ހުޅުމާލޭގެ ސެލޫންތަކާއި ސްޕާތަކެއް ބަލައިފާސްކޮށް ގަވާއިދާ ޚިލާފަށް މަސައްކަތްކުރި ހަތް ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ޓަސްކްފޯހުން މިއަދު ހުޅުމާލޭގެ ސެލޫންތަކާއި ސްޕާތަކަށް އަމާޒުކޮށްގެން އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް ބުނެފައެވެ.
މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަންގައި އަށް ތަނެއް އިންސްޕެކްޓްކޮށް، 26 މީހަކު ޗެކްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. އަދި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރާތަން ފެނުނު ޖުމްލަ ހަތް ބިދޭސީން ހިފަހައްޓާފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
https://x.com/ImmigrationMV/status/2097273970932511034
މީގެ ތިން ދުވަސް ކުރިން ވެސް އިމިގްރޭޝަނުން ވަނީ މާލެ ސަރަހައްދުން 426 ބިދޭސީން ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް މަސައްކަތްކުރަމުން އައި 13 މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ މުޅި ރާއްޖޭގައި ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.