ކަރީނާގެ އާ ފިލްމު 'ދާއިރާ'ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ފިލްމު "ދާއިރާ"ގެ 'ފަސްޓް ލުކް' ޕޯސްޓަރު--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަރީނާ ކަޕޫރްގެ އާ ފިލްމު "ދާއިރާ"ގެ 'ފަސްޓްލުކް' ޕޯސްޓަރާ އެކު ފިލްމު ރިލީޒްކުރާ ތާރީޚު އިއުލާނުކޮށްފިއެވެ.

ނޭޝަނަލް އެވޯޑް ހާސިލްކޮށްފައިވާ މަޝްހޫރު ޑައިރެކްޓަރު މެގްނާ ގުލްޒާރުގެ ކުރިއަށް އޮތް ހިންދީ ކްރައިމް ތްރިލާ "ދާއިރާ"ގެ ފުރަތަމަ ފެނިލުން ޖަންގްލީ ޕިކްޗާސް އާއި ޕެން ސްޓޫޑިއޯސްއިން އިއްޔެ އާއްމުކުރިއިރު ފިލްމު ބެލުންތެރިންނަށް ގެނެސްދޭން ނިންމާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ.

މި ފިލްމުގެ ޕޯސްޓަރުން ފެންނަނީ ކުށް ކުރި ސަރަހައްދެއް ބަންދުކޮށްފައި ވަނިކޮށް، އެތަނުގެ ދެ ފަރާތުގައި ދެ ބަތަލުން ތިބޭ މަންޒަރެވެ. މިއީ ތަހުގީގީ މާހައުލެއްގައި ތަފާތު ދެ ދިމާލަކުން ކުރާ ތަހުގީގެއް އެއް ހަގީގަތަކާ ހަމައަށް ދަތުރުކުރާ ގޮތް ދައްކުވައިދޭ ފިލްމެއްކަން މި ޕޯސްޓަރުން ހާމަވެއެވެ. މި ފިލްމުގެ މައިގަނޑު މަސައްކަތްތައް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ފަށައި، އެ އަހަރުގެ ޑިސެމްބަރު މަހަށް ވަނީ ނިންމާލާފައެވެ.

ކަރީނާ އަދި މަޅަޔާލަމް އެކްޓަރު ޕްރިތްވީރާޖް ފިލްމު "ދާއިރާ"ގެ ޑައިރެކްޓަރު މެގްނާ ގުލްޒާރްއާ އެކު--ފޮޓޯ/އިންޑިއާޓުޑޭ

ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ "ދާއިރާ" އަކީ މުޖުތަމައުގެ ތެރޭގައި ބޮޑެތި ބަހުސްތަކެއް އުފެދިގެންދާ ފަދަ ތަހުގީގެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ. މީގެތެރޭގައި އާންމުން ދެކޭ ގޮތާއި، އަހުލާގީ މިންގަނޑުތަކާ ގުޅޭ ފުށުއެރުންތަކާއި، ކުށުގެ މައިދާނުގައި ފޮރުވިފައިވާ ހަގީގަތްތައް ހިމެނެއެވެ.

މެގްނާ ގުލްޒާރުގެ އިތުރުން ޔަޝް ކެސްވާނީ އާއި ސީމާ އަގަރްވާލްގެ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށްފައިވާ މި ފިލްމަކީ "ތަލްވާރު" އާއި "ރާޒީ" އަށްފަހު މެގްނާ އާއި ޖަންގްލީ ޕިކްޗާސް ގުޅިގެން މަސައްކަތްކުރާ ތިންވަނަ ފިލްމެވެ. މި ފިލްމުގެ މުހިންމު ރޯލަކުން މަޝްހޫރު މަލަޔާޅަމް އެކްޓަރު ޕްރިތުވީރާޖް ސުކްމަރަމް ފެންނާނެއިރު އިތުރު ތަރިންގެތެރޭ އާތީ ދެސާއީ އާއި ޕަދްމާ ވެސް ހިމެނެއެވެ.

ފިލްމު "ދާއިރާ"ގެ ފުރަތަމަ ފެނިލުމާއެކު، ފިލްމުގައި ހިމެނޭ ނުތަނަވަސްކަމާއި ތަހުގީގީ ކަންތައްތަކަށް ބެލުންތެރިންގެ ޝައުގުވެރިކަން ވަނީ އިތުރުވެފައެވެ.

comment ކޮމެންޓް