ރާއްޖޭގެ މިނިވަންކަމަށް ނުރައްކާވާ އެތައް ކަމެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކައިރީ ހިނގަމުން ދާ ކަމަށާއި ނަމަވެސް އެއްވެސް ބިރެއް އަދި ފަސް ޖެހުމެއް ނެތި ކަނޑުގެ ސަރަހައްދު ބަލަހައްޓާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހީމް ޙިލްމީ މިރޭ ވިދާޅުވެއްޖެއެވެ.
އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރި "އިމާދުއްދީން" މަނަވަރު ކޮމިޝަންކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޙިލްމީ ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދުގެ ސަލާމަތީ ވެށި މިއަދު ވަރަށް ބޮޑަށް ބަދަލުވެއްޖެ ކަމަށެވެ.
"ދިވެހިރާއްޖޭގެ މިިނިވަންކަމާއި ސަލާމަތަށް ނުރައްކާވާ އެތައް ކަމެއް ދިވެހިރާއްޖޭގެ ބައުންޑަރީ ލައިން ކައިރީގައި ކޮންމެ ވަގުތަކު ދަނީ ހިނގަމުން، އަދި އެ ނުރައްކާތައް މި ވަނީ ރާއްޖޭގެ ސަރަހައްދުގެ އެތެރެއަށް ކުރިމަތިވެފައި،" ޙިލްމީ ވިދާޅުވިއެވެ.
ނަމަވެސް އެއީ ސީދާ ކޮން ނުރައްކާތަކެއް ކަން ޙިލްމީ ވިދާޅެއް ނުވެއެވެ.
ރާއްޖޭގެ ސަރަހައްދު ދިފާއުކުރުމަށްޓަކައި އެތެރޭގެ ނުރައްކާތަކުގެ އިތުރުން ބޭރުން ކުރިމަތިވާ ނުރައްކާތަކަށް ވެސް މިއަދު ސަމާލުކަން ދޭން ޖެހިފައިވާ ކަމަށް ޙިލްމީ ވިދާޅުވިއެވެ.
ޙިލްމީ ވިދާޅުވި ގޮތުގައި މިކަމުން ވެސް ރާއްޖޭގެ މިނިވަންކަމާއި ސަލާމަތަށް ނުރައްކާތެރިވާ ގޮތަށް އަމަލުކުރާ މީހުންނަށާއި އުޅަނދުފަހަރަށް ފިޔަވަޅު އެޅުމަށާއި، ބޭރު ކަނޑުތަކުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ނުރައްކާތަކާ ކުރިމަތިލެވޭނެ އަސްކަރީ ބާރެއް އޮތުމުގެ މުހިއްމުކަން ހާމަވެއެވެ.
އެއާއެކު ޙިލްމީ ވިދާޅުވީ އަންނަ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހުގެ ކުރިން ކަނޑު ބަލަހައްޓަން 20 އިންޓަސެޕްޓަރު އުޅަނދު ހޯދާނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދު އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެއްވެސް ބިރެއް ފަސްޖެހުމެއް ނެތި ބަލަހައްޓާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
"އިމާދުއްދީން" މަނަވަރާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ މި މަނަވަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެއް ކަމަށެވެ.
މި މަނަވަރަކީ އެމްއެންޑީއެފުން ބުނި ގޮތުގައި، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު މަނަވަރެކެވެ.
މި މަނަވަރަށް "އިމާދުއްދީން"ގެ ނަމުން ނަން ދެވިފައި ވަނީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އެއްވަނަ އަށް ނިސްބަތްކޮށް، އަދި އެމަނިކުފާނު ރާއްޖޭގެ ދިފާއު ވަރުގަދަ ކުރުމަށް ކުރެއްވި މަސައްކަތްޕުޅަށް ބިނާކޮށް ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި މި މަނަވަރަކީ ކަނޑުމަތީގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓްކުރުމަށް އެންމެ ޒަމާނީ ނިޒާމުތަކާއި ޓެކްނޮލޮޖީ އެކުލެވޭ ގޮތަށް ފަރުމާކުރި މަނަވަރެކެވެ.