ޖެން-ޒީންނަށް އަމާޒުކޮށް ކަންގަނާ ކީ ފާޑުކިޔުންތަކަށް ވިޝާލް ރައްދުދީފި

އިންޑިއާގެ މިއުޒީޝަން ވިޝާލް ދަދްލާނީ އަދި ކަންގަނާ ރަނައުތު--ފޮޓޯ/ބޮލީވުޑްހަންގާމާ

އިންޑިއާގެ މެޑިކަލް އިމްތިހާނު (ނީޓް)ގެ ޕޭޕަރުތައް ލީކުވި މައްސަލައިގައި އެ ޤައުމުގެ ޒުވާނުން (ޖެން-ޒީ)އިން ކުރި އިހުތިޖާޖުތަކާ ގުޅިގެން ޒުވާނުންނަށް އަމާޒުކޮށް ވަރަށް ހުތުރު ބަހުން ކަންގަނާ ފާޑުކިޔާފައިވާތީ، އިންޑިއާގެ ލަވަކިޔުންތެރިޔާ ވިޝާލް ދަދްލާނީ އެކަން ކުށްވެރިކޮށް ވާހަކަދައްކައިފިއެވެ.

ވިޝާލް ބުނި ގޮތުގައި އިހުތިޖާޖުވެރިންނާ ދެކޮޅަށް ބާރުގެ ބޭނުންކޮށް، ގާބުރި އުކުމަށްފަހު، އެކަމުގެ އިލްޒާމް އަޅުވަނީ ވެސް އެ ކުދިންގެ ބޮލުގައެވެ.

މިހާރު ކުރިއަށްދާ ޒުވާނުންގެ އިހުތިޖާޖުތަކާ ގުޅޭގޮތުން ވާހަކަދައްކަމުން މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މިއުޒިކް ކޮމްޕޯޒަ ވިޝާލް ދަދްލާނީ ބުނީ، ސަމާލުކަން ދޭންވީ އިހުތިޖާޖުވެރިން ބޭނުންކުރާ ބަސްމަގަށްވުރެ ބޮޑަށް، މުޒާހަރާތަކުގެ ތެރޭގައި އެ ކުދިންނާ މެދު އަމަލުކުރި އިހާނެތި ގޮތްތަކަށް ކަމަށެވެ.

ވިޝާލް މިހެން ބުނެފައިވަނީ، އިހުތިޖާޖުވެރިން ބޭނުންކުރާ ބަސްމަގު ހަޑި ކަމަށް ބުނެ ހިންދީ ސިނަމާގެ ބަތަލާ އަދި ބީޖޭޕީގެ މަޖިލިސް މެންބަރު ކަންގަނާ ރަނާވަތު އެ ކުދިންނަށް ފާޑުކިޔުމާ ގުޅިގެންނެވެ.

ނީޓް ޕޭޕަރުތައް ލީކުވުމާ ގުޅިގެން ޒުވާނުން ކުރިއަށްގެންދިޔަ އިހުތިޖާޖުތަކާ އެއްކޮޅަށް އަޑުއުފުލި އިންޑިއާގެ ބައެއް ފިލްމީ ތަރިން ހިމެނޭ ޕޯސްޓަރެއް--ފޮޓޯ/ފޭސްބުކް

އަމިއްލަ ރަސްމީ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ވިޝާލް ބުނީ، އެންމެ ބޮޑު މައްސަލައަކީ ދަރިވަރުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުން ކަމަށެވެ.

ވިޝާލް ހާމަކުރިގޮތުގައި ޒުވާނުންނަށް އަމާޒުކޮށް ބަޑިޖަހައި، ކަރުނަގޭސް އުކައި، އަދި ޕެލެޓް ބަޑިން ކުދިންގެ މޫނަށް ހަމަލާދިނުމަށްފަހު ސަރުކާރަށް ތާއީދުކުރާ ބަޔަކު ފައިސާ ދީގެން ގެންގުޅޭ ގުންޑާއިން އަދިވެސް ދަނީ މުޒާހާރާގެ ބައިވެރިންނަށް ބިރުދައްކައި އަނިޔާކުރަމުން ކަމަށެވެ. އެހެންވީމާ، އެއްޗެހި ގޮވުމަކީ ސަރުކާރަށް ތާއީދުކުރާ މެމްބަރުންނަށް ލިބިގެންވާ ހައްގެއް ކަމަށް ގަބޫލުނުކުރާ ކަމަށް ވިޝާލްގެ ޕޯސްޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، އިހުތިޖާޖުވެރިންނާ ދެކޮޅަށް އާންމުންގެ ޚިޔާލު ބަދަލުކުރުމަށްޓަކައި ރޭވުންތެރިކަމާއެކު ފައިސާ ދީގެން ކެމްޕޭންތައް ހިންގަމުންދާ ކަމަށް ވެސް ވިޝާލް ތުހުމަތުކުރިއެވެ.

ވިޝާލްގެ މި ރައްދު އައީ، މުޒާހަރާތަކުގެ ވީޑިއޯތަކެއް ފެނުމަށްފަހު، އެއީ 'މުޑުދާރު' ބައެއް ކަމަށް ބުނެ ކަންގަނާ އެ ކުދިންނަށް ވަރަށް ބޮޑަށް ފާޑުކިޔާފައި ވަނިކޮށެވެ. ކަންގަނާ ބުނި ގޮތުގައި އެ ކުދިންނަކީ ގައުމުގެ ނިޒާމަށް އެއްވެސް ފައިދާއެއް ހުރި ބައެއް ނޫނެވެ.

ކަންގަނާގެ މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ނުރުހުން އޭނާއަށް ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ބުނަމުންދަނީ، މި މަހުގެ 20 ވަނަ ދުވަހު ބޭއްވި "ސަންސަދު މާޗް"ގައި ޒުވާނުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލުތައް ކަންގަނާއަށް ނުފެނި، ހަމައެކަނި އެ ކުދިންގެ ބަސްމަގަށް ފާޑުކިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ނީޓް ޕޭޕަރުތައް ލީކުވުމާ ގުޅިގެން ޒުވާނުން ކުރިއަށްގެންދިޔަ އިހުތިޖާޖުތައް ނިންމާލީ އިންޑިއާގެ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާދީ، ދަރިވަރުންކުރި ޑިމާންޑްތަކަށް ސަރުކާރުން އިޖާބަދޭން އެއްބަސްވުމުންނެވެ.

އިންޑިއާގެ 'ޖެން-ޒީ'ންނާ ދެކޮޅަށް ކަންގަނާ ނުރުހުން ފާޅުކޮށް ވާހަކަ ދައްކާފައިވާއިރު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ އިހުތިޖާޖުކުރި ޒުވާނުން ދެއްކި ހިތްވަރަށް ތައުރީފުކޮށް ޒުވާނުންނާއެކު ތިބިކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކޮށްފައެވެ.

comment ކޮމެންޓް