މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ، ބައެއް ރަށްތަކަށް އުދަ އަރައިފާނެ: މެޓް

މާލެއަށް ބޯކޮށް ވާރޭ ވެހުނު ދުވަހެއް: މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވެސް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭއިރު، ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ލަފާކޮށްފިއެވެ.

މެޓް އޮފީހުން ބުނި، މިއަދު 18:00ގެ ނިޔަލަށް، މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާ ކަމަށާއި، ދެކުނު ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ލަފާކުރާ ގޮތުގައި ދެކުނުގެ އަތޮޅުތަކުގައި ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގު ދެކުނުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް އެ އިދާރާއިން އަންދާޒާކުރެއެވެ.

މެޓް އޮފީހުން ލަފާކުރަނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަށް މަޑުވި ނަމަވެސް، އެހެން ހިސާބުތަކަށް ކަނޑުތައް ގަދަވާނެ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެ ކުރިން ރާޅުގަނޑު ސަރަހައްދަށް އުދަ އެރުން: މިއަދު ވެސް ރާއްޖޭގެ ބައެއް ރަށްތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންވެ، އެންމެން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެ އިދާރާއިން ވަނީ، މިއަދު ހުރިހާ ސަރަހައްދެއްގައި ވެސް އިހުސާސް ކުރެވޭ ފިނިހޫނުމިން ހުންނާނީ އާންމު މިންވަރެއްގައިކަން ވެސް ފާހަގަކޮށްފައެވެ. އެގޮތުން މާލޭގެ ފިނިހޫނުމިން ހުންނާނީ 35.7 ސެލްސިއަސްގައި ކަމަށްވާއިރު، ހަނިމާދޫގައި ހުންނާނީ 34.3 ސެލްސިއަސްގައެވެ. އަދި އެންމެ ދެކުނުން، ގަމުގެ ފިނިހޫނުމިން ހުންނާނީ 33.8 ސެލްސިއަސްގައެވެ.

މި ދުވަސްވަރު ކުރަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށްވާއިރު، ފާއިތުވި ހަފުތާ ތެރޭގައި ގިނަ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހިފައިވެއެވެ. އެގޮތުން އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއާއި މާލެއަށެވެ. ހުޅުލެއަށް 26.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މާލެއަށް 25.8 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށް މެޓްގެ ތަފާސްހިސާބުން ދައްކައެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހުނު ހުޅުމާލެއަށް 15.7 މިލިމީޓަރުގެ ވާރޭ، އަދި ކ. ދިއްފުށްޓަށް 15 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

އިއްޔެ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހުޅުލެއަށް -- ތަފާސްހިސާބު/ މެޓް އޮފީސް

ފާހަގަކޮށްލެވޭ ގޮތުގައި، މިދިޔަ ހަފުތާ ތެރޭގައި މޫސުން ގޯސްވިއިރު، މާލެއާއި އެކި ރަށްރަަށަށް އުދަ އަރައިފައިވެއެވެ.

އިއްޔެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ވަނީ، ހުކުރު ދުވަހު ދ. ރިނބިދުއަށާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާކަން ފާހަގަކޮށްފައެވެ. ރިނބިދޫގެ ބައެއް ސަރަހައްދުތަކަށް އާދަޔާ ޚިލާފަށް އުދައެރުމާ ގުޅިގެން، ރަށުގެ މުއައްސަސާތަކާއި އާންމު ރައްޔިތުން ގުޅިގެން ވަނީ ގެތަކަށާއި މަގުތަކަށް ލިބޭ ގެއްލުން ކުޑަކުރުމަށް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައި ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

https://sun.mv/225443

ވިއްސާރަ ދުވަސްތައް ކުރިމަތިވީ، ސްކޫލްތަކުގެ ފުރަތަމަ ޓާމު ނިންމާލުމަށް ފަހު ދަރިވަރުން ޗުއްޓީއަށް ދިޔަ ދުވަސްތަކާއެވެ. އެހެންކަމުން ފާއިތުވި ދެ ހަފުތާއަކީ ގިނަ ބަޔަކު ދަތުރުކުރި ދުވަސްތަކެކެވެ.

މިއަދު ދެވަނަ ޓާމުގެ ސްކޫލް ފަށައިފައިވާއިރު، ރޭ މެޓް އޮފީހުން ވަނީ، ދެތިން ދުވަސް ތެރޭގައި މޫސުން އަލިވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް "ސަން"އަށް މައުލޫމާތު ދީފައެވެ.

comment ކޮމެންޓް