މަސައްކަތަށް ހުރަސްއެޅޭ ފަދަ ފަރުވާކުޑަ މުވައްޒަފުން ސިޓީ ކައުންސިލުގައި އެބަތިބި: މޭޔަރު އާޒިމް

މޭޔަރު އާދަމް އާޒިމް، ސިޓީ ކައުންސިލްގެ ޖަލްސާއެއްގައި -- ފޮޓޯ: މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ފަރުވާކުޑަ ބައެއް މުވައްޒަފުން އެބަތިބި ކަމަށާއި، އެފަދަ މުވައްޒަފުން ޒިންމާތަކުން ދުރުކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގައި އެދިފައިވާނޭ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެސްއެސް ޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ކައުންސިލްގައި ރަނގަޅަށް ޒިންމާ އަދާނުކޮށް ފަރުވާކުޑަކުރާ މުވައްޒަފުން ތިބުމަކީ މުޅި މުއައްސަސާގެ މަސައްކަތަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށެވެ.

މޭޔަރު ފާހަގަކުރެއްވި ގޮތުގައި ބައެއް މުވައްޒަފުންގެ ފަރާތުން ކައުންސިލަށް އެއްވެސް ޚިދުމަތެއް ނުލިބޭއިރު، އޭގެ ސަބަބުން ތަން ހަރުދަނާކުރަން ވަނީ ވަރަށް ބޮޑަށް އުނދަގޫވެފައެވެ.

"އަސްލު އެތަނެއްގައި ހަރުދަނާ ނޫން، މަސައްކަތަށް މަކަރުހަދާ، ފަރުވާކުޑަ މުވައްޒަފުން ތިބުމުން ތަން ކުރިއެރުމަށް ހުރަސް އެޅޭ،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިވަގުތު ވެސް ކައުންސިލްގައި ޒިންމާ އަދާކުރާނެ މުވައްޒަފުން މަދު ނަމަވެސް، މަސައްކަތް ނުކުރާ މުވައްޒަފުން ދުރުކޮށްގެން ނޫނީ ކަންކަން ހައްލުނުކުރެވޭނެ ކަމަށެވެ.

https://sun.mv/225503

މުވައްޒަފުންގެ ހާޒިރީއާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ބައެއް މުވައްޒަފުން އެއްދުވަހު އޮފީހަށް ހާޒިރުވެއްޖެނަމަ ޖެހިގެން އަންނަ ދުވަހު ހާޒިރުނުވާ ކަމަށެވެ. އަދި މުޅި މަހުގެ ހާޒިރީއަށް ބަލާއިރު 30 އިންސައްތަ އޮފީހަށް ހާޒިރުނުވާ މުވައްޒަފުން ކައުންސިލްގައި އެބަތިބި ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މީގެ އިތުރުން ހެނދުނު އޮފީހަށް އައިސް ކާޑު ޖެހުމަށްފަހު، ސަޔަށާއި ކޮފީއަށް ގޮސް ބޭރުގައި ވަގުތު ހޭދަކުރުން ފަދަ ނޭދެވޭ އަމަލުތައް ހުއްޓުވަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ރައްޔިތުންނަށް ޚިދުމަތެއް ދޭން މަސައްކަތް ކުރަމުން ގެންދާއިރު، އެކަމަށް ސިވިލް ސާވިސްއިން އެއްބާރުލުން ނުދިނުމުން އެ ކޮމިޝަނުގެ ތެރޭގައި ވެސް މައްސަލަތަކެއް އުޅޭކަމަށް ގަބޫލުކުރެވޭ ކަމަށް އާޒިމް ވިދާޅުވިއެވެ. މޭޔަރު އިތުރަށް ވިދާޅުވީ، ޒިންމާ އަދާނުކުރާ މުވައްޒަފުން އެހެން ތަނަކަށް ބަދަލުކުރަން ނުވަތަ އަނބުރާ ގެންދަން ޖެހޭ ކަމަށެވެ.

ނިންމަވާލައްވަމުން އާޒިމް ވިދާޅުވީ، ފަރުވާކުޑަ މުވައްޒަފުންގެ ބަދަލުގައި މަސައްކަތަށް ގާބިލް، ތައުލީމީ އަދި އަޚްލާގު ރަނގަޅު މުވައްޒަފުން ކައުންސިލަށް ލިބޭނެ ގޮތް ސިވިލް ސާވިސްއިން ހަމަޖައްސައިދޭން ޖެހޭ ކަމަށެވެ. އަދި އެފަދަ މުވައްޒަފުން ގޮވައިގެން ރައްޔިތުންނަށް އެދެވޭ ޚިދުމަތެއް ނުދެވޭނެ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

comment ކޮމެންޓް