"ސީސޭޝަނަލް ސަމަ" ކެމްޕޭނަށް ބޮޑު ތަރުހީބެއް

ވިޒިޓް މޯލްޑިވްސްއާ އީމާކެޓިންއައި ގުޅިގެން ކުރިއަށްގެންދާ "ސީސޭޝަނަލް ސަމަ" ކެމްޕޭނަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ.. ފޮޓޯ/ ވިޒިޓް މޯލްޑިވްސް

ވިޒިޓް މޯލްޑިވްސް އާއި ބައިނަލްއަގުވާމީ ޑިޖިޓަލް މާކެޓިން އެޖެންސީއެއް ކަމަށްވާ "އީމާކެޓީންއައި" އާ ގުޅިގެން ކުރިއަށްގެންދިޔަ އެއް މަސްދުވަހުގެ ޑިޖިޓަލް ކެމްޕޭނުގެ ފުރަތަމަ ފިޔަވަހީގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައި، ކަނޑައެޅިފައިވާ މައިގަނޑު ލަނޑުދަނޑިތައް ތާވަލަށްވުރެ ކުރިން ހާސިލުކޮށްފިއެވެ.

މި ކެމްޕޭނަކީ ރާއްޖެއަކީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި މަގުބޫލުކަން ހޯދުމަށް ކުރިއަށްގެންދާ ޑިޖިޓަލް ހަރަކާތްތައް ފުޅާކޮށް ވަރުގަދަކުރުމަށް ފެށި މުހިންމު މަސައްކަތެކެވެ.

ދެހާސް ސައްވީސް ވަނަ އަހަރުގެ އޭޕްރީލް 28 ގައި ފެށި މި ކެމްޕޭނަކީ ގޫގުލް، ޑީވީ360، ޔޫޓިއުބް، މެޓާ، ޓިކްޓޮކް، ޑިސްޕްލޭ އެޑްވަޓައިޒިން، ޕާފޯމަންސްމެކްސް، ޑިމާންޑްޖެން އަދި ޔެންޑެކްސް ފަދަ ތަފާތު ޕްލެޓްފޯމްތައް މެދުވެރިކޮށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.

މި ކެމްޕޭނުގެ މައިގަނޑު އަމާޒަކީ ފަތުރުވެރިން ދަތުރުތައް ރާވާ މަރުހަލާގައި އެމީހުންނާ ހަމައަށް ވާސިލުވެ، ރާއްޖެއަށް އޮތް ޝައުގުވެރިކަން އިތުރުކުރުމެވެ.

މި ކެމްޕޭނުގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ މަހެއްގެ ތެރޭގައި 160 މިލިއަނަށްވުރެ ގިނަ ޑިޖިޓަލް އިމްޕްރެޝަންސް އަދި 22 މިލިއަނަށްވުރެ ގިނަ ވީޑިއޯ ވިއުސް ވަނީ ލިބިފައެވެ.

މީގެއިތުރުން ވިޒިޓް މޯލްޑިވްސް ވެބްސައިޓަށް 600,000 އަށްވުރެ ގިނަ ސެޝަން ލިބިފައިވާއިރު، މުޅި ދުނިޔެއިން 10 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ކެމްޕޭން ވަނީ ފޯރާފައެވެ. އަދި އަމާޒުކުރެވުނު ޖިއޯގްރަފިކް މާކެޓްތަކުން ވެބްސައިޓަށް ވަދެފައިވާ މީހުންގެ އަދަދު ވަނީ 54 އިންސައްތައަށް އިތުރުވެފައެވެ.

މި ކާމިޔާބީއާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހީމް ޝިއުރީ ވިދާޅުވީ، އެންމެ މަހެއްގެ ތެރޭގައި 160 މިލިއަނަށްވުރެ ގިނަ އިމްޕްރެޝަންސް އަދި 22 މިލިއަނަށްވުރެ ގިނަ ވީޑިއޯ ވިއުސް ލިބުމަކީ ދިވެހިރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ބޮޑު ކާމިޔާބީއެކެވެ.

މީގެން ދައްކުވައިދެނީ ފަތުރުވެރިންގެ ތެރޭގައި ކޮންޓެންޓް ބެލުމުގެ އިތުރުން، މަންޒިލާމެދު ޝައުގުވެރިކަން އުފެދި ރާއްޖެއަށް ދަތުރުކުރުމާ މެދު އަމަލީގޮތުން ވިސްނަމުންދާކަންކަމަށް އޭނާ ވިދާޅުވިއެވެ.

ޝިއުރީ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ނަތީޖާތަކުން ރަމްޒުކޮށްދެނީ މާކެޓިންއަށް ކުރެވޭ ކޮންމެ އިންވެސްޓްމަންޓަކީ ވަކި އަމާޒެއްގައި، މިނެކިރެވޭ އަދި ނަތީޖާ ނެރެދެނިވި އިންވެސްޓްމަންޓަކަށް ހެދުމަށް ދޭ އިސްކަމެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް މުހިންމު މި ދަނޑިވަޅުގައި، ދުނިޔޭގެ މާކެޓުގައި ރާއްޖެއަކީ ވާދަވެރި އަދި ފަތުރުވެރިން އެދޭ މަންޒިލެއްގެ ގޮތުގައި ދެމިއޮތުން ކަށަވަރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ކެމްޕޭނަކީ ޝައުގުވެރިކުރުވާފަދަ ކޮންޓެންޓާއި، އެޑްވާންސްޑް އޯޑިއަންސް މާކެޓިން، ސާޗް އެޑްވަޓައިޒިން އަދި ރީމާކެޓިން އެއްކޮށްލައިގެން ޑޭޓާގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ ކާމިޔާބު ހަރަކާތެކެވެ.

މީގެ ސަބަބުން ދަތުރުވެރިން ރާއްޖެއާ ބެހޭ މައުލޫމާތު ހޯދުމަށް މަގުފަހިވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް