ޝޯ ކެންސަލް ކުރުމުން މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ: އޫބާ އިވެންޓްސް

"ބިޔޯން އެގެއިން" ރާއްޖެ އައުން: ޝޯ ކެންސަލް ކުރުމުން މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޫބާ އިވެންޓްސްއިން ބުނޭ -- ފޮޓޯ: އޫބާ އިވެންޓްސް

މާދަމާ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވުމަށް އިންތިޒާމުކޮށްފައި އޮތް "ބިޔޯން އަގެއިން"ގެ ޝޯ ކެންސަލްކުރުމުން، އެ ޝޯ އިންތިޒާމްކުރި އޫބާ އިވެންޓްސްއަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އޫބާ އިވެންޓްސްއިން ނެރުނު ބަޔާނެއްގައި ބުނީ، "ބިޔޯން އެގެއިން" ކޮންސެޓް ކެންސަލް ކުރަން ޖެހުމަކީ އޫބާ އިވެންޓްސް އިން ނުހަނު ހިތާމަކުރާ ކަމެއްކަަމަށެވެ.

މި ކޮންސެޓް ކެންސަލް ކުރަން ޖެހުނީ އިވެންޓްގެ ތައްޔާރީތައް ބާރު ސްޕީޑުގައި ކުރިއަށްދަނިކޮށް އަދި ސްޓޭޖްގެ މަސައްކަތްތައް ވެސް ފަށާފައިވަނިކޮށް ޔޫތު މިނިސްޓްރީން ކުއްލި ގޮތަކަށް ސޯޝަލް ސެންޓަރުގެ ހުއްދަ ބާތިލުކުރުމާ ގުޅިގެން ކަމަށް ބަޔާނުގައިވެއެވެ.

އެ ނިންމުމާ ގުޅޭގޮތުން އޫބާ އިވެންޓްސްގެ ސްޕޮންސަރުންނަށާއި ޓިކެޓް ގަނެފައިވާ ފަރާތްތަކުގެ އިތުރުން އާންމު ރައްޔިތުންނަށް ފުރިހަމަ މައުލޫމާތާއި ހަގީގަތް ހާމަކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް އެ އޫބާ އިވެންޓްސްއިން ވަނީ ބުނެފައެވެ.

އެ ކުންފުނިން ވަނީ މި އިވެންޓް ކެންސަލް ކުރިކަން އަންގާފައިވަނީ ޝޯ ހުށަހަޅައިދޭ "ބިޔޯން އެގެއިން" ބޭންޑުގެ މެންބަރުން ރާއްޖެއަށް އައުމަށް ދަތުރު ފެށި ފަހުން ކަމަށެވެ. އެ ނިންމުމުގެ ސަބަބުން އެ ކުންފުންޏަށް މާލީ ގޮތުންނާއި އިދާރީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބުމުގެ އިތުރުން، ޝޯގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ދިވެހި ފަންނާނުންނަށާއި، ސްޕޮންސަރުންގެ އިތުރުން ޓިކެޓް ގަނެގެން އިންތިޒާރުގައި ތިބި ސަޕޯޓަރުންނަށް ވެސް މާޔޫސްކަން ލިބިފައިވާ ކަމަށް އޫބާ އިވެންޓްސްއިން ވަނީ ބުނެފައެވެ.

ރާއްޖޭގައި މިފަދަ ބޮޑެތި އިވެންޓްތައް އިންތިޒާމުކުރާ ކުންފުންޏެއްގެ ހައިސިއްޔަތުން އޫބާ އިވެންޓްސްއިން ރާއްޖެއަށް ގެންނަ ކޮންމެ ފަންނާނަކީ ވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އިޖުތިމާއީ އަދި ސަގާފީ ހަމަތަކަށް ފުރިހަމައަށް އިހުތިރާމްކޮށް، އެ ކަންކަމަށް ތަބާވާނެ ބައެއްކަން ކަށަވަރުކުރުމަކީ އޫބާ އިވެންޓްސްގެ އެންމެ އިސް ޒިންމާ ކަމަށް ބަޔާނުގައިވެއެވެ. އަދި"ބިޔޯން އެގެއިން" ބޭންޑުން ވެސް ތިބީ ރާއްޖޭގެ ހުރިހާ އުސޫލުތަކަކަށް ފުރިހަމައަށް ބޯލަނބައިގެން ހުށަހެޅުންތައް ކުރިއަށް ގެންދިއުމަށް ތައްޔާރުވެގެން ކަމަށް އޫބާ އިވެންޓްސްއިން ވަނީ ބުނެފައެވެ.

މި ކަންތައްތަކާ ގުޅިގެން ޓިކެޓް ގަނެފައިވާ ހުރިހާ ފަރާތްތަކުގެ ކިބައިން މައާފަށް އެދި، ޓިކެޓަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް މި ހަފުތާއިން ފެށިގެން ފައިސާ އަނބުރާ ދެއްކުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށްވެސް އޫބާ އިވެންޓްސްއިން ވަނީ ބުނެފައެވެ.

"ބިޔޯން އަގެއިން" ރާއްޖޭގައި: އެ ބޭންޑާއެކު އޫބާ އިވެންޓްސްގެ ވެރިން ނަގާފައިވާ ފޮޓޯއެއް -- ފޮޓޯ:

އޭގެ އިތުރުން މި ޝޯ ކާމިޔާބު ކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރި "ބިޔޯން އެގެއިން" ބޭންޑުގެ މެންބަރުންނަށާއި ދިވެހި ފަންނާނުންގެ އިތުރުން އެ މަސައްކަތުގެ ހުރިހާ ބައިވެރިންނަށް ވެސް އޫބާ އިވެންޓްސްގެ ފަރާތުން ވަނީ މާފަށް އެދިފައެވެ.

އޫބާ އިވެންޓްސްގެ އަމާޒަކީ ދުނިޔޭގެ ފެންވަރުގެ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ރާއްޖެއަށް ތައާރަފުކުރުން ކަމަށާއި ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާއަށް ދެމެހެއްޓެނިވި އަދި ހަމަހަމަ އުސޫލުތަކެއް ގާއިމުކުރުމަށްޓަކައި އަބަދުވެސް ވަކާލާތު ކުރަމުންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި 'ބިޔޯން އަގެއިން' ބޭންޑުގެ ޝޯ ރާއްޖޭގައި ބާއްވަން އުޅެނިކޮށް ސަރުކާރަކުން ނުހުއްޓުވާ ކަމަށާއި، މިނިސްޓްރީން އެދުނީ ސޯޝަލް ސެންޓަރު ނޫން އެހެން ތަނެއްގައި ޝޯ ބާއްވަން ކަމަށް ސްޕޯޓްސް މިނިސްޓްރީން ވަނީ ބުނެފައެވެ.

https://sun.mv/225285

މިނިސްޓްރީއިން ބުނީ ސަރުކާރުން ޝޯ ކެންސަލްކުރި ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމަށާއި އެދުނީ އެހެން ތަނަކަށް ބަދަލުކޮށްދޭން ކަމަށެވެ. އަދި އެކަމުގައި އެހީތެރިވެދޭނެކަމުގެ ޔަގީންކަން ވެސް ޝޯގެ އޯގަނައިޒަރަށް ދިން ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އެއީ ސޯޝަލް ސެންޓަރުގެ ސްޓޭޖުގެ ފުރާޅު ހިމެނޭ ގޮތަށް އިންޑޯ ހޯލުގައި ވަގުތުން ކުރަން ހުރި ބޮޑެތި މަރާމާތުތަކެއް ހުރުމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް