ފުރަތަމަ 6 މަހު ބީއެމްއެލްއަށް 1.3 ބިލިއަންގެ ސާފު ފައިދާއެއް

މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

ބީއެމްއެލް އިން އާންމުކުރި މި އަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ނަތީޖާ ދައްކާ ގޮތުން، ފުރަތަމަ ހަ މަސްދުވަހު ހިންގުމުގެ ފައިދާގެ ގޮތުގައި އެ ބޭންކަށް 1.8 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ބޭންކުން ބުނި ގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 21 އިންސައްތައިގެ ކުރިއެރުމެކެވެ.

ހަމައެކަނި ދެވަނަ ކުއާޓަރަށް ބަލާއިރު، ހިންގުމުގެ ފައިދާގެ ގޮތުގައި 887 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 647 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ބީއެމްއެލް ސީއީއޯ މުހައްމަދު ޝަރީފް: -- ސަން ފޮޓޯ/ އާއިޝް އަޝްރަފް

މިއީ ބޭންކުގެ މައިގަނޑު ވިޔަފާރީގެ ދެމެހެއްޓެނިވި ކުރިއެރުން ދައްކުވައިދޭ އަދަދުތަކެއް ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.

ވޭތުވެދިޔަ ހަ މަސްދުވަހުގެ މުއްދަތުގައި ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 3.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ ތެރޭގައި އިންޓްރެސްޓުން ހޯދޭ އާމްދަނީގެ ގޮތުގައި ލިބުނު 1.6 ބިލިއަން ރުފިޔާއާއި، ފީ އާއި ކޮމިޝަންގެ ގޮތުގައި ލިބުނު 830 މިލިއަން ރުފިޔާ ހިމެނެއެވެ. ބޭންކުގެ އާމްދަނީއާ އަޅައިބަލާއިރު ހިންގުމުގެ ޚަރަދު ނުވަތަ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ ހުރީ 28 އިންސައްތައިގައެވެ.

ބީއެމްއެލް އިން ފާހަގަކުރި ގޮތުގައި ބޭރުގެ މާލީ މާހައުލަށް އަންނަ ބަދަލުތަކާއި ހުރި ގޮންޖެހުންތަކާއެކުވެސް މި ކުރިއެރުން ދެމެހެއްޓުމަށް މަގުފަހިވީ، ރިސްކު މެނޭޖްކުރުމުގެ ހަރުދަނާ އުސޫލުތަކާއި ހިންގުން ހަރުދަނާ ކުރުމަށް ދިން އިސްކަމުގެ ސަބަބުންނެވެ.

ދެވަނަ ކުއާޓަރުގައި ބޭންކުގެ ބެލެންސް ޝީޓް އިތުރަށް ވަރުގަދަވެފައިވާއިރު، މިދިޔަ މަހާ ހަމައަށް ޖުމްލަ އެސެޓް ވަނީ 62.8 ބިލިއަން ރުފިޔާއަށް އަރާފައެވެ. އަދި ކަސްޓަމަރުން ޑިޕޮސިޓްކޮށްފައިވާ ފައިސާގެ މިންވަރު 41.6 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާއިރު، ޖުމްލަ ލޯނު ޕޯޓްފޯލިއޯ ވަނީ 30.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިގްތިސާދީ ހަރަކާތްތަކާއި ޕްރައިވެޓް ސެކްޓާ ކުރިއެރުމަށް އެހީތެރިވުމުގެ ގޮތުން، މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބޭންކުން ވަނީ އެކި ދާއިރާތަކަކަށް މުޅިން އަލަށް ޖުމްލަ އަށް ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައެވެ. މިއީ އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ބޭންކުން ދެމުންދާ މާލީ އެހީތެރިކަން ދައްކުވައިދޭ ކަމެއް ކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.

comment ކޮމެންޓް