މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް 478 މިލިއަނަށް ވުރެ ގިނަ ޑޮލަރު ވިއްކައިފިއެވެ.
ބޭންކަށް ޑޮލަރު ގަންނަން ލިބުމުގައި ދަތިތަކެއް ހުރި ނަމަވެސް، ކަސްޓަމަރުންގެ ބޭނުންތައް ފުއްދައިދިނުމަށާއި ގައުމުގެ އިގްތިސާދަށް އެހީތެރިވުމަށް އިސްކަންދޭކަން ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ވަނީ ފާހަގަކޮށްފައެވެ.
ބީއެމްއެލްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށް ފައިސާ ފޮނުވުމަށް އެކަނިވެސް 166 މިލިއަން ޑޮލަރު ވަނީ ވިއްކާފައެވެ. މީގެ ތެރޭގައި ރާއްޖެއިން ބޭރަށް ފޮނުވި 311،722 ރެމިޓެންސް މުއާމަލާތް ހިމެނެއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ހިންގި 261،168 މުއާމަލާތާ އަޅައިބަލާއިރު 20 އިންސައްތައިގެ އިތުރުވުމެކެވެ.
މީހަކު ޑޮލަރުތަކެއް ހިފައިގެން: --- ސަން ފައިލް ފޮޓޯ
މީގެ އިތުރުން، ކްރެޑިޓް އަދި ޑެބިޓް ކާޑުން ކުރާ ރާއްޖެއިން ބޭރުގެ މުއާމަލާތްތަކަށް 226 މިލިއަން ޑޮލަރު ވަނީ ފޯރުކޮށްދީފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ފޯރުކޮށްދިން 175 މިލިއަން ޑޮލަރާ އަޅައިބަލާއިރު 29 އިންސައްތައިގެ ކުރިއެރުމެކެވެ.
މި އަދަދުތަކަށް ބަލާއިރު، ބީއެމްއެލްއިން ވަނީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80 މިލިއަން ޑޮލަރު ވިއްކާފައެވެ. ބޭންކުން ބުނި ގޮތުގައި މިއީ މިދިޔަ އަހަރުގެ މަހެއްގެ އެވްރެޖަށް ވުރެ 30 އިންސައްތަ އިތުރު އަދަދެކެވެ. އަދި 2023 ވަނަ އަހަރުގެ މަހެއްގެ އެވްރެޖަށް ވުރެ ދެ ގުނަ އިތުރު އަދަދަކަށް ވާއިރު، 2021 ވަނަ އަހަރުގެ މަހެއްގެ އެވްރެޖާ އަޅައިބަލާއިރު މިއީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރު އަދަދެކެވެ.
މި ހިސާބުތަކުން ދައްކައިދެނީ ފާއިތުވި އަހަރުތަކުގައި ބޭންކުން ބޭރު ފައިސާ ފޯރުކޮށްދޭ މިންވަރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.
ކަސްޓަމަރުންނަށް ދޭ ޚިދުމަތްތައް ފުޅާކުރުމުގެ ގޮތުން ބީއެމްއެލްއިން ދަނީ ޑިޖިޓަލް އީޖާދުތަކަށާއި ސްޓްރެޓިޖިކް ޕާޓްނާޝިޕްތަކަށް އިންވެސްޓްކުރަމުންނެވެ. އޭގެ ތެރޭގައި ގެދޮރުވެރިކަމުގެ ފައިނޭންސިންއަށް އޮތް ފުރުސަތުތައް ފުޅާކުރުމާއި، މައިންޑްކޯއާ ގުޅިގެން 'މޯލްޑިވްސް އޭއައި ލެބް' އިފްތިތާހުކުރުން ހިމެނެއެވެ.
މީގެ އިތުރުން ލީޑާޝިޕް ތަރައްގީކުރުން ހަރުދަނާކުރުމާއި، ބައިނަލްއަގުވާމީ ދަރަނީގެ މާލީ ބާޒާރުތަކަށް ވަނުމަށް ތައްޔާރުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. ބީއެމްއެލްއިން ބުނި ގޮތުގައި، މި އަހަރުގެ ދެވަނަ ހަ މަސްދުވަހާ އެ ބޭންކުން ކުރިމަތިލަނީ މާލީ ގޮތުން ވަރުގަދަ، ހަރުދަނާ ބެލެންސް ޝީޓަކާއި، ރަނގަޅު ކެޕިޓަލް އަދި ލިކުއިޑިޓީ ހާލަތެއްގައި އޮވެގެންނެވެ.