ޖަޕާނަށް އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 13 އަށް އަރައިފި

ޖަޕާނަށް އައި ބިންހެލުމުގައި ގެއްލުން ލިބިފައި. ފޮޓޯ/އޭޕީ

ޖަޕާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ކުމާމޮޓޯ ކައިރިއަށް 7.1 މެގްނިޓިއުޑްގެ ބާރުމިނުގައި އިއްޔެ އައި ބިންހެލުމެއްގައި 13 މީހުން މަރުވެފައިވާއިރު ސަލާމަތްކުރާ ފަރާތްތަކުން ދަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ކަމަށް ޖަޕާނުގެ ބޮޑު ވަޒީރު ސަނައީ ޓަކައިޗީ ވިދާޅުވެއްޖެއެވެ.

"މިހާރު ވެސް ސަލާމަތް ކުރަން އިންތިޒާރު ކުރަމުންދާ މީހުން އެބަތިބި، އަދި މިއީ ވަގުތާ ދެކޮޅަށް ކުރާ ރޭހެއް. ވީހާވެސް ގިނަ ބަޔަކު ސަލާމަތް ކުރުމަށް ވަސީލަތްތައް ބޭނުން ކުރާނަން," ބިންހެލުން އައިތާ އެއް ދުވަސް ފަހުން ޓޯކިޔޯގައި ހުންނަ އޭނާގެ އޮފީހުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓަކައިޗީ ވިދާޅުވިއެވެ.

ބިންހެލުމުގެ ސަބަބުން އެތައް ހާސް ގެއަކުން ކަރަންޓް ކެނޑި، މުޅި ސަރަހައްދުގެ މަގުތައް ވެސް ވަނީ ހަލާކުވެފައެވެ.

ކުމާމޯޓޯ ޕްރިފެކްޗާގެ ޔަޓްސުޝިރޯއަށް އައި ބިންހެލުމާ ގުޅިގެން ވެއްޓިފައިވާ ބްރިޖެއް. ފޮޓޯ/އޭޕީ

ބުދަ ދުވަހުގެ ވަގުތެއްގައި ބައެއް ވެއްޓިފައިވާ ޝޮޕިން މޯލް ހުރި އިމާރާތެއްގެ ދަށުން އަށް މީހަކު ވަނީ ސަލާމަތްކޮށްފައެވެ. ބިންހެލުމުގެ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުން ގޮވުމެއް ގޮވައި އެ މޯލްގެ ދެވަނަ ފަންގިފިލާ ވެއްޓިފައިވާއިރު، އެތައް ބަޔަކަށް ވީނުވީއެއް ނޭނގިފައި ވާއިރު، އިތުރު މީހުން ވެސް ތާށިވެފައިވާ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ބައެއް މީހުން މިހާރު މަރުވެފައިވާ ކަމަށް ވެސް ވަނީ ލަފާކޮށްފައެވެ.

ކަމާބެހޭ ފަރާތްތަކުން ދަނީ ގޭސް ފުޅިއެއް ގޮވީ ކަމަށް ބެލެވޭތީ އެކަން ތަހުގީގު ކުރަމުންނެވެ.

ކުއްލި ހާލަތުގައި އަލިފާން ނިއްވާ ޓީމުތަކާއި ފުލުހުންނާއި ސިފައިންގެ މުވައްޒަފުން ފޯކަސް ކުރަމުން ދިޔައީ ⁠އެހީއަށް ގޮވާލާފައިވާ އިމާރާތުގެ ސަރަހައްދުތަކަށެވެ.

ނިޕޯން ޕޭޕާ އިންޑަސްޓްރީސް (3836.ޓީ) ގެ ދުންހޮޅިއެއް ވެއްޓި، ހަތް މީހަކު ގެއްލިފައި ވާއިރު، އިތުރު ހަތަރު މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ސަރުކާރުގެ އޮފިޝަލަކު ވިދާޅުވިއެވެ.

ބިންހެލުމަކާ ގުޅިގެން ގޮވުމަކުން ހަލާކުވި އޭއީއޯއެން މޯލް. ފޮޓޯ/އޭޕީ

ބިންހެލުމުގައި އަނިޔާވި އެތައް ބަޔަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާ ދެމުންނެވެ.

ބިންހެލުން އައި ސަރަހައްދަކީ ގާތްގަނޑަކަށް 700،000 މީހުންގެ އާބާދީއެއް އޮންނަ މެދުތެރޭ ކިއުޝޫގެ އެންމެ ބޮޑު ސިޓީ ކުމާމޮޓޯ ސިޓީގެ ދެކުނުން ގާތްގަނޑަކަށް 20 ކިލޯމީޓަރު (12 މޭލު) ދުރެވެ.

އެ ބިންހެލުމާ ގުޅިގެން މިހާތަނަށް ތިން ލައްކަ މީހުން ވަގުތީ ހިޔާތަކަށް ދިޔުމަށް އިރުޝާދު ދީފައި ވާއިރު، މީހުން ސަލާމަތް ކުރުމުގެ އޮޕަރޭޝަންތަކަށް އެތައް ސަތޭކަ ސިފައިން ވަނީ ނެރެފައެވެ.

ބިންހެލުމުގެ އަސަރު އަދިވެސް ހަފްތާއެއް ވަންދެން ކޮށްފާނެތީ އާންމުން ސަމާލުވެ ތިބުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.

އަދިވެސް 36،000 އަށް ވުރެ ގިނަ ގެއަށް ކަރަންޓް ލިބިފައި ނުވާއިރު، ބުދަ ދުވަހު ހޫނުމިން ގާތްގަނޑަކަށް 34 ޑިގްރީ ސެލްސިއަސް (93 ޑިގްރީ ފަރެންހައިޓް) އަށް އުފުލިގެން ދިއުމުން ހޫނު ގަދަވުމުގެ ނުރައްކާ އޮތުމުން ކަމާބެހޭ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

comment ކޮމެންޓް