ލ. ގަމުން ގެއްލިގެން މިއަދު ހޯދަން ފެށި ޒުވާނާ، އެ ރަށުގެ ޖޯއްޔެއްގައި އޮއްވައި ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް މިހާތަނަށް ބެލެވޭ ކަމަށް ގަމު ކައުންސިލްގެ ރައީސް އަފްސަލް ޖައުފަރު ވިދާޅުވެއްޖެއެވެ.
ގަމު ކައުންސިލުގެ އިއުލާނުގައިވާ ގޮތުން ގެއްލިގެން ހޯދަމުން ދިޔައީ 22 އަހަރުގެ ފިރިހެނެކެވެ.
ގަމު ކައުންސިލުން 18:30ހާއިރު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ ހެޔޮ ހާލުގައި ހުއްޓާ ފެނިފައިވާކަން އިއުލާންކޮށްފައެވެ.
އަފްސަލް"ސަން"އަށް ވިދާޅުވީ އެ ޒުވާނާ ހޯދުމަށް ރަށުގެ ރައްޔިތުންނާއި ފުލުހުންނާއި ސިފައިން ގުޅިގެން މިއަދު މަސައްކަތްކުރި ކަމަށެވެ. އެގޮތުން 10 މީހުންގެ ގުރޫޕުތައް ހަދައިގެން ޒުވާނާ ހޯދަމުން ދަނިކޮށް އޭނާ ފެނުނީ، އިރުއޮއްސެން ކައިރިވެފައި ވަނިކޮށް އެ ރަށު ދެކުނު ފަރާތު ގޮނޑުދޮށާ ކައިރީ އޮތް ވިނަގަނޑެއްގެ ތެރޭގައި، ޖޯލިފައްޗެއްގައި އޮއްވައި ކަމަށް އޭނާ ވިދާޅުވިއެވެ.
އަފްސަލް ވިދާޅުވީ އެ ޒުވާނާ ފެނުނީ ސިފައިންނަށް ކަމަށެވެ. އަދި، ގެއްލިގެން ހޯދާ މީހުން ފެނުމުން އާންމުކޮށް އަމަލުކުރާ އުސޫލުގެ ދަށުން، ޒުވާނާގެ ހާލަތު ބެލުމަށް ހޮސްޕިޓަލަށް ގެންގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
އަފްސަލް ވިދާޅުވީ ޒުވާނާގެ ހާލަތު ބެލުމަށް ކުރަން ޖެހޭ ކަންކަން، ގަމު ހޮސްޕިޓަލުގެ އީއާރުގައި މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. މިހާތަނަށް ހޮސްޕިޓަލުން ލިބިފައިވާ މައުލޫމާތާ ހަވާލާދީ އޭނާ ވަނީ، ޒުވާނާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވެފައެވެ.
އެ ޒުވާނާގެ އާއިލާއާ ހަވާލާދީ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ، އޭނާ ގެއްލިފައިވަނީ ރޭ ދަންވަރު 12އިން ފެށިގެން ކަމަށެވެ.
އެ ޒުވާނާގެ ޚަބަރެއް ނުވެ އެހާ ގިނައިރުވީ ކީއްވެ ކަމެއް މިހާތަނަށް ސާފުވެފައި ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ގެއްލިގެން މީހުން ހޯދަން ދޭތެރެއަކުން އިއުލާންކުރެއެވެ. އާންމު ގޮތެއްގައި އިއުލާންކުރާތާ މާ ގިނައިރެއް ނުވެ، ގެއްލިގެން ހޯދާ މީހުން ފެނެއެވެ.