އިންޑިއާގެ މަގުބޫލު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ އާ ފިލްމު "ލަވް އެންޑް ވޯ" ރިލީޒްކުރުމުގެ ކުރިން ބާއްވާ ޕްރޮމޯޝަނަލް ހަރަކާތްތައް މުޅިން ތަފާތު ގޮތަކަށް ބާއްވަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އަންނަ އަހަރުގެ ޖަނަވަރީ މަހުތެރޭ ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު "ލަވް އެންޑް ވޯ" އިޝްތިހާރު ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އާންމުކޮށް ފިލްމުތައް ތައާރަފުކުރާ ގޮތާ ތަފާތުކޮށް، "އިމާސިވް" ނުވަތަ ބެލުންތެރިން ތަފާތު ތަޖުރިބާއެއް ގެނެސްދެވޭނެ ފަދަ ގޮތަކަށެވެ.
ރަންބީރު ކަޕޫރު، އާލިއާ ބަޓް އަދި ވިކީ ކޯޝަލް މުހިންމު ރޯލުތަކުން ފެންނާނެ މި ފިލްމު، ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހަށެވެ. މި ފިލްމު ހިންދީ، ތަމަޅަ އަދި ތެލެގޫ ބަހުން ނެރުމަށް ވަނީ ހަމަޖެހިފައެވެ.
މި ދާއިރާގެ މަސްދަރަކުން މައުލޫމާތުދިން ގޮތުގައި، ފިލްމު 'ލަވް އެންޑް ވޯ'ގެ ޓީޒާ ވެސް ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައިވަނީ ވަރަށް ހާއްސަ ގޮތަކަށެވެ.

ފިލްމު 'ލަވް އެންޑް ވޯ'ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ--ފޮޓޯ/ބޮލީވުޑްހަންގާމާ
މިއީ ބަންސާލީގެ ފިލްމީ ފަލްސަފާއާ ވަރަށް ބޮޑަށް ގުޅޭ ނިންމުމެކެވެ. އޭނާއަކީ ކޮންމެ މަންޒަރަކާއި ކޮންމެ ކުލައަކުން ވެސް ބެލުންތެރިންގެ ޖަޒުބާތާ ކުޅެލާ، ފިލްމުގެ ދުނިޔެއަށް ބެލުންތެރިން ގެންގޮސްދޭން މަސައްކަތްކުރާ ކެރޭ ޑައިރެކްޓަރެކެވެ. ވަކިވަކި ކެރެކްޓާ ޕޯސްޓަރުތަކެއް ނެރުމުގެ ބަދަލުގައި، ފިލްމުގެ ފުންމިނާއި، އޭގެ ރޫހު ދައްކުވައިދޭނެ ފަދަ "އިމާސިވް" ތަޖުރިބާއެއް ބެލުންތެރިންނަށް ފޯރުކޮށްދިނުމަކީ ބަންސާލީގެ އަމާޒު ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައެވެ. ހުރިހާ ކަމެއް ރޭވިފައިވާ ގޮތަށް ކުރިއަށް ދާނަމަ، މިފެށޭ އޮގަސްޓް މަހުގެ ތެރޭގައި މި ފިލްމުގެ ފުރަތަމަ ފެނިލުން ބެލުންތެރިންނަށް ފެނުމުގެ ފުރުސަތު ބޮޑުކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
މި ފިލްމަކީ 2022 ވަނަ އަހަރު ރިލީޒްކުރި "ބްރައްމަސްތްރަ" އަށްފަހު ރަންބީރު އާއި އާލިއާ އެކީގައި ބޮޑު އިސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމެވެ. އަދި މިއީ 2022ގެ "ގަންގޫބާއީ ކަތިއަވާޅީ" އަށްފަހު ބަންސާލީ ޑައިރެކްޓްކުރާ ފުރަތަމަ ފިލްމު ވެސްމެއެވެ.