އިންޑިއާގެ މަޝްހޫރު ބަތަލާ އަދި ޕްރޮޑިއުސަރު ރިޗާ ޗައްޑާ، އޭނާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް މެދުވެރިކޮށް ޔޫޓިއުބް ސީރީޒްއެއް ގެނެސްދޭން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ.
ރިޗާގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް "ޕުޝިންގް ބަޓަންސް ސްޓޫޑިއޯސް"އިން އުފައްދާ ދަތުރުފަތުރާ ގުޅޭ މި ޔޫޓިއުބް ސީރީޒްގެ ނަމަކީ "މުސާފިރީ"އެވެ.
މި މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ރިޗާ ތަފާތު މަންޒިލްތަކަށް ދަތުރުކޮށް، އެ ތަންތަނުގެ ސަގާފަތާއި، ތާރީޚާއި، އާދަކާދަތަކުގެ އިތުރުން އެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ވާހަކަތައް ގެނެސްދޭނެއެވެ.
މިއީ ހަމައެކަނި ދަތުރުކުރާ ތަންތަނުގެ ލިސްޓެއް ދައްކާލުމުގެ ބަދަލުގައި، އެ ތަންތަނުގެ އަސްލު ދިރިއުޅުމާއި ގުޅުންހުރި ކަންކަން ފުންކޮށް ދައްކުވައިދޭނެ ސީރީޒެއް ކަމަށް ރިޗާ ވަނީ ބުނެފައެވެ.

ރިޗާ ފިރިމީހާ، އެކްޓަރު އަލީ ފަޒަލްއާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ
މި ސީރީޒްއާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކަމުން ވާހަކަދައްކަމުން ރިޗާ ބުނީ، ދަތުރުފަތުރު ކުރުމަކީ އޭނާއަށް އައު ކަންތައްތަކެއް ދަސްކޮށް، ކަންކަމާ މެދު ފުންކޮށް ވިސްނާލަން ލިބޭ ފުރުސަތެއް ކަމަށެވެ. އަދި އާންމުކޮށް ފެންނަ ދަތުރުފަތުރުގެ ޕްރޮގްރާމްތަކުގައި ނުގެނެސްދޭ، ކޮންމެ މަންޒިލެއްގެ ވެސް ހާއްސަ ތާރީޚާއި، ކާނާއާއި، މީހުންގެ ވާހަކަތައް މި ސީރީޒް މެދުވެރިކޮށް ބެލުންތެރިންނަށް ފެންނާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.
ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން މާނަވީ ވާހަކަތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަކީ އޭނާ ކުރާހިތްވާ ކަމެއް ކަމަށާއި، "މުސާފިރީ" އަކީ އެ މަގްސަދުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށް ރިޗާ ބުނެފައިވެއެވެ.
ރިޗާ އާއި ފިރިމީހާ އަދި އެކްޓަރު އަލީ ފަޒަލް ގުޅިގެން އުފައްދާފައިވާ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން މީގެ ކުރިން ވެސް ވަނީ "ގާލްސް ވިލް ބީ ގާލްސް" އަދި "ޚޫން އާލީ ޗިއްޓީ" ފަދަ ފާހަގަކޮށްލެވޭ އުފެއްދުންތައް ގެނެސްދީފައެވެ.
ރިޗާ އަލަށް ފަށާ ޔޫޓިއުބް ސީރީޒް މި މަހު ރިލީޒްކުރާނެކަން އިއުލާނުކުރި ނަމަވެސް ބެލުންތެރިންނަށް ގެނެސްދޭނެ ސީދާ ތާރީޚެއް ހާމައެއް ނުކުރެއެވެ.