އަމީނީ މަގު ހަދާ ނިމެންދެން ސޯޝަލް ސެންޓަރާއި ދަރުމަވަންތައާއި އައިޖީއެމްއެޗް ކައިރިއަށް ބަސް މަޑެއް ނުކުރާނެ

ދަރުމަވަންތަ ކައިރިން ބަޔަކު ބަހަށް އަރަނީ: މަގު ހަދާ ނިމެންދެން އެ ތަނަށް ބަސް މަޑެއް ނުކުރާނެ -- ސަންފޮޓޯ/ ނާއިލް ހުސައިން

އަމީނީ މަގުގެ ހުޅަނގަށްވީ ބައި ހަދައި ނިމެންދެން އައިޖީއެމްއެޗާއި ދަރުމަވަންތައާއި ސޯޝަލް ސެންޓަރު ކައިރިއަށް އޯކިޑް ރޫޓުގެ ބަސް މަޑެއް ނުކުރާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި ސަރުކާރުގައި ތާރުއެޅި އަމީނީ މަގުގެ ފަހު ސެގުމަންޓުގެ ތާރުގަނޑު މުލިހިތަކެއްހެން އުފުލި އެ ސަރަހައްދުން ދުއްވާ މީހުންނަށް މިހާރު ވަނީ ނުރައްކަލާ ކުރިމަތިވެފައެވެ.

އެހެންވެ، ސަރުކާރުން ވަނީ އަލުން އެ ސަރަހައްދުގައި ތާރު އަޅަން ނިންމާފައެވެ. އެ މަސައްކަތް މިރޭ ދަންވަރު 12:00ގައި އެމްޓީސީސީން ވަނީ ފަށައިފައެވެ.

އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ، އެ މަގު ހެދުމުގެ މަސައްކަތް ކުރާތީ އާރުޓީއެލް ބައެއް ބަސް ރޫޓުތަކަށް ބަދަލުތަކެއް އަންނާނެ ކަމަށެވެ.

ބަހަކުން އެމްޓީސީސީގެ މުވައްޒަފަކު ފައިބަނީ -- ސަންފޮޓޯ/ ނާއިލް ހުސައިން

މިގޮތުން، އޯކިޑު ރޫޓު ނުވަތަ އާރް 10ގެ ދަތުރުތައް ފަށައި، ނިންމާނީ ވެސްޓް ޕާކް ބަސް ސްޓޮޕުން ކަމަށާއި ދަރުމަވަންތައާއި އައިޖީއެމްއެޗާއި ސޯޝަލް ސެންޓަރު ކައިރިއަށް މަގު ހަދާ ނިމެންދެން ބަސް މަޑެއް ނުކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

އަމީނީ ރޫޓުގެ ޚިދުމަތް މެދުކަނޑާލާނެ ކަމަށާއި އާރް އެކަކާއި ތިނަކާއި ހަތަކާއި ފަނަރައިގެ ރޫޓުތައް މާލޭގައި މަޑުކުރާނެ އެންމެ ފަހު ސްޓޮޕަކީ މާފަންނު ބަސް ޓާމިނަލް ކަމަށް އެ އިއުލާނުގައިވެއެވެ.

މީގެއިތުރުން، މި ބަދަލުތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

އަމީނީ މަގު ހަދާތީ ބަސް ރޫޓުތަކަށް ބަދަލުގެނައިއިރު، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވެސް މިރޭ ފުލުހުން ވަނީ ބަދަލު ގެނެސްފައެވެ.

comment ކޮމެންޓް