އިންފްރާސްޓްރަކްޗާ ޑިވެލޮޕްމަންޓް ސޮލިއުޝަންސް ކޮމްޕެނީ ލިމިޓެޑް (އައިޑީއެސް)ގެ ބޯޑުގެ އެކައުންޓިން އެންޑް ފައިނޭންސް މެންބަރުކަމުގެ މަގާމަށް މަރްޔަމް ނަޒުލީނާ މިއަދު އައްޔަނުކޮށްފިއެވެ.
އެ ކުންފުންޏަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ މޭ މަހުގެ 30ގައި ނެރުއްވި ރިޔާސީ ގަރާރެއްގެ ދަށުން އުފައްދަވާފައިވާ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެކެވެ.
ނަޒުލީނާއަކީ ފައިނޭންޝަލް ރިޕޯޓިން، ދައުލަތުގެ މާލީ ނިޒާމު އަދި އިންޓަގްރޭޓެޑް ފައިނޭންޝަލް މެނޭޖްމަންޓް ސިސްޓަމްތަކުގެ ދާއިރާއިން 15 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިސަސްގެ ސީނިއާ އައިއެފްއެމްއައިއެސް ފައިނޭންސް ސްޕެޝަލިސްޓްގެ މަގާމެވެ.
ސެޕް ސިސްޓަމް ގާއިމުކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި 13 އަހަރަށް ވުރެ ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ ލިބިވަޑައިގެންފައިވާއިރު، އޭނާ ވަނީ ސެޕް އެފްއައި ބޭނުންކުރާ 200 އަށް ވުރެ ގިނަ މުވައްޒަފުން ތަމްރީނުކުރައްވާފައެވެ. މީގެ އިތުރުން، ފައިނޭންޝަލް ރިޕޯޓިން ޓީމުތައް އިސްވެ ބެލެހެއްޓެވުމާއި، ދައުލަތުގެ އިންވެސްޓްމަންޓްތައް މޮނިޓާކުރުމުގެ އިތުރުން އައިޕީއެސްއޭއެސް އަދި އެކްރޫއަލް އެކައުންޓިން އިސްލާހީ މަސައްކަތްތަކުގައި އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ.
ތައުލީމީ ގޮތުން ބަލާއިރު، ނަޒުލީނާ ވަނީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލަންޑުން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވައި، މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީން އެކައުންޓިން ދާއިރާއިން ބެޗްލާ އޮފް ކޮމާސް ފުރިހަމަކުރައްވާފައެވެ.
އައިޑީއެސްގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ރަށްރަށާއި އާބާދީ ބޮޑު ސަރަހައްދުތަކުގައި ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން އިމާރާތްކުރުމާއި ތަރައްގީގެ މަޝްރޫއުތައް ހިންގުމެވެ. އެ ކުންފުނިން ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ގުޅިގެން ޗައިނާގެ އެކްސްސީއެމްޖީ ކުންފުނިން 230 ޔުނިޓުގެ ބަރު އާލާތްތަކާއި އުޅަނދުފަހަރު ރާއްޖެ ގެނައުމުގެ މަޝްރޫއެއް ހިންގާފައެވެ.