މުއްޠަލިބު އެމްޑީޕީ މެންބަރުންނަށް: "ސުވާލުތައް ގިނަވެ އެޖެންޑާކުރުން ލަސްވުމަށް އަޅުގަނޑު ޒިންމާވާން ނުޖެހޭ"

މަޖިލީހުގެ ޖަލްސާގައި އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބު: ސުވާލުތައް ގިނަވެ އެޖެންޑާނުކުރެވުމަކީ އޭނާ ޒިންމާވާން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވި --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ ސުވާލުތައް ގިނަވެ ސުވާލުތައް އެޖެންޑާކުރެވޭ ގޮތް ލަސްވުމަކީ އޭނާ ޒިންމާ ނަންގަވަން ޖެހޭ ކަމެއް ނޫން ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ބ. ކިހާދޫގެ ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށޭތީ އެކަމާ ގުޅޭ ގޮތުން ސުވާލުކުރައްވައިފައެވެ. މައުރޫފް ވިދާޅުވީ އެ ސުވާލު ކުރުމަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ސެޕްޓެންބަރު އަށްވަނަ ދުވަހު ކަމަށެވެ.

އެހެންކަމުން މައުރޫފްގެ ސުވާލަށް ޖަވާބުދެއްވަން ފެށްޓެވުމުގެ ކުރިން މުއްތަލިބު ވަނީ، މަޖިލީހުގައި އެމްޑީޕީ މެންބަރުން ކުރައްވާ ސުވާލުތައް އެޖެންޑާކުރުން ލަސްވުމަކީ އޭނާ އެކަމުގެ ޒިންމާ ނަންގަވަން ޖެހޭ ކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ހަމަ ދަންނަވައިލަން ބޭނުންވަނީ ތި ބޭފުޅުން ސުވާލުތަކުގެ އަދަދު ގިނަވީމާ ކިޔޫގައި މަޖިލީހުގެ އެޖެންޑާ ކުރެވޭ ގޮތް ލަސްވުމަކީ އެއީ އަޅުގަނޑު އެކަމުގެ ޒިންމާވާން ޖެހޭ ކަމެއް ނޫނޭ،" މުއްތަލިބު ވިދާޅުވިއެވެ.

https://sun.mv/225330

ފާހަގަކުރެވޭ ގޮތުގައި، އެމްޑީޕީ މަޖިލިސް މެންބަރުންގެ އެންމެ ގިނަ ސުވާލު އަމާޒުވެފައިވަނީ މުއްތަލިބަށެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އާންމުކުރެއްވި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެމްޑީޕީގެ މެންބަރުން ވަޒީރުންނާ ސުވާލުކުރުމަށް ޖުމުލަ 258 ނޯޓިސް ފޮނުވިއެވެ. އޭގެ ތެރެއިން 180 ސުވާލު އަމާޒުވެފައިވަނީ އެންމެ ގިނައިން ސުވާލު ކުރެވުނު އަށް ވަޒީރުންނަށެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މުއްތަލިބު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް އެކަނި ވެސް 56 ސުވާލެއްގެ ނޯޓިސް ފޮނުވައިފައިވެއެވެ.

ތަފާސްހިސާބުތައް އާންމުކުރައްވައި ކުޑޫ ވިދާޅުވި ގޮތުގައި އެ ސުވާލުތަކަކީ ދާއިރާތަކުގެ ތަރައްގީގެ މަޝްރޫއުތަކާއި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭގޮތުން މެންބަރުން އޮޅުންފިލުވަން ބޭނުންވާ ކަންކަމާ ގުޅޭގޮތުން ފޮނުވާފައިވާ ސުވާލުތަކެކެވެ. ޚާއްސަކޮށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން އަދިވެސް ގިނަ ސުވާލުތަކެއް ހުރިކަން އެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް