ސޯނޫ، ކޮޕީރައިޓް މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމުން މިއުޒިކް ލޭބަލްތަކުން 'ބޭން' ކުރިކަމަށް ބުނެފި

އިންޑިއާގެ ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް--ފޮޓޯ/ރެޑިފް

މިއުޒިކީ ދާއިރާ އާއި ގުޅުންހުރި ކޮޕީރައިޓް މައްސަލަތަކާ ދެކޮޅަށް އަޑުއުފުލުމުން ޓީ-ސީރީޒް އާއި ޒީ މިއުޒިކު ފަދަ ބޮޑެތި މިއުޒިކް ލޭބަލްތަކުން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް "ބޭން"ކޮށް އެކްޓިވިސްޓަކަށް ހެދި ކަމަށް ލަވަކިޔުންތެރިޔާ ބުނެފިއެވެ.

ނަމަވެސް އެ ހަނގުރާމައިގެ ސަބަބުން ފަހުން މިއުޒިކް އިންޑަސްޓްރީއަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ކޯމަލް ނަހަޓާގެ ޕޮޑްކާސްޓް "ގޭމް ޗޭންޖާސް: ދަ މިއުޒިކް ސީރީޒް"ގައި ވާހަކަ ދައްކަމުން ސޯނޫ ވަނީ ބުނެފައެވެ.

ސޯނޫ ބުނީ، މި މައްސަލައިގައި އޭނާ ކުރި މަސައްކަތުގެ ސަބަބުން ފަންނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް، އެ ހަނގުރާމައިގެ ސަބަބުން އިންޑިއާގެ މިއުޒިކް އިންޑަސްޓްރީއަށް ހެޔޮ ބަދަލެއް އައިސްފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ.

ސޯނޫ ނިގަމް އިންޑިއާގެ ކުރީގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރްއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

ސޯނޫ އަކީ ޒަމާނުއްސުރެ ލަވަކިޔުންތެރިންނަށް ހައްގުވާ އުޖޫރައާއި ރޯޔަލްޓީ ހޯދައިދިނުމަށް އެންމެ ބާރަށް އަޑުއުފުލާ އެއް ފަންނާނެވެ. މިއުޒިކް އިންޑަސްޓްރީގައި ހުރި ބޭއިންސާފު އުސޫލުތަކަށް ފާޑުކިޔަމުން އޭނާ ވަނީ، ފަންނާނުން ކުރާ މަސައްކަތަށް އެކަށީގެންވާ ބަދަލު ލިބެންޖެހޭނެ ކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އެ ދުވަސްވަރު ސޯނޫ ވަނީ، އިންސާފުވެރި ނޫން ކަމަށް އޭނާއަށް ފެންނަ އެއްބަސްވުންތަކުގައި ސޮއިކުރަން ދެކޮޅު ހެދުމުން، އޭނާގެ އަޑުން ރެކޯޑުކޮށްފައިވާ ބައެއް ލަވަތައް އެހެން މީހުންގެ އަޑުން ބަދަލުކޮށްފައިވާ ކަމަށްވެސް ތުހުމަތުކޮށްފައެވެ.

"އަހަރެންގެ ވަގުތު އައި، އެ ވަގުތު ދިޔަ، އަދި މިހާރު އަނެއްކާވެސް އެ ވަގުތު މިއޮތީ އައިސްފައި. މިއީ ހަމަ ވަގުތުގެ ކަމެއް. އަހަރެންގެ ކެރިއަރުގެ އެންމެ އުހުގައި ހުރިއިރު މީހުންގެ ވަރަށް ބޮޑު ލޯތްބެއް ލިބުނު. އަހަރެން ނެރޭ އަލްބަމްތަކަށް މީހުން މޮޔަވޭ، އަދި އަހަރެންގެ ޕޯސްޓަރުތައް ވެސް ވިކޭ" ކެރިއަރުގެ އެންމެ ކާމިޔާބު ދުވަސްވަރުގެ ހަނދާން އާކުރަމުން ސޯނޫ ބުނެފައިވެއެވެ.

"އަހަރެން ދުވަހަކުވެސް ހީއެއް ނުކުރަން 'ބޭން' ކުރާނެ ކަމަކަށް. އަހަރެން ހީކުރީ ކޮންމެވެސް ދުވަހަކުން މި މައްސަލަ ހައްލުވާނެ ކަމަށް. އެކަމަކު ކަންތައްތައް ދިޔައީ ގޯހުން ގޯހަށް. އަހަރެންނަށް މަގުތައް ބަންދުވާން ފެށުމުން ވިސްނުނީ، އެމީހުންނަށް އަހަރެން ލައްވައި ލަވަ ނުކިޔުވިދާނެ ކަމަށާއި، އެކަމަކު ސްޓޭޖުތަކުގައި ޕާފޯމް ކުރުން އެމީހުންނަށް ނުހުއްޓުވޭނެ ކަމަށް" ސޯނޫ އިތުރަށް ބުނެފައިވެއެވެ.

އޭރު ސޯނޫ މަސައްކަތްކުރީ ވަރަށް މުހިއްމު މަގްސަދެއް އޮވެގެން ކަމަށާއި ގާނޫނުތައް ހަރުދަނާކޮށް ތަންފީޒު ކުރަން ފެށުމުން އިންޑަސްޓްރީގެ ވިސްނުން ބަދަލުވެ ހުރިހާ މިއުޒިކް ކުންފުނިތަކުން ވެސް އަލުން ސޯނޫއާ އެކު މަސައްކަތްކުރަން ނިންމި ކަމަށް މަގުބޫލު ލަވަކިޔުންތެރިޔާ ބުނެފައިވެއެވެ. މާޒީގައި ވެދިޔަ ކަންކަން ހަނދާންނައްތާލުމަށްފަހު އެ ކުންފުނިތަކާ ދެމެދު މިހާރު އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށް ސޯނޫ ވަނީ ބުނެފައެވެ.

އިންޑިއާގެ އެންމެ ހުނަރުވެރި މިއުޒިކް ފަންނާނުންގެތެރޭ ހިމެނޭ ސޯނޫ ވަނީ ވޭތުވެދިޔަ މަދު އަހަރުތަކުގެ ތެރޭގައި ގިނަ ފިލްމީ ޕްރޮޖެކްޓްތަކަކަށް އެނބުރި އައިސްފައެވެ. އަދި ސޯނޫ އަންނަނީ އިންޑިއާ އާއި ރާއްޖެއިން ބޭރުގައި ގިނަ އަދަދެއްގެ ލައިވް ކޮންސަޓްތައް ބާއްވަމުންނެވެ.

comment ކޮމެންޓް