ލަންކާއަށް 39،400 ސިނގިރޭޓު އެތެރެކުރަން އުޅުނު ބިދޭސީއަކު އަތުލައިގަނެފި

ލަންކާއަށް 39،400 ސިނގިރޭޓު އެތެރެކުރަން އުޅުނު ބިދޭސީއަކު ވަނީ އަތުލައިގަންފައި --

ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓު (ބީއައިއޭ) އިން 39،400 ސިނގިރޭޓު އެތެރެކުރަން އުޅުނު ބިދޭސީއަކު ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ލަންކާގެ ކަސްޓަމްސްއާ ހަވާލާދީ ނިއުސްވަޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ހިފަހައްޓާފައި ވަނީ އުމުރުން 40 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ ވިޔަފާރި ކުންފުންޏެއްގެ މުވައްޒަފެއް ކަމަށާއި، އޭނާ ލަންކާއަށް ދިޔައީ އިންޑިއާގެ ޗެންނާއީން ފުރައިގެން އިންޑިގޯގެ ފްލައިޓް 6އީ1175 ގައި ހުކުރު ދުވަހުގެ ހެނދުނު 11:45 ހާއިރު ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

އެ މީހާ ހިފަހައްޓާފައި ވަނީ އެއާޕޯޓަށް ފައިބައިގެން ގްރީން ޗެނަލްއިން ނުކުންނަން އުޅެނިކޮށެވެ. ކަސްޓަމްސްގެ އޮފިޝަލުން އޭނާގެ ދެ ފޮށި ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި ފޮރުވައިގެން ގެނައި 197 ކާޓަންގެ ބޭރު ސިނގިރޭޓު ފެނިފައިވެއެވެ. މިއީ ޖުމްލަ 39،400 ސިނގިރޭޓެވެ.

އަތުލައިގަތް ސިނގިރޭޓުގެ އަގު ގާތްގަނޑަކަށް 5.91 މިލިއަން ސްރީލަންކާ ރުޕީސްއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން ސްރީލަންކާ ކަސްޓަމްސްއިން ވަނީ ގަވާއިދާ ޚިލާފަށް އެތެރެކުރަން އުޅުނު އެ ސިނގިރޭޓުތައް ދައުލަތަށް ނަގައިފައެވެ. އަދި އެ މީހާ ދޫކޮށްލާފައިވަނީ 250،000 ރުޕީސްއިން ޖޫރިމަނާކުރުމަށް ފަހުގައެވެ.

comment ކޮމެންޓް