އޮސްޓްރޭލިއާއިން ހަދިޔާކުރި އައު މަނަވަރު ޚިދުމަތަށް ނެރެފި، ނަމަކީ "އިމާދުއްދީން"

އައު މަނަވަރު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު --- ފޮޓޯ: ރައީސް އޮފީސް

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ނޭވީ މަނަވަރު ރަސްމީކޮށް މިރޭ ޚިދުމަތަށް ނެރެފިއެވެ.

އެ މަނަވަރު ރާއްޖެ ގެނައީ މިދިޔަ މަހުގެ 15ވަނަ ދުވަހެވެ.

މަނަވަރު ކޮމިޝަންކުރައްވައި ޚިދުމަތަށް ނެރެދެއްވީ އެކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

އެ މަނަވަރަށް ދިން ނަމަކީ "އިމާދުއްދީން"އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައު މަނަވަރު އިފްތިތާހުކޮށްދެއްވަނީ --- ފޮޓޯ: ރައީސް އޮފީސް

އެމްއެންޑީއެފުން އޭރު ބުނީ މި މަނަވަރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެއް ކަމަށެވެ.

މި މަނަވަރަކީ އެމްއެންޑީއެފުން ބުނި ގޮތުގައި، އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު މަނަވަރެކެވެ.

މި މަނަވަރާ ގުޅޭ ގޮތުން އެމްއެންޑީއެފުން ބުނީ، މި މަނަވަރަށް "އިމާދުއްދީން"ގެ ނަމުން ނަން ދެވިފައި ވަނީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އެއްވަނަ އަށް ނިސްބަތްކޮށް، އަދި އެމަނިކުފާނު ރާއްޖޭގެ ދިފާއު ވަރުގަދަ ކުރުމަށް