މާލޭގެ އިމާރާތަކުން ވެއްޓުނު މުށިގަނޑެއް ބޮލުގައި ޖެހި، އަނިޔާވި މީހަކު އައިޖީއެމްއެޗަށް

މާލޭ މަގެއް މަތި: މާލޭގެ އިމާރާތަކުން އެއްޗެއް ވެއްޓި، އަނިޔާވި މީހަކު ވަނީ ފަރުވާއަށް އައިޖީއެމްއެޗަށް ގެންގޮސްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ އިމާރާތަކުން މިއަދު މުށިގަނޑެއް ވެއްޓި، ބޮލުގައި ޖެހުނު މީހަކު އަނިޔާވެޖެން އައިޖީއެމްއެޗަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ، މާފަންނު ބޮޑުތަކުރުފާނު މަގުގައި ހުންނަ އިމާރާތަކުން އެއްޗެއް ވެއްޓި މީހެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 6:42ހާއިރު އެ މުއައްސަސާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވެފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކަށް ކަމަށާއި އޭނާއަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި މުށިގަނޑަކާއި ބިއްލޫރިގަނޑެެއް ވެސް ވެއްޓިފައިވެއެވެ.

އަނިޔާވި މީހާގެ ހާލަތާ ގުޅޭ މައުލޫމާތެއް ފުލުހުން ހިއްސާނުކުރެއެވެ. އަދި އައިޖީއެމްއެޗްގެ މީޑިއާއާ ސުވާލުކުރި ނަމަވެސް، މިހާތަނަށް މައުލޫމާތު ހިއްސާކޮށްފައިނުވެއެވެ.

އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މާލޭގެ އުސް އިމާރާތްތަކުގެ ބެލްކަނީގައި ނުރައްކާތެރިކޮށް ތަކެތި ބަހައްޓައިފައި ހުރުމާއި، އެ ތަކެތި ވެއްޓި މީހުންނަށް އަނިޔާވުމުގެ މައްސަލަތައް މީގެ ކުރިން ވެސް ދިމާވެފައިވެއެވެ. ޚާއްސަކޮށް، ގިނަ ބަޔަކު ބެލްކަނީގައި ގަސް އިންދުން ފަދަ ކަންކަން ކުރާއިރު، މަގުމައްޗަށް އެއްޗެއް ވެއްޓިދާނެ ފަދަ ގޮތަކަށް ތަކެތި ނުބެހެއްޓުމަށް ސިޓީ ކައުންސިލުން ވެސް މީގެ ކުރިން އަންގައިފައިވެއެވެ.

comment ކޮމެންޓް