ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ރާއްޖޭގެ ސަފާރީ އުޅަނދުފަހަރު ނުވަތަ ލިވަބޯޑް ފަތުރުވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން "ލިވަބޯޑް ފައިނޭންސް" މިއަދު ތައާރަފުކޮށްފިއެވެ.
މި ފެސިލިޓީ ފަރުމާކޮށްފައިވަނީ ސަފާރީ އުޅަނދުފަހަރު ގަތުމަށާއި ބަނުމަށާއި އިންޖީނު އެޅުމުގެ އިތުރުން މަރާމާތުކުރުމަށެވެ. އަދި އުޅަނދުތަކަށް ބޭނުންވާ އެކި ސާމާނާއި ވަސީލަތްތައް ހޯދުމަށް ވެސް އެ ލޯނު ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
މީގެ ސަބަބުން ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފްލީޓް ފުޅާކުރުމަށާއި ބޭނުންކުރަމުންދާ ބައު އުޅަނދުފަހަރު އާބާތުރަ ފިލުވައި ޒަމާނީ ކުރުމަށް ނުވަތަ އައު އުޅަނދުފަހަރު އޮޕަރޭޝަނަށް ނެރުމަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.
ބީއެމްއެލްއިން ބުނީ މި ފެސިލިޓީއަކީ ރާއްޖޭގައި މި ވަގުތު އުޅަނދުފަހަރަށް ދޫކުރާ އެންމެ ކުޑަ ރޭޓް ކަމަށްވާ އަހަރަކު 9.5 އިންސައްތައިގައި ދޫކުރާ ފެސިލިޓީއެއް ކަމަށެވެ.
މީގެ އިތުރުން މި ފެސިލިޓީގެ ދަށުން ރަހުނުގެ ގޮތުގައި ބޭނުންވާނީ ހަމައެކަނި ފައިނޭންސްކުރާ އުޅަނދު ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ފައިނޭންސް އަނބުރާ ދެއްކުމަށް ހަތް އަހަރާ ހަމައަށް މުއްދަތު ލިބޭއިރު އަނބުރާ ފައިސާ ދެއްކުން ހަމަޖައްސާފައިވަނީ ދާއިރާގެ ޕީކް ސީޒަނާއި އޮފް ޕީކް ސީޒަނަށް ބަލައިގެންނެވެ.
އޭގެ ސަބަބުން ކަނޑައެޅިފައިވާ ވަކި ތާވަލެއްގެ ބަދަލުގައި އުޅަނދު ދުއްވައިގެން ލިބޭ އާމްދަނީއާ އެއްގޮތަށް ފައިސާ ދެއްކުމުގެ ލުއިފަސޭހަކަން އޮޕަރޭޓަރުންނަށް ލިބޭއިރު، މި ފައިނޭންސަށް ފައިސާ އަނބުރާ ދެއްކުމަށް ހަމަޖެހިފައިވަނީ ޑޮލަރުން ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ ލިވަބޯޑް އުޅަނދުތަކަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ އެންމެ މުހިންމު އެއް ދާއިރާ ކަމަށެވެ. އަދި މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވަނީ އެ ވިޔަފާރި ހިނގަމުން އަންނަ ގޮތް ރަނގަޅަށް ދަންނަ މާލީ އެހީތެރިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ލިވަބޯޑް ފައިނޭންސްގެ ނަމުގައި އަޅުގަނޑުމެން މި ތައާރަފުކުރި މާލީ ޚިދުމަތަކީ މި ސިނާއަތަށް އާމްދަނީ ލިބޭ ގޮތާއި ޚަރަދުތައް ހިނގާ ގޮތަށް ބަލައި ޚާއްސަކޮށް ފަރުމާކޮށްފައިވާ ޚިދުމަތެއް. މީގެ ސަބަބުން އޮޕަރޭޓަރުންނަށް އެ ބޭފުޅުންގެ ވިޔަފާރި ކުރިއެރުވުމަށް އިންވެސްޓްކުރުމުގެ ފުރުސަތާއި އިތުބާރު ލިބިގެންދާނެ. ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް
ޝަރީފް ވިދާޅުވީ އެއީ ދިވެހި އިގުތިސާދުގެ މުހިންމު ދާއިރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށެވެ.
މި ފައިނޭންސިންގެ ސަބަބުން ފްލީޓް އައު ކުރުމަށް ނުވަތަ ފުޅާކުރުމަށް ބޭނުންވާ ތަޖުރިބާކާރު އޮޕަރޭޓަރުންނަށާއި އަލަށް މި ދާއިރާއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ބޭނުންވާ ރައުސްމާލު ހޯދުމަށް ފަސޭހަވާނެ ކަަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.
ބީއެމްއެލްއިން ވަނީ އެ ބެންކަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޒަމާނުއްސުރެ އެހީތެރިކަން ފޯރުކޮށްދެމުންދާ މާލީ ބައިވެރިއެއްކަން ފާހަގަކޮށްފައެވެ.