ އެއްވެސް މަސައްކަތެއް ނުކުރެވުނު ކަމަށެވެ. ނަމަވެސް މިހާރު އެ ކުންފުނީގެ ލަންކާ އެޖެންޓާއި ކަމާގުޅުންހުރި އިދާރާތައް ގުޅިގެން އެ ކޮންޓެއިނަރުތައް ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިހާރު ކުރިއަށް ދަނީ އިދާރާތަކާ ގުޅިގެން އެކަން ކުރާނެ ގޮތުގެ ޕްލޭންތައް ކުރުމުގެ މަސައްކަތް ކަމަށާއި އެ ކޮންޓެއިނަރުތައް ނަގާނީ ކަމާބެހޭ އިދާރާތައް ގުޅިގެން ދިރާސާތައް ކުރުމަށް ފަހުގައި ކަމަށް ތޯޙާ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ސްރީލަންކާގެ މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ އިދާރާއިން ވަނީ ކޮންޓެއިނަރުތައް އެޅުނު ސަރަހައްދުން ދަތުރުކުރާ ފަރާތްތަކަށް ސަމާލެއް ނެރެފައެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގީ ކޮލޮމްބޯގެ ބަނދަރާ ހުޅަނގުން 17 ނޯޓިކަލް މޭލު ދުރުންނެވެ.

ސްރީލަންކާގެ ނޭވީން ވަނީ ކަން ހިނގާ ގޮތް ބެލުމަށްޓަކައި އެ ސަރަހައްދަށް ކަނޑު އުޅަނދުފަހަރު ފޮނުވައިފައެވެ.

comment ކޮމެންޓް