އިންޑިއާގެ ފިލްމީ އަދި އުފެއްދުންތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން، ޔަޝް ރާޖް ފިލްމްސް ވައިއާރްއެފް އާއި ގޫގުލް ގުޅިގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ފިލްމު އުފެއްދުމާ ގުޅޭ ހާއްސަ ވޯކްޝޮޕެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ފެށޭ އޯގަސްޓަ މަހުގެ ހަތަރު ވަނަ ދުވަހު ވައިއާރްއެފް ސްޓޫޑިއޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ވޯކްޝޮޕްގެ ސެޝަންތައް މެދުވެރިކޮށް ސިނަމާގެ ދާއިރާގައި އޭއައިގެ ދައުރު ފުޅާވަމުންދާ ގޮތުގެ މައްޗަށް އަލިއަޅުވާލުމުގެ އިތުރުން، ގޫގުލްގެ އޭއައި ކްރިއޭޓިވް ސްޓޫޑިއޯ "ފްލޯ" ބޭނުންކުރާނެ ގޮތުގެ އަމަލީ ތަމްރީނުތައް ބައިވެރިންނަށް ފޯރުކޮށްދޭނެއެވެ.
މީގެއިތުރުން، ފިލްމު އުފެއްދުމުގެ މަރުހަލާތަކުގައި ވާހަކަ ކިޔައިދިނުމުގެ ބައިވެރިއެއްގެ ގޮތުގައި އޭއައި ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދެވޭނެއެވެ. މީގެ މައިގަނޑު މަގުސަދަކީ ފިލްމު އުފައްދާ ފަރާތްތަކުގެ އަމިއްލަވަންތަކަމާއި އުފެއްދުންތެރިކަމުގެ ފުރިހަމަ ބާރު އެފަރާތްތަކުގެ އަތްމަތީގައި ބާއްވައިގެން، މިފަދަ ވަސީލަތްތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުންކުރުމަށް މަގުފަހިކޮށްދިނުމެވެ.

ވައިއާރްއެފްގެ އިސް ބާނީ ކުރީގެ ޕްރޮޑިއުސަރު/ޑައިރެކްޓަރު ޔަޝް ޗޯޕްރާ އަދި ޔަޝްގެ ދެ ކުދިން އަދިތިޔަ ޗޯޕްރާ އާއި އުދޭ ޗޯޕްރާ--ފޮޓޯ/ބޮލީވުޑްހަންގާމާ
މިއީ ގޫގުލްގެ "ފްލޯ" ޓީމުން ދުނިޔޭގެ ފެންވަރުގެ ބޮޑު ފިލްމީ ސްޓޫޑިއޯއެއްގެ އުފެއްދުންތެރި އިސްވެރިންނާ ގުޅިގެން މިފަދަ މަސައްކަތެއް ކުރާ ފުރަތަމަ ފަހަރެވެ. މި ވޯކްޝޮޕް މެދުވެރިކޮށް، ފިލްމީ ދާއިރާގެ އުފެއްދުންތެރި ޓީމުތަކަށް އޭއައިގެ ޓެކްނޮލޮޖީއާ އެކު އައު ހުނަރުތަކެއް ތައާރަފުވެގެންދާނެ ކަމަށް ވައިއާރްއެފުން ބުނެއެވެ.
ޔަޝް ރާޖް ފިލްމްސްގެ ސީއީއޯ އަކްޝޭ ވިދާނީ ވިދާޅުވި ގޮތުގައި، ކޮންމެ ޖީލެއްގެ ފިލްމު އުފައްދާ ފަރާތްތަކަށްވެސް އައު ވަސީލަތްތަކެއް ލިބެއެވެ. އަދި އެ ވަސީލަތަކީ ވާހަކައަށް އެހީތެރިވާ އެއްޗެއްގެ ގޮތުގައި ބޭނުންކުރާނީތޯ ނުވަތަ އެއީ ވާހަކަ ކޮންޓްރޯލްކުރާ އެއްޗަކަށް ހަދާނީތޯ ނިންމާނީ އެ ބަޔަކު އަމިއްލައަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ މި ޓެކްނޮލޮޖީ އުފައްދާ ފަރާތްތަކާއެކު މި މަޝްވަރާތައް ކުރިއަށް ގެންގޮސް، އަޅުގަނޑުމެންގެ އުފެއްދުންތެރި ޓީމުތަކަށް އޭއައި ބޭނުންކުރަންވީ އެންމެ ރަނގަޅު ގޮތްތައް ދަސްކޮށްދިނުން. އޭރުން ފިލްމު އުފެއްދުމުގެ ހުނަރުވެރިކަން އިންސާނުންގެ އަތްމަތީގައި އޮވެ، ކެމެރާ އާއި އެކްޓަރުން އަދި ވާހަކަ އަކީ ފިލްމުގެ އެންމެ މުހިންމު އަސާސްތަކުގެ ގޮތުގައި ދެމިއޮންނާނެ" އޭނާ ވިދާޅުވިއެވެ.
ގޫގުލްގެ ޓެކްނޮލޮޖީ އެންޑް ސޮސައިޓީގެ ޔޫޒަ އެކްސްޕީރިއަންސް ރިސާޗްގެ ޑައިރެކްޓަރ ޑރ. އާރަތީ ސެތުމާދަވަން ވިދާޅުވީ، އިންޑިއާގައި ގޫގުލް ފްލޯއަށް މިހާރުވެސް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. އަދި މި ވޯކްޝޮޕްގެ ސަބަބުން އިންޑިއާގެ ހުނަރުވެރި ފަންނާނުންނަށް މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފެއްދުންތެރިކަމުގެ އައު އުސްމިންތަކަކަށް ދިއުމަށް ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އަމަލީ ތަމްރީނުތަކުގެ އިތުރުން، ގޫގުލް އާއި ވައިއާރްއެފްގެ އަމާޒަކީ މިއީ އިންޑިއާގެ ފިލްމީ ދާއިރާގެ އިސް ފަރާތްތަކާ އެކު ދެމެހެއްޓެނިވި ގުޅުމެއް ގާއިމުކުރުމަށް އެޅޭ ބިންގަލަކަށް ހެދުމެވެ. މި ސެޝަންގެ ތެރެއިން ގޫގުލްގެ އޭއައި އިންޖިނިއަރިންގް އަދި ޕްރޮޑަކްޓް ޓީމުތަކާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ފުރުސަތު ބައިވެރިންނަށް ފަހިވާނެއެވެ. މީގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ފެންވަރުގެ މިފަދަ ވަސީލަތްތައް ބޭނުންކޮށްގެން، އިންޑިއާގެ ސިނަމާ އިތުރަށް ކުރިއަރުވައި، މުޅި ދުނިޔެއަށް އިންޑިއާގެ ފިލްމުތައް ފުޅާދާއިރާއެއްގައި ތައާރަފުކުރުމެވެ.
ޔަޝް ރާޖް ފިލްމްސް އަކީ އިންޑިއާގެ އެންމެ ބޮޑު އަދި އެންމެ މަޝްހޫރު ޕްރޮޑަކްޝަން ކުންފުނިތަކުގެތެރޭ ހިމެނޭ ކުންފުންޏެކެވެ. ކުރީގެ ފިލްމު ޕްރޮޑިއުސަރު/ޑައިރެކްޓަރު ޔަޝް ޗޯޕްރާ ވުޖޫދަށް ގެނައި މި ކުންފުނި މިހާރު ހިންގަނީ އޭނާގެ ދަރިފުޅު އަދިތިޔަ ޗޯޕްރާއެވެ.