ސަރުކާރު ކުންފުނިތަކަށް ބަޖެޓުން ދޭން ކަނޑައަޅައިފައިވާ އަދަދުގެ 78 ޕަސެންޓް ހުސްވެއްޖެ

ފިނޭންސް މިނިސްޓަރު ޒަރީރު: ސަރުކާރު ކުންފުނިތަކަށް ބަޖެޓުން ދޭން ކަނޑައަޅައިފައިވާ އަދަދުގެ 78 ޕަސެންޓް ހުސްވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކާ -- ފޮޓޯ/ މީރާ

ސަރުކާރު ކުންފުނިތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން ދިނުމަށް ކަނޑައަޅައިފައިވާ ފައިސާގެ ތެރެއިން، 78.2 ޕަސެންޓް ފައިސާ ފާއިތުވި ހަތް މަހެއްހާ ދުވަހުގެ ތެރޭގައި ޚަރަދުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ވަނީ، މިދިޔަ މަހުގެ 23ގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީ އާއި ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލް ހާމަކޮށްފައެވެ.

އެ ތަފާސްހިސާބުން ދައްކާ ގޮތުގައި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލްގެ ގޮތުގައި ދޫކުރުމަށް ބަޖެޓުގައި ކަނޑައަޅައިފައިވާ 929.9 މިލިއަން ރުފިޔާގެ ތެރެއިން، 727.6 މިލިއަން ރުފިޔާ މި މުއްދަތުގައި ވަނީ ދައްކައިފައެވެ. އެހެންކަމުން، އަހަރު ނިމެން ބާކީ ފަސް މަސް އޮތްއިރު، ކުންފުނިތަކަށް ބަޖެޓު ތެރެއިން ދޫކުރެވެން އޮތީ 202 މިލިއަން ރުފިޔާއެވެ.

މީގެ ކުރިން ބަޖެޓު ދިރާސާކުރުން: ސަރުކާރު ކުންފުނިތަކަށް ބަޖެޓުން ދޭން ކަނޑައަޅައިފައިވާ އަދަދުގެ 78 ޕަސެންޓް ހުސްވެފައިވާ ކަމަށް ތަފާސްހިސާބުން ދައްކާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި އަހަރުގެ މިހާތަނަށް ކުންފުނިތަކަށް ދޫކޮށްފައިވާ ފައިސާއަކީ، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ދަށް އަދަދެކެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި މަހުގެ 23ގެ ނިޔަލަށް ކުންފުނިތަކަށް 1.17 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ކުންފުނިތަކަށް ޑިވިޑެންޑްގެ ގޮތުގައި މި އަހަރު 552 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް 464 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 413 މިލިއަން ރުފިޔާއެވެ.

https://sun.mv/215295

ފާހަގަކޮށްލެވޭ ގޮތުގައި، ދައުލަތުގެ ގިނަ ކުންފުނިތައް ގެއްލުމުގައި ހިންގާއިރު، އާންމުކޮށް ބަޖެޓުގައި ޖަހާ ވަރަށް ވުރެ އިތުރަށް ކުންފުނިތަކަށް ފައިސާ ދޫކުރަން ޖެހެއެވެ. އެގޮތުން މިދިޔަ އަހަރު ކުންފުނިތަކަށް ބަޖެޓުކުރީ 378 މިލިއަން ރުފިޔާ ނަމަވެސް، އަހަރު ނިމުނުއިރު ކުންފުނިތަކަށްވަނީ 2.24 ބިލިއަން ރުފިޔާ ދޫކޮށްފައެވެ. އެއީ ފުރަތަމަ ދޭން ނިންމި އަދަދަށްވުރެ 1.86 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ފެނަކަގެ މުވައްޒަފުންތަކެއް: އެންމެ މުވައްޒަފުން ގިނަ ސަރުކާރު ކުންފުނިތަކުގެ ތެރޭގައި ފެނަކަ ހިމެނޭ -- ފޮޓޯ/ ފެނަކަ

ރާއްޖޭގެ ދަރަނި ބޮޑުވެފައިވާއިރު، ދައުލަތުގެ ޚަރަދު ކުޑަ ކުރަން ގިނަ ފިޔަވަޅުތަކެއް އަޅަން ވަނީ ޖެހިފައެވެ. އެ މަސައްކަތުގެ ތެރެއިން ކުންފުނިތަކުގެ ޚަރަދު ކުޑަ ކުރުމަށް، މިދިޔަ އޭޕްރިލް މަހުގެ 18ގައި ފިނޭންސް މިނިސްޓްރީން ވަނީ، ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދުކުރުމަށް އަންގައިފައެވެ.

އޭގެ ފަހުން، މިދިޔަ މަހު ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ، ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި ނިންމުމަށް އަންގައިފައެވެ.

https://sun.mv/223527

މިދިޔަ އޭޕްރިލް މަހު، އޭރުގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވި ގޮތުގައި، ސަރުކާރު ކުންފުނިތަކުގައި ތިބި ކަމަށް ލަފާކުރެވޭ ޖުމްލަ އަދަދަކީ 42،000 މުވައްޒަފުންނެވެ.

ސަރުކާރުގެ އެ ނިންމުމަށް ފާޑުކިޔައި، އިދިކޮޅު އެމްޑީޕީން މީގެ ކުރިން ބުނެފައިވާ ގޮތުގައި، ކުންފުނިތަކުން 33 ޕަސެންޓް މުވައްޒަފުން މަދުކުރުމަށް، 14،000އަށްވުރެ ގިނަ މީހުން ކަނޑާލަން ޖެހޭނެއެވެ. އޭގެ އަސަރު 50،000އަށްވުރެ ގިނަ މީހުންނަށް ކުރާނެ ކަމަށް އެ ޕާޓީން ލަފާކޮށްފައިވެއެވެ.

comment ކޮމެންޓް