އެގްރޯނެޓުގެ ބޯޑަށް ފިނޭންސްގައި މަސައްކަތްކުރެއްވި ޝަޒްހަތު އައްޔަންކޮށްފި

އެގްރޯނެޓްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރި ޝަޒްހަތު ލަޠީފް --- ފޮޓޯ: ޕީސީބީ

އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑް (އެގްރޯނެޓް)ގެ ޑިރެކްޓަރުންގެ ބޯޑަށް ޝަޒްހަތު ލަޠީފް މިއަދު އައްޔަންކޮށްފިއެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލެނިވެރި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ބުނީ، ޝަޒްހަތު އެގްރޯނެޓުގެ ބޯޑަށް އައްޔަންކުރީ އެކައުންޓިން އަދި މާލީ ދާއިރާއިން ކަމަށެވެ.

އެގްރޯނެޓަށް އައްޔަންކުރުމާ ހަމައަށް 2017 ވަނަ އަހަރުން ފެށިގެން ޝަޒްހަތު މަސައްކަތްކުރައްވަމުން ގެންދެވީ ފިނޭންސް މިނިސްޓްރީގެ ބަޖެޓު އެނަލިސްޓެއްގެ ގޮތުގައެވެ.

އޭނާގެ މަސައްކަތުގެ ތަޖުރިބާގެ ތެރޭގައި އަހަރީ ބަޖެޓު އެކުލަވާލުމާއި ބޭސްލައިން ބަޖެޓު ވަޒަންކުރުމާއި ޚަރަދުތައް ދިރާސާކުރުމާއި ބަޖެޓު ކޮންޓްރޯލްކުރުމުގެ އިތުރުން ފިސްކަލް ހިރާސްތައް ދިރާސާކުރުން ހިމެނެއެވެ.

މީގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކަށް ބަޖެޓާ ގުޅޭ އިރުޝާދު ދެއްވުމާއި 'ބަޖެޓް ސްޓެޓިސްޓިކްސް ބުކް' އާއި 'ފިސްކަލް ރިސްކް ސްޓޭޓްމަންޓް' ފަދަ މުހިންމު ލިޔުންތައް ތައްޔާރުކުރުމުގައި ޝަޒްހަތު އިސް ދައުރެއް އަދާކުރައްވައިފައިވެއެވެ.

ޝަޒްހަތު ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ބެޑްފޯޑްޝަޔާއިން މާލީ ދާއިރާއިން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވައިފައެވެ. އަދި ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑުން އެކައުންޓިން އާއި މާލީ ދާއިރާއިން ބެޗެލާ އޮފް އާޓްސް ވިތު އޮނާސް ވަނީ ފުރިހަމަކުރައްވައިފައެވެ.

https://sun.mv/220229

މި ވަގުތު އެގްރޯނެޓުގައި މެނޭޖިން ޑިރެކްޓަރުގެ މަގާމު އޮތީ ހުސްކޮށެވެ. އެ މަގާމު ހުސްވެފައި ވަނީ އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ދީދީ މަގާމުން ވަކިކުރުމާ ގުޅިގެންނެވެ.

comment ކޮމެންޓް