ނާސާގެ އާ ދިރާސާއިން ދުނިޔެ ސިފަކުރެވޭގޮތާމެދު ބަހުސަކަށް

ދުނިޔޭގެ ޖައްވީ އިދާރާ ނާސާ އިން ދުނިޔޭގެ ގްރެވިޓީ ނުވަތަ ބިމަށް ދަމާ ބާރުގެ ސަބަބުން ކަނޑުގެ އުސްމިނަށް އަންނަ ބަދަލުތައް ދައްކުވައިދޭ ތަފްޞީލީ ޚާއްޞަ މޮޑެލްއެއް ދާދިފަހުން އާންމުކޮށްފިއެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު ނާސާގެ ސައިންޓިފިކް ވިޒުއަލައިޒޭޝަން ސްޓޫޑިއޯއިން ވަނީ ދުނިޔޭގެ ގްރެވިޓީ މަސައްކަތްކުރާގޮތް ދައްކުވައިދޭ އިންޓަރެކްޓިވް ތްރީޑީ މޮޑެލްއެއް ތައާރަފްކޮށްފައެވެ. މި މޮޑެލްއިން ދައްކުވައިދެނީ ދުނިޔޭގެ ގްރެވިޓީގެ ބާރުމިން ހުންނަގޮތުން ކަނޑުގެ އުސްމިން ހުންނާނެ މިންވަރު ދައްކުވައިދޭ ޖިއޮއިޑް އެކެވެ. މިއީ ވަޔާއި އޮއިވަރާއި އަދި ރާޅުތަކުގެ އަސަރެއް ނެތި، ހަމައެކަނި ގްރެވިޓީގެ ސަބަބުން ދުނިޔޭގެ ކަނޑުތައް ހުއްޓިފައި ހުންނަނަމަ ދުނިޔެއަށް އަންނާނެ ބައްޓަން ދައްކުވައިދޭ މިންގަނޑެކެވެ.

މި ސައިންޓިފިކް މަސައްކަތް އެކުލަވާލާފައިވަނީ 19 ޖައްވީ އުޅަނދަކުން 15 އަހަރުގެ މުއްދަތެއްގައި އެއްކޮށްފައިވާ އެއް ބިލިއަނަށްވުރެ ގިނަ މައުލޫމާތުގެ މައްޗަށެވެ. އަދި އާންމުންނަށް މި ތަފާތުތައް ދެނެގަންނަން ފަސޭހައަކަށް މި މޮޑެލްގެ ބޮޑުމިން ގާތްގަނޑަކަށް ދިހަހާސް ގުނަ އިތުރުކޮށް ދައްކާފައިވެއެވެ. މިއީ ދުނިޔޭގެ އަސްލު ބައްޓަން ނުވަތަ ފަރުބަދަތަކާއި އަޑިގުޑަންތައް ދައްކުވައިދޭ ފޮޓޯއެއް ނޫނެވެ. މިއީ ގްރެވިޓީގެ ތަފާތުތަކުގެ ސަބަބުން ކަނޑުގެ އެންމެ ފުންމިނާއި އުސްމިނަށް އަންނަ ބަދަލުތައް ދެނެގަންނަން ބޭނުންކުރާ މުހިންމު ސައިންޓިފިކް މިންގަނޑެކެވެ.

މި މޮޑެލް ދައްކާގޮތުން ދުނިޔޭގެ ގްރެވިޓީ އެންމެ ވަރުގަދަވެގެން އުސްކޮށް ފެންނަ އެއް ސަރަހައްދަކަށް އައިސްލެންޑް ފާހަގަކުރެވިފައިވާއިރު، އެންމެ ބޮޑަށް ގްރެވިޓީ ދަށްވެފައިވަނީ ދެކުނު އިންޑިއާ ސަރަހައްދުގައެވެ. މި މަޝްރޫޢު ފުރިހަމަކުރުމަށްޓަކައި އެމެރިކާ، ޖަރުމަނު، ޖަޕާން އަދި ބްރެޒިލް ފަދަ ޤައުމުތަކުގެ ބިމުގެ މައުލޫމާތުތައްވެސް ބޭނުންކޮށްގެން ސެޓެލައިޓްގެ ހިސާބުތައް ވަނީ ޔަޤީންކޮށްފައެވެ. މި މޮޑެލްގެ ސަބަބުން ސެޓެލައިޓް މެދުވެރިކޮށް ކުރާ ނެވިގޭޝަނާއި އުސްމިން ބެލުމުގެ ނިޒާމުތައް ރަނގަޅުކުރުމަށާއި، ކަނޑުގެ ލޮނުގަނޑުގެ އުސްމިން ދެނެގަތުމަށާއި، އަދި ބިމުގެ އޮނިގަނޑާއި ބިންގަނޑު ހަރަކާތްކުރާގޮތް ދެނެގަތުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.

