ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުރިހާ ޚިދުމަތްތަކެއް ހުޅުމާލޭގައި ހުންނަ ސިޓީ ހޮޓަލަށް މިއަދުން ފެށިގެން ބަދަލުކޮށްފިއެވެ.
އެޗްޕީއޭއިން ބުނީ އެ އިދާރާގެ ޚިދުމަތްތައް މިއަދުން ފެށިގެން ދޭނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ މެންހެޓަން ގްރޭންޑް ހޮޓަލުގެ ދެވަނަ ފަންގިފިލާގައި ކަމަށެވެ.
އެހެންކަމުން މިހާތަނަށް އެޗްޕީއޭއިން ހެލްތު މިނިސްޓްރީއާއި ކާބޯތަކެއްޗާއި އަދި ބޭހާ ބެހޭ އިދާރާ (އެމްއެފްޑީއޭ) ވެސް ހިންގަމުން އަންނަ ރޯޝަނީ ބިލްޑިންގައި ދެމުން ދިޔަ ހުރިހާ ޚިދުމަތެއް ދެން ލިބޭނީ މެންހެޓަން ގްރޭންޑް ހޮޓަލުންނެވެ. އެ ތަން ހުންނާނީ ވެމްކޯ ހުޅުމާލޭ އޮފީހާ ޖެހިގެންނެވެ.
ވުމާއެކު ޚިދުމަތްތައް މެންހެޓަން ގްރޭންޑު ހޮޓަލަށް ބަދަލުކުރި ފުރަތަމަ އިދާރާއަކީ އެޗްޕީއޭއެވެ.
އެޗްޕީއޭގެ އިތުރުން ސަރުކާރުގެ ބައެއް އެހެނިހެން އިދާރާތައް ހިންގުމަށާއި މީޑިއާ ވިލެޖު ހިންގުމަށް މެންހެޓަން ގްރޭންޑް ހޮޓަލުގެ ބައެއް ފަންގިފިލާތައް ދިނުމަށް ވަނީ ނިންމައިފައެވެ. އެގޮތުން މީޑިއާ ވިލެޖު ހިންގަން ދީފައި ވަނީ މެންހެޓަން ގްރޭންޑް ހޮޓަލުގެ ތިރީ ފަންގިފިލާއެވެ.
ދައުލަތުގެ މީޑިއާ 'ޕީއެސްއެމް'އަށް މައުލޫމާތު ދެމުން އެޗްޑީސީން އޭރު ބުނީ، މިހާރު ކުރިއަށް ދަނީ ފާރުތަކުގައި ކުލަ ލުމާއި އޮފީސް ޕާޓިޝަން ޖެހުން ފަދަ ކުދިކުދި މަސައްކަތްތައް ކަމަށެވެ. އަމާޒަކީ މި މަހުގެ ނިޔަލަށް ހުރިހާ މަސައްކަތެއް ނިންމައިލުން ކަމަށް، އެ ކޯޕަރޭޝަނުން ބުންޏެވެ.
ސިޓީ ހޮޓަލުގެ އެންމެ ތިރީ ފަންގިފިލާގައި ތަރައްގީކުރާ މީޑިއާ ވިލެޖުގައި 34 ޖާގައެއް ހިމެނެއެވެ.
ފާހަގަކުރެވޭ ގޮތުގައި ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް އިނާޔަތްދީ މީޑިއާ ވިލެޖެއް ގާއިމްކުރާނެކަން ރައީސް ހާމަކުރެއްވީ މެއި ތިނެއް، 2024ގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ނެރުއްވި ޚާއްސަ ޚިޠާބެއްގައެވެ. އޭގެ ފަހުން މީޑިއާ ވިލެޖު ގާއިމްކުރުމުގެ މަޝްވަރާތައް ފެށީ އެ އަހަރުގެ އޮގަސްޓު މަހުގެ ކުރީކޮޅެވެ.
އެއަށްފަހު، ސިޓީ ހޮޓަލުގައި، މީޑިއާ ވިލެޖު ހިމެނޭހެން އިތުުރު ބައެއް ކޮލެޖުތައް ވެސް ގާއިމްކޮށް ފަސް ތަރީގެ ހޮޓަލެއްގެ ގޮތުގައި ތަރައްގީކުރަން ދުބާއީގެ 'ޑީޕް ސީ ފުޑް ކޮމްޕެނީ'ގެ ދަށުން ރާއްޖޭގައި ހިންގާ ފޮރިން އިންވެސްޓުމަންޓު ކުންފުނި، ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ މިދިޔަ އޮގަސްޓު މަހުގެ 20ވަނަ ދުވަހެވެ.