ޝިލްޕާގެ ނަމުގައި ރިޒަވޭޝަނާ ގުޅޭގޮތުން ފެތުރެމުންދާ ޕޯސްޓުތައް ބަތަލާ ދޮގުކޮށްފި

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީގެ ނަމުގައި ރިޒަވޭޝަނާ ގުޅޭގޮތުން ފެތުރެމުންދާ ޕޯސްޓަކީ ދޮގު ޚަބަރެއް ކަމަށާއި އެއީ ޝިލްޕާގެ ނަމުގައި ފަތުރާފައިވާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ބަތަލާ ސިފަކޮށްފިއެވެ.

ކާސްޓް ނުވަތަ ވަކި ފަންތިތަކަކަށް ބަލައިގެން ދެވޭ ރިޒަވޭޝަނާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖަކީ އޭނާގެ ބަހެއް ނޫން ކަމަށް ބުނެ، ޝިލްޕާގެ ނަމުގައި ފަތުރަމުންދާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ގަބޫލުނުކުރުމަށް އޭނާ ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

ޝިލްޕާ ޝެޓީ މިފަދަ ނިންމުމެއް ނިންމާފައިވަނީ، ތައުލީމާއި ވަޒީފާގެ ފުރުސަތުތަކުގައި ވަކި ބަޔަކަށް ހާއްސަކުރެވޭ ރިޒަވޭޝަނާ ބެހޭގޮތުން އޭނާގެ ހިޔާލު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓެއް ވަރަށް ބޮޑަށް ފެތުރިފައި ވަނިކޮށެވެ.

ޝިލްޕާ ފިރިމީހާ ރާޖްކުންދްރާއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި އެއީ މިހާރު އިންޑިއާގައި ކުރިއަށްދާ ރިޒަވޭޝަންގެ ބަހުސާ ގުޅޭގޮތުން ޝިލްޕާގެ ހަގީގީ ޝުއޫރުތަކެވެ.

ވައިރަލްވެފައިވާ އެ މެސެޖުގައި ބުނެފައިވަނީ، ރިޒަވޭޝަނާ ނުކުޅުމަށާއި އާންމު ކެޓަގަރީގެ ޑޮކްޓަރުން ހަމައެކަނި އާންމު ކެޓަގަރީގެ ބަލިމީހުންނަށް ފަރުވާ ދޭން ދޫކޮށްލުމަށެވެ. އަދި އެހެން ދީންތަކަށް ނިސްބަތްވާ މީހުން ހަމައެކަނި އެމީހުންގެ އަމިއްލަ ފަންތީގެ މީހުންނަށް ފަރުވާ ދޭން ބޭއްތިއްބުމަށާއި މިގޮތަށް މަދު އަހަރުތަކަކަށް އަމަލުކުރުމުން، ރިޒަވޭޝަން ނައްތާލުމަށް ރައްޔިތުން އަމިއްލައަށް އެދޭނެ ކަމަށް ބުނެ ހުނަރަކީ ރިޒަވޭޝަނުން ހޯދޭނެ އެއްޗެއް ނޫން ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ.

މި ޕޯސްޓް ޝިލްޕާގެ ނަމާ އެކު ދައުރުވަމުންދާތީ، ސޯޝަލް މީޑިއާ މެދުވެރިކޮށް ނެރުނު ޕޯސްޓެއްގައި ބަތަލާ ބުނީ، އެއީ އޭނާ ލިޔެފައިވާ ނުވަތަ ތާއީދުކުރާ ވާހަކަތަކެއް ނޫން ކަމަށެވެ.

"އަހަރެންގެ ނަމުގައި ރިޒަވޭޝަނާ ގުޅޭގޮތުން މިފަދަ ދޮގު ވާހަކަތަކެއް ފަތުރަމުންދާތީ ވަރަށް ބޮޑަށް ހައިރާންވެއްޖެ. މިއީ އެއްވެސް އަސާސެއް ނެތް، ނުބައި ނިޔަތެއްގައި ފަތުރާފައިވާ ވާހަކަތަކެއް. މިފަދަ ފޭކް ނިއުސްތަކަށް އާއްމުން ނުހެއްލުމަށް އެދެން" ޝިލްޕާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ، މަޝްހޫރު ފަރާތްތަކުގެ ނަމުގައި ދޮގު މައުލޫމާތާއި ބަޔާންތައް ސޯޝަލް މީޑިއާގައި ފެތުރުން އާންމުވެފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ސަބަބުން އާންމުންގެ މެދުގައި އޮޅުންބޮޅުން އުފެދޭތީ، ގިނަ ފަންނާނުންނަށް މިހާރު ޖެހެނީ މިފަދަ ކަންކަމުގައި ދިފާއުގައި ނުކުމެ ހަގީގަތް ހާމަކުރާށެވެ.

comment ކޮމެންޓް