މާލޭގެ ގެތަކުން މަގުމައްޗަށް ކުނި އުކަނީ ވެމްކޯއަށް ޒިންމާ އަދާނުކުރެވޭތީ: އާޒިމް

ވެމްކޯގެ އިސްވެރިންތަކެއް: --- ފޮޓޯ/ ވެމްކޯ

މާލޭގެ ގެތަކުން ކުނި ނެރެ މަގުމައްޗަށް އުކަން ޖެހެނީ، ކުނި މެނޭޖުކުރުމުގެ ޒިންމާ މަތިކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އަށް އެ ކުންފުނީގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެވޭތީ ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެސްއެސް ޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މޭޔަރު ވަނީ ވެމްކޯގެ ހިދުމަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އާޒިމް ވިދާޅުވީ ވެމްކޯއަކީ ގޭބިސީތަކުން ކުނި ނެގުމާއި، ކުނި އުކާލުމުގެ ހިދުމަތް ފޯރުކޮށްދިނުމަށް އުފައްދާފައިވާ ހާއްސަ ކުންފުންޏެއް ކަމަށާއި، ނަމަވެސް އެ ޒިންމާ އަދާކުރުމުގައި އެ ކުންފުނި އިހުމާލުވަމުންދާ ކަމަށެވެ.

ޚާއްސަކޮށް ކުނިގޮނޑުގައި ރޯވުން ފަދަ ހާދިސާތަކާ ގުޅިގެން ގެތަކުން ކުނި ނުގެންދެވޭނެ ކަމަށް ބުނެ ބަހަނާ ދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ އިތުރު ޕްލޭނެއް ވެމްކޯގައި އޮންނަންޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ކައުންސިލްތައް އުފެދިގެން އައި އިރުގައި ވެސް ވެމްކޯ އޮތީ އުފެދިފައި. އެހެން ނަމަވެސް ވެމްކޯއިން ވަނީ އެ މީހުންގެ ޒިންމާތަކަށް ވަރަށް ބޮޑަށް އިހުމާލުވެފައި. އެ ކުންފުނިން އަދާކުރަން ޖެހޭ އެއްވެސް ޒިންމާއަކަށް އަޅައިނުލާ. އެހެންވެ ގޭގެއިން މަގުމައްޗަށް ކުނި އަޅަނީ،" އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ވެމްކޯގެ މަސައްކަތަކީ އެ މީހުންގެ ޒިންމާ އަދާނުކޮށް ކޮންމެވެސް ބައެއްގެ ބޮލުގައި އިލްޒާމްތަކެއް އެޅުވުންކަމަށެވެ. އަދި އެފަދަ ކުންފުނިތަކުގައި އިސް މަގާމުތަކުގައި ތިބޭ ވެރިން އެއްބަޔަކު އަނެއްބައެއް ބަދުނާމުވާ ފަދަ ވަހަކަދައްކާހެދުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށް ދެކިލައްވާ ކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މާލެ ސާފުތާހިރު ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ، ކޮންމެ ދުވަހަކު ހެނދުނު ކައުންސިލްގެ މުވައްޒަފުން ނުކުމެ މާލެތެރެ ކުނިކަހާ ސާފުކުރަމުންދާ ކަމަށެވެ. ނަމަވެސް ހުޅުމާލެ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ނުވާތީ އެ ސަރަހައްދު ސާފުކުރުމުގައި ދަތިތަކެއް ހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

ވެމްކޯއަށް ފާޑުވިދާޅުވަމުން އާޒިމް ވިދާޅުވީ "ކޮންމެ ބޭފުޅަކު ވެސް އެ ބޭފުޅަކާ މަތިކޮށްފައިވާ ޒިންމާތައް އަދާނުކުރެވޭ ނަމަ އިސްތިއުފާ ދެއްވާފައި ވަޑައިގަތުމަކީ އެންމެ ރަނގަޅު ގޮތް" ކަމަށެވެ. އަދި ވެމްކޯގެ ވެރިން އެހެން މުއައްސަސާތަކުގެ ބޮލުގައި ކަންކަމުގެ އިލްޒާމު އެޅުވުމަކީ ނާތަހުޒީބު އަމަލެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މާލޭގެ ގެތަކުން ކުނި ގެންދިއުމަށް ވެމްކޯއަށް ގުޅުމުން، ބައެއް ފަހަރު ހަފްތާއެއް ފަހުން ނޫނީ ކުނި ނުގެންދެވޭނެ ކަމަށް ބުނާ ކަމަށް މޭޔަރު ވިދާޅުވިއެވެ. މި މައްސަލަތައް ހައްލުކުރުމަށް ވެމްކޯގެ އިސްވެރިންނާ ބައްދަލުކުރުމަށް ސިޓީ ކައުންސިލުން ސިޓީ ފޮނުވައި، ފޯނުން ގުޅައިގެން މަސައްކަތް ކުރި ނަމަވެސް، އެއްވެސް އެދެވޭ އިޖާބައެއް ލިބިފައި ނުވާ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލްގެ މެންޑޭޓަކީ މާލެތެރެ ބެލެހެއްޓުން ކަމަށްވާއިރު، ވެމްކޯއަށް ޒިންމާ އަދާނުކުރެވޭތީ މަގުމައްޗަށް ނެރޭ ކުނިތައް އުކާލުމުގެ ބުރަ ވެސް އުފުލަން ޖެހިފައިވަނީ ކައުންސިލަށް ކަމަށާއި އެކަމަށް ވެސް އެތައް ހޭދައެއް ކުރަން ޖެހޭކަން އާޒިމް ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް