ޑިސްކަވަރީ ޗެނަލް އިންޑިއާއިން "އޮޕަރޭޝަން ސިންދޫރު"އާ ބެހޭ ޑޮކިއުމަންޓްރީއެއް އިއުލާނުކޮށްފި އެވެ.
މި ޑޮކިއުމަންޓްރީ ދެއްކުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހު ޑިސްކަވަރީ ޗެނަލް އިންޑިއާ އަދި ޑިސްކަވަރީ ޕްލަސް މެދުވެރިކޮށެވެ.
ޑިސްކަވަރީ ޗެނަލް އިންޑިއާއިން މިދިޔަ ހުކުރު ދުވަހު އިއުލާނުކުރި "ޑީކްލެސިފައިޑް: އޮޕަރޭޝަން ސިންދޫރު" އަކީ ކަޝްމީރުގެ އިންޑިއާ ފަޅީގައި އޮންނަ ޕަހަލްގާމްގައި ދެވުނު ނުރައްކާތެރި ހަމަލާ އަށްފަހު އިންޑިއާގެ އަސްކަރިއްޔާއިން ދިން ވަރުގަދަ ރައްދުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީއެކެވެ.
މި ޑޮކިއުމަންޓްރީ ދެއްކުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 15 ވަނަ ދުވަހުގެ ރޭގަނޑު 9:00އިން 11:00އަށެވެ.
މި އުފެއްދުމުގެ މަސައްކަތް ކުރި ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، 88 ގަޑިއިރަށް ދެމިގެންދިޔަ މި މިޝަން ރޭވުމާއި ކުރިއަށްގެންދިޔަ ގޮތުގެ ތަފްސީލީ މައުލޫމާތު މި ޑޮކިއުމަންޓްރީ މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދޭނެއެވެ.

ވާނާ ބްރަދާސް ޑިސްކަވަރީގެ ސައުތު އޭޝިއާގެ ހެޑް އޮފް ފެކްޗުއަލް އެންޓަޓައިންމަންޓް ސައި އަބީޝެކް--ފޮޓޯ/ބިޒްނަސްޓުޑޭ
މީގެއިތުރުން، އިންޑިއާގެ އަސްކަރީ އިސްވެރިންނާއި، މި އޮޕަރޭޝަނުގައި އަމަލީގޮތުން ބައިވެރިވި ސިފައިންނާއި، ދިފާއީ މާހިރުންގެ އިތުރުން ނޫސްވެރިންގެ ބަސްދީގަތުންތައް ވެސް މި ޑޮކިއުމެންޓްރީގައި ހިމެނެއެވެ.
މިދިޔަ އަހަރުގެ އެޕްރީލް މަހު ޕަހަލްގާމަށް ދެވުނު ހަމަލާއަށްފަހު ކުރެވުނު އިސްތިރާތީޖީ މަޝްވަރާތަކުން ފެށިގެން، މޭ މަހުގެ ހަތް ވަނަ ދުވަހު "އޮޕަރޭޝަން ސިންދޫރު" ފެށުމާ ހަމައަށް ކަން ހިނގާދިޔަ ގޮތް ވަރަށް ގާތުން މި ޑޮކިއުމަންޓްރީން ބަލާލެވޭނެއެވެ.
ވާނާ ބްރަދާސް ޑިސްކަވަރީގެ ސައުތު އޭޝިއާގެ ހެޑް އޮފް ފެކްޗުއަލް އެންޓަޓައިންމަންޓް، ލައިފްސްޓައިލް އެންޑް ކިޑްސް، ސައި އަބީޝެކް ވިދާޅުވި ގޮތުގައި މި ފިލްމަކީ އެ ކުންފުނީގެ އާ "ޑީކްލެސިފައިޑް" ޑޮކިއުމަންޓްރީ ފްރެންޗައިޒް އިފްތިތާހުކޮށްދޭ ފިލްމެވެ.
މި ޑޮކިއުމަންޓްރީގެ މަސައްކަތް ކުރި ފަރާތްތަކުން ފާހަގަކުރި ގޮތުގައި، މިއީ ހަމައެކަނި އާންމުންނަށް އެނގިފައިވާ މައުލޫމާތުތަކެއް ނޫނެވެ. އޭގެ ބަދަލުގައި، އޮޕަރޭޝަން ރޭވުމުގައި ބޭނުންކުރި އަސްކަރީ އުކުޅުތަކާއި، ނިންމުނު މުހިންމު ނިންމުންތަކުގެ މައްޗަށް ބަލާލުމުގެ އިތުރުން، މި މިޝަންގައި ބައިވެރިވި ސިފައިންގެ ތަޖުރިބާތަކަށް ވެސް މި ޑޮކިއުމަންޓްރީގައި އަލިއަޅުވާލާފައިވެއެވެ.
'އޮޕަރޭޝަން ސިންދޫރު' އަކީ ޕާކިސްތާނާއި ޕާކިސްތާނުގެ ބެލުމުގެ ދަށުގައިވާ ކަޝްމީރުގައި ހުރި ޓެރަރިސްޓް ކޭމްޕުތަކަށް އަމާޒުކޮށް އިންޑިއާގެ އަސްކަރިއްޔާއިން ހިންގި ވައިގެ ހަމަލާތަކެކެވެ. ކަޝްމީރުގެ ޕަހަލްގާމަށް ދިން ހަމަލާގައި 26 މީހަކު މަރުވެފައިވާއިރު އެ ހަމަލާ އަކީ ޕާކިސްތާނުގެ މަދަދުލިބިގެން ޕަހަލްގާމަށް ދިން ހަމަލާއެއް ކަމަށް އިންޑިއާއިން ތުހުމަތުކުރެއެވެ. މި ހާދިސާއަށްފަހު ދެ ޤައުމުގެ މަސްރަހު ވަރަށް ބޮޑަށް ގޯސްވެ ދެ ޤައުމުގެ އަސްކަރިއްޔާގެ މެދުގައި ވަރުގަދަ ހަމަލާތަކެއް ވަނީ ބަދަލުކޮށްފައެވެ.