ޖަނގިޔާ ތެރޭގައި މަސްތުވާތަކެތި ފޮރުވައިގެން ގެންގުޅުނު އަންހެނެއްގެ މައްޗަށް އުފުލި ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އަނބުރާ ގެންދަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމި މައިގަނޑު ސަބަބަކީ، އެ ކަމުގައި އޭނާގެ ކުށުގެ ނިޔަތް އޮތްކަން ސާބިތުކޮށްދެވޭނެ ހަރުދަނާ ހެއްކެއް ނެތުން ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އާންމު އުސޫލަކުން މިފަދަ މައްސަލަތަކުގައި އެކަކު އަތުން ފެންނަ ތަކެތީގެ ޒިންމާ އަނެކަކު ނެގި ނަމަވެސް ދައުވާ އަނބުރާ ނުގެންދާނެ ކަމަށެވެ.
ނަމަވެސް، ވަކިވަކި މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތުން މިފަދަ ނިންމުންތައް ނިންމަން ޖެހޭ ހާލަތްތައް މެދުވެރިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕީޖީން ބުނިގޮތުގައި މި މައްސަލައިގައި، ފުލުހުން ފެނުމާއެކު ކުއްލިއަކަށް ކުރިމަތިވި ހާލަތުގައި، ފިރިމީހާ ސަލާމަތް ކުރުމުގެ ގޮތުން އޭނާ ބުނުމަށް އަނބިމީހާ އެ ތަކެތި ފޮރުވައިދިނުމުގެ ފުރުސަތު އޮތް ކަމަށް ބެލެވެއެވެ.
ނަމަވެސް އަންހެން މީހާގެ ދައުވާ ދޫކޮށްލަން ނިންމި މައިގަނޑު ސަބަބުތަކުގެ ގޮތުގައި ޕީޖީ އޮފީހުން ފާހަގަކުރީ ފިރިމީހާ އަތަށް ދިން އެތި އަންހެން މީހާ ފޮރުވީ އެއީ ކޯންޗެއްކަން އެނގިހުރެ ކަން ނުވަތަ ނޫންކަން ސާބިތުކޮށްދެވޭނެ ހަރުދަނާ ގޮތެއް ނެތުމެވެ.
އަދި އޭނާގެ ކިބައިގައި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ނިޔަތް އޮތްކަން ދައްކައިދޭނެ ހެއްކެއް ފެންނާކަށް ނެތް ކަމަށް ބުންޏެވެ.
މީގެ އިތުރުން އެ އަންހެން މީހާއަކީ މި މައްސަލަ ފިޔަވައި އިތުރު އެހެން އެއްވެސް ކުށުގެ ރެކޯޑެއް އޮތް މީހެއް ނޫންކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ފިރިހެން މީހާގެ، މަސްތުވާތަކެތީގެ އެކި މައްސަލަތަކުގެ ރެކޯޑު އޮތް ކަމަށާއި އޭނާއަކީ ކުރިންވެސް މިފަދަ އެއްޗެހި ބޭނުންކުރާ މީހެއްކަން އެނގޭކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އަންހެން މީހާގެ އަތުން ފެނުނު ތަކެތީގެ ޒިންމާ ފިރިމީހާ ކޯޓުގައި ނަގާފައިވާތީ، އަންހެން މީހާއާ ދެކޮޅަށް އިތުރަށް ދައުވާ ކުރިއަށް ގެންދިއުމުގެ މަސްލަހަތެއް ނެތްކަމަށް ވެސް ޕީޖީން ބުންޏެވެ.
މި މައްސަލައަކީ 2024 ނޮވެމްބަރު 18 ގައި ލ. އަތޮޅުގައި ހިންގި އޮޕަރޭޝަނެއްގައި ހއ. ހޯރަފުށްޓަށް ނިސްބަތްވާ އަންހެނަކާއި ލ. މާވަށު ފިރިހެނަކު ހައްޔަރުކުރި މައްސަލައެކެވެ.
އަންހެން މީހާ ބަލައި ފާސްކުރިއިރު އޭނާ ލައިގެން ހުރި ޖަނގިޔަލުގެ ތެރޭގައި ޕެޑެއްގެ މަތީގައި ޓޭޕް އަޅައި ފޮރުވާފައި ހުރި 9.2 ގްރާމްގެ ޑައިމޯފިން ފެނިފައިވެއެވެ.
މި މައްސަލައިގައި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ދައުވާ ކުރިއަށް ދަނިކޮށް، ފިރިހެން މީހާ ވަނީ އެ ތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް އިއުތިރާފުވެފައެވެ. އެހެންކަމުން ދައުލަތުން ވަނީ އަންހެން މީހާގެ މައްޗަށް ކުރި ޓްރެފިކިންގެ ދައުވާ ކުރިއަށް ނުގެންދަން ނިންމައި ކޯޓުން މައްސަލަ އަނބުރާ ގެންގޮސްފައެވެ.
ކުށަށް އިއުތިރާފުވި ފިރިހެން މީހާގެ މައްޗަށް ޑައިމޯފިން ޓްރެފިކް ކުރުމާއި ކެނެބިސް ބޭނުންކުރުމުގެ ކުށް ސާބިތުވެ، ޖުމްލަ 13 އަހަރަށްވުރެ ދިގު ޖަލު ހުކުމަކާއެކު 50،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ އިއްވާފައެވެ. އޭނާއަށް ލުއި އަދަބެއް ލިބުނީ ދައުލަތާއެކު ހެދި އިއުތިރާފު އެއްބަސްވުމުގެ ދަށުންނެވެ.