ނާސާއިން ބުނާގޮތުގައި މި މޮޑެލުން އެ ފެންނަނީ ދުނިޔޭގެ ޙަޤީޤީ ސިފައެއް ނޫނެވެ. ނަމަވެސް މާކުރިން ކޮމްޕިއުޓަރުން އުފައްދައި އަާންމުކޮށްފައިވާ ނޫ ކުލައިގެ ވަށް ދުނިޔޭގެ ފޮޓޯތަކާއި މޮޑެލްތަކަށް ގިނަބަޔަކު މިހާރު އިތުބާރު ނުކުރާތީ، ނާސާ އިން މިފަހަރު ނެރުނު މޮޑެލްއަކީ ދުނިޔޭގެ އަސްލު ސިފަކަމުގައި ބުނެ، އެ ވައްތަރީ އަލުއިއްވަކާ ކަމަށް ބުނެ އިންޓަރނެޓްގައި ހަޖޫ ޖަހަމުން އެބަދެއެވެ. އެހެންނަމަވެސް، ހަގީގަތަކީ ނާސާއިން އެއްއިރެއްގައިވެސް މިއީ ދުނިޔޭގެ އަސްލު ސިފައޭ ބުނެފައި ނުވާކަމެވެ. ޓިކްޓޮކާއި އިންސްޓަގްރާމް ވީޑިއޯތަކުން ފެންނަ މި ފޮޓޯ އަައި މަންޒަރަކީ ނާސާއިން ޖިއޮއިޑެއް ދައްކުވައިދިނުމަށް ތައްޔާރުކޮށްފައިވާ ވިޒުއަލައިޒޭޝަނެކެވެ.

ނާސާއިން ބުނާ ގޮތުގައި ދުނިޔޭގެ އަސްލު ސިފައަކީ ގާތްގަނޑަކަށް ބޯޅައެއްގެ ސިފައެވެ. ނުވަތަ ބާރު ސްޕީޑުގައި އެނބުރުމުގެ ސަބަބުން ދުނިޔޭގެ އުތުރާއި ދެކުނުގެ ދެ ތަނޑިއާ ދިމާލުން ކުޑަކޮށް ފަތާވެފައިވާ އޮބްލޭޓް ސްފެރޮއިޑްއެއްގެ ސިފައެވެ.

ބައިނަލްއަގުވާމީ ޖައްވީ މަރުކަޒުން ނަގައި ޢާންމުކުރާ ވީޑިއޯތަކުގައި ދުނިޔެ އެއްގޮތަކަށްވެސް ހަރަކާތްނުކޮށް އޮންނަހެން އެ ފެންނަނީ ދުނިޔޭގެ ސައިޒާ އަޅައިބަލާއިރު މި ތަފާތުތައް ވަރަށް ކުޑަވުމުން، ޖައްވުގައި ހުރެގެން އާދައިގެ ލޮލަކަށް މިއިން އެއްވެސް ކަމެއް ފާހަގަނުވާނެތީއެވެ.

ޖިއޮއިޑަކީ ޕްލެނެޓެއްގެ ޖިސްމާނީ ސިފައެއް ނޫނެވެ. އެއީ ގްރެވިޓީ ދައްކުވައިދޭ މޮޑެލެކެވެ. މި ދެ ކަންތައް އޮޅުވާލައި، ދުނިޔެ ވަށް ނޫންކަމަށް ނާސާއިން ބުނާކަމަށް ދެކެވެމުންދާ ވާހަކަތައް ނާސާއިން ދޮގުކުރެއެވެ.

comment ކޮމެންޓް