ވައިގެ ކޮލިޓީ މޮނިޓާކުރުމަށްޓަކައި ހަތަރު ސްޓޭޝަނެއް މާލެ ސަރަހައްދުގައި މި އަހަރު ނިމުމުގެ ކުރިން ބަހައްޓާނެ ކަމަށް، އެންވަޔަރަމަންޓް މިނިސްޓަރު ޢަލީ ޝަރީފް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިނިސްޓަރު ވަނީ، ވައި ނުސާފުވުމުގެ މައްސަލަ ނުރައްކާތެރި މިންވަރަކަށް މިދިޔަ އަހަރު އޮތް ކަން ފާހަގަކުރައްވައިފައެވެ. އެގޮތުން ފެންނަ ދުރުމިން ދަށްވެ ބައެއް ކަހަލަ ފިޔަވަޅުތައް އަޅަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކުރިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ދެން މީގަ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމަކީ ބޮޑަށް ވައިގެ ކޮލިޓީ ހުރި މިންވަރު ބަލައިފައި އާންމުންނަށް އެތި އެއީ ކިހާ ސޭފްޓީ މިންގަނޑެއްގައި ވައިގެ ކޮލިޓީ ހުރިތޯ ނެތްތޯ، އެ މައުލޫމާތު ކޮންޓިނުއަސްލީ ފޯރުކޮށްދެވުނީމަ އަޅުގަނޑުމެންނަށް އޭތީގަ ފޯރުކޮށްދޭންޖެހޭ ބައެއް އެޑްވައިޒަރީތައް ވެސް އޭގެ އެންމެ ފުރިހަމަ ގޮތުގައި އަޅުގަނޑުމެންނަށް ނެރެވޭނީ،" މިނިސްޓަރު ވިދާޅުވިއެވެ.
އެހެންވެ އެކި ސަރަހައްދުތަކުގައި ވައިގެ ކޮލިޓީ މޮނިޓާކުރުމަށް ސްޓޭޝަންތައް ގާއިމްކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މި އަހަރު ނިމުމުގެ ކުރިން މާލެ ސަރަހައްދުގައި އޭގެ ހަތަރު ސްޓޭޝަނެއް ބެހެއްޓުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ވައިގެ ކޮލިޓީ މޮނިޓާކުރާ ސްޓޭޝަނެއް ގަލޮޅުގައި މިހާރު ވެސް އެބަހުރި ކަމަށާއި، އެ ސްޓޭޝަން ހުރި ތަނުގައި މިހާރު ހުންނާނީ ވައިގެ ކޮލިޓީގެ މިންގަނޑު އާންމުންނަށް ސާފުކޮށް ފެންނާނެހެން ކަމަށެވެ.
މާލެ ސަރަހައްދުގައި ހަތަރު ސްޓޭޝަނެއް ބަހައްޓާނެ ކަމަށް ވިދާޅުވުމަށް ފަހު މިނިސްޓަރު ވިދާޅުވިގޮތުގައި އައްޑުއާއި ކުޅުދުއްފުށްޓާއި ފުވައްމުލަކާއި ވިލިމާލެއާއި ށ. ފުނަދުއާއި ދ. ކުޑަހުވަދުއާއި ލ. ގަމުގައި ވައިގެ ކޮލިޓީ މޮނިޓާކުރާ ސްޓޭޝަންތައް މިހާރު ހުންނާނީ ބަހައްޓައިފައެވެ.
ފާހަގަކުރެވޭ ގޮތުގައި މިދިޔަ ޑިސެންބަރުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގެ ވައި ހުރީ ނުރައްކާތެރި މިންވަރަކަށް މަތިވެފައެވެ. ރާއްޖެ ސަރަހައްދަށް ކިރިޔާ ވެސް ވައި ސާފުވާން ފެށީ ހަތަރު މަސް ފަހުން މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ.
ދުންފުހުގެ ސަބަބުން ދުރު ފެންނަ މިންވަރު ދަށްވެ، ވައި ނުސާފުވެ، ސިއްހީ ގެއްލުންތައް ވެސް ލިބެއެވެ.
"ފޮގް ވުން" އަދި "މިސްޓް"އާ ޚިލާފަށް ހޭޒްއަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލްތަކެކެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައިވީ ނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ، ދުރު ފެންނަ މިންވަރު ދަށްވެއެވެ.
ވައި ނުސާފުވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ސިއްހީ އިދާރާތަކުން އަބަދު ވެސް އިލްތިމާސްކުރެއެވެ. އެ ގޮތުން، ނުރައްކާތެރި ވަރަކަށް ވައި ނުސާފުވުމުން ނާޒުކު ހާލަތުގައިވާ މީހުންނާއި އެހެން މީހުންނަށް ވެސް ނޭވާލާ ނިޒާމުގެ މައްސަލަ ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
އެޗްޕީއޭއިން ފާހަގަކޮށްފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރޭގައި، ނާޒުކު ހާލަތްތަކުގައިވާ މީހުން ބޭރަށް ނުކުންނަން ޖެހޭ ހާލަތްތަކުގައި މާސްކު އެޅުމާއި، ވައި ނުވަންނަހެން ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، އެއާ ޕިއުރިފަޔާ ބޭނުންކުރުން ހިމެނެއެވެ.
އެޗްޕީއޭއިން ވަނީ ނާޒުކު ހާލަތުގައިވާ މީހުން ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލަން ވެސް އޭރު އިލްތިމާސްކޮށްފައެވެ.