260 މީހުން މަރުވި އެއާ އިންޑިއާ ބޯޓު ވެއްޓުނީ ފިއުލް ސްވިޗުގެ މައްސަލައަކުން ނޫން: އިންޑިއާ

އެއާ އިންޑިއާ މަތިންދާ ބޯޓު ވެއްޓި، ގޮވުމުގެ ސިކުންތުކޮޅެއް ކުރިންނާއި، ވެއްޓި ގޮވި މަންޒަރު --

މިދިޔަ އަހަރު ވެއްޓުނު އެއާ އިންޑިއާގެ ބޯއިން 787 މަރުކާގެ ބޯޓުގެ ފިއުލް ކޮންޓްރޯލް ސްވިޗުން އެއްވެސް މައްސަލައެއް ފެނިފައިނުވާ ކަމަށް އިންޑިއާ ސަރުކާރުން މިއަދު ބުނެފިއެވެ.

އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަމުން އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ބުނި ގޮތުގައި، ބޯޓު އުފެއްދި ކުންފުނިން ހެދި ތަހުލީލުތަކުން ސްވިޗުގެ ލޮކިން މެކޭނިޒަމްގައި އެއްވެސް އުނިކަމެއް ހުރިކަން ފާހަގަކުރެވިފައެއް ނުވެއެވެ.

އެއާ އިންޑިއާގެ ފްލައިޓް އޭއައި-171 ވެއްޓުނީ 12 ޖޫން 2025 ގައި އިންޑިއާގެ އަހުމަދާބާދު އެއާޕޯޓުން ލަންޑަންގެ ގެޓްވިކް އެއާޕޯޓަށް ދަތުރުކުރުމަށް ނައްޓާލިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. މި ބޯޓު ވެއްޓުނީ އެ ސަރަހައްދުގައި ހުރި ބީޖޭ މެޑިކަލް ކޮލެޖުގެ ހޮސްޓެލް އިމާރާތަކަށެވެ. މި ހާދިސާގައި ބޯޓުން ދަތުރުކުރި 242 މީހުންގެ ތެރެއިން 241 މީހަކު މަރުވިއެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އިންޑިއާ އަދި އިނގިރޭސިވިލާތުގެ ރައްޔިތުން ހިމެނެއެވެ. އަދި ބޯޓު ވެއްޓުނު ސަރަހައްދުގެ ބިމުގައި ތިބި 19 މީހަކު މަރުވުމާއެކު، ހާދިސާގައި މަރުވި މީހުންގެ ޖުމްލަ އަދަދު 260 އަށް އަރައެވެ.

https://www.sun.mv/224765

މިއީ ފަހުގެ ތާރީޚެއްގައި އިންޑިއާގައި ހިނގި އެންމެ ނުރައްކާތެރި އެއް ވައިގެ ހާދިސާއެވެ.

ބޯޓުގެ ފިއުލް ކޮންޓްރޯލް ސްވިޗަށް ތަހުގީގު ޓީމުތަކުގެ ސަމާލުކަން ހުއްޓުނީ، ބޯޓު ނައްޓާލިތާ ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ދެ އިންޖީނުގެ ސްވިޗުވެސް ނިވިފައިވާކަން ފުރަތަމަ ރިޕޯޓުތަކުން ދެއްކުމާ ގުޅިގެންނެވެ. ނަމަވެސް އިންޑިއާ ސަރުކާރުން ބުނި ގޮތުގައި، ސްވިޗުގައި މައްސަލައެއް ނެތްކަން ކަށަވަރުވި ނަމަވެސް، ބޯޓުގެ ތްރަސްޓް ކޮންޓްރޯލް މޮޑިއުލްގެ އިތުރު ތަހުލީލުތައް އެމެރިކާގައި ހުންނަ ބޯއިން ކުންފުނީގެ މަރުކަޒެއްގައި އަދިވެސް ދަނީ ކުރިއަށެވެ.

މީގެ އިތުރުން، ބޯޓު ދުއްވަން އިން ޕައިލެޓުގެ އާއިލާއިން ވަނީ މި ހާދިސާގެ މިނިވަން އަދި އިންސާފުވެރި ތަހުގީގެއް ކުރުމަށް އެދި އިންޑިއާގެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން، ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ދެނެގަތުމަށް ސިމިއުލޭޓާ ޓެސްޓުތަކެއް ހަދާފައިވާ ކަމަށް ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާގެ ފައިނަލް ޑްރާފްޓް ރިޕޯޓު މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އިންޑިއާގެ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއޭއައިބީ) އިން ވަނީ ބުނެފައެވެ.

މިދިޔަ ފެބްރުއަރީ މަހު އެއާ އިންޑިއާގެ އެހެން ބޯއިން 787 މަރުކާގެ ބޯޓެއް ލަންޑަނުން ބެންގަލޫރަށް ދަތުރުކުރަނިކޮށް ފިއުލް ސްވިޗަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ކުންފުނީގެ ހުރިހާ ބޯޓެއް ވަނީ އިންސްޕެކްޓްކޮށްފައެވެ. ނަމަވެސް އެއްވެސް ބޯޓެއްގެ ލޮކިން މެކޭނިޒަމްގައި މައްސަލައެއް ނެތް ކަމަށް އެއާ އިންޑިއާއިން ވަނީ ބުނެފައެވެ.

ތަހުގީގު ޓީމުތަކުން މިހާރު މަސައްކަތްކުރަމުން ދަނީ އޮކްޓޫބަރު މަހަށް ރިޕޯޓު ނިންމުމަށެވެ.

comment ކޮމެންޓް