ހުޅުމާލޭން ކުނި އުކާލުމުގެ މަސައްކަތް ކުރާއިރު، ފަޅުތެރެއަށް ކުނި އެޅޭތީ އެ މައްސަލައިގެ ތަފުސީލުތައް ހޯދުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް މިއަދު ސުވާލުތަކެއް ހުށަހަޅުއްވައިފިއެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ޖަލީލަށް ކުޑޫ ފޮނުއްވި ސިޓީގައި ވަނީ، ހުޅުމާލޭގައި ކުނި އުކާލުމުގެ މަސައްކަތް ކުރާއިރު ބައެއް ކުނި ފަޅުތެރެއަށް އެޅިގެން ތިމާވެށި ތަޣައްޔަރުވަމުންދާ ކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.
އެ ކަމުގެ ސަބަބުން ހުޅުމާލޭގެ ރައްޔިތުންނަށް ކުރިމަތިވެދާނެ ސިއްހީ އަދި އިޖުތިމާއީ ނޭދެވޭ އަސަރުތަކުން ރައްކާތެރިކުރުމަކީ ވެމްކޯގެ ޒިންމާއެއް ކަމުގައި ދެކޭ ކަމަށް ކުޑޫ ވިދާޅުވިއެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް --- ފޮޓޯ/ މަޖިލިސްމި މައްސަލައިގެ އިތުރު ތަފުސީލުތައް ހޯދުމަށް ކުޑޫ ވަނީ، އެ ސިޓީގައި ސުވާލުތަކެއް ހުށަހަޅާފައެވެ. އެއީ:
- ވެމްކޯއިން ހުޅުމާލޭގެ ފަޅުތެރެއަށް ކުނި އެޅެން މެދުވެރިވާ މައިގަނޑު ސަބަބަކީ ކޮބައި ހެއްޔެވެ؟
- ކުނި އުފުލާ އުޅަނދުފަހަރު ފަޅުތެރެއަށް ކުނި އެޅެނީ ކޮން ފަދަ އިހުމާލަކުން ނުވަތަ ދަތިތަކަކާ ހުރެތޯ؟
- ފަޅު ތަޣައްޔަރުވުމުގެ ސަބަބުން ހުޅުމާލޭގެ ތިމާވެއްޓާއި ކަނޑުގެ ދިރުންތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަ ކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުންދޭތޯއާއި އެ ގޮތަށް އެ ކަން ކުރާނަމަ، އެ ކަންތައްތަކަކީ ކޮބައިތޯ؟
- ކުނީގެ ސަބަބުން ފަޅު ހަޑިވެ، ނުބައި ވަސް ދުވުމުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ ކޮބައިތޯ؟
- މި މައްސަލައާ ގުޅިގެން އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވެމްކޯއާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިވޭތޯ؟
- ހުޅުމާލޭގެ ފަޅު ސާފުކޮށް، ބެލެހެއްޓުމަށްޓަކައި ވެމްކޯއާއި އެޗްޑީސީ ގުޅިގެން އެއްވެސް މަސައްކަތެއް ކުރަމުން ދޭތޯ؟
- ކުނި އުފުލާ އުޅަނދުފަހަރުން ކުނި ބޭރުނުވާނެ ފަދަ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް ކުރެވެނީ ކޮން މަސައްކަތްތަކެއްތޯ؟
ހުޅުމާލެެ ފަޅަށް ކުނި އެޅޭތީ ކުޑޫ ވެމްކޯއަށް ސުވާލުތަކެއް ހުށަހެޅިއިރު، މާލެ ސަރަހައްދުގައި ގަވައިދާ ޚިލާފަށް ކުނި ބަހައްޓާ މައްސަލަ ވެސް ވަރަށް ބޮޑެވެ. ޚާއްސަކޮށް، ތިލަފުށީގައި ހުންނަ ވެމްކޯ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް މިދިޔަ މަހު 19 ވަނަ ދުވަހު ހިނގައި، ޚިދުމަތްތަކަށް ބުރޫއެރުމުން އެ މައްސަލަ ބޮޑުވިއެވެ.
މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ، މާލޭގެ ގެތަކުން ކުނި ނެރެ މަގުމައްޗަށް އުކަން ޖެހެނީ، ވެމްކޯއަށް އެ ކުންފުނީގެ ޒިންމާ އެންމެ ފުރިހަމައަށް އަދާނުކުރެވޭތީ ކަމަށް ތުހުމަތުކުރައްވައިފައެވެ.