ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކެޔޮގަނޑުތަކަކާއި ކުރުނބާތަކެއްގެ ވެރި ފަރާތް ހޯދަން, އައްޑޫ ސިޓީ ފުލުހުން އަނެއްކާ ވެސް އިއުލާން ކޮށްފިއެވެ.
އައްޑޫ ސިޓީ ފުލުހުން މިއަދު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކެޔޮގަނޑުތަކާއި ކުރުނބާތަކަކީ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ކަމަށެވެ. އަދި އެ ކެޔޮގަނޑުތައް މިހާރު ހުރީ ހިތަދޫ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ވަނީ އެ ޕޯސްޓުގައި ތިން ކެޔޮގަނޑަކާއި ގިނަ އަދަދެއްގެ ކުރުނބާ އިހާތަކެއް ފެންނަ ފޮޓޯ ވެސް ހިއްސާކޮށްފައެވެ.
ފުލުހުން އިތުރަށް ބުނީ މި ތަކެތީގެ ވެރި ފަރާތެއް ވާނަމަ ހިތަދޫ ޕޮލިސްގެ ނަންބަރު 9791612 އަށް ގުޅަން އެދޭ ކަމަށެވެ.
ވައްކަމުގެ މައްސަލަތަކުގައި ހޯދާ ތަކެއްޗާއި މީހުން ހޮވައިގެން ގެންނަ ތަކެތީގެ ވެރި ފަރާތް ހޯދަން ފުލުހުން ދޭތެރެ ދޭތެރެއިން އަންނަނީ އިއުލާންތައް ކުރަމުންނެވެ.
މިދިޔަ އަންގާރަ ދުވަހުވެސް އައްޑޫ ސިޓީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 13 ކެޔޮގަނޑުގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާންކޮށްފައިވެއެވެ. އަދި ހަމައެގޮތަށް، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކުރުނބާތަކެއްގެ ވެރިފަރާތް ހޯދުމަށް ވެސް ހޮނިހިރު ދުވަހު ފުލުހުން އިއުލާންކޮށްފައިވެއެވެ. އޭރު ފުލުހުން ހިއްސާކުރި ފޮޓޯއިން ފެންނަނީ ތިން ކުރުނބާ އިހަލެވެ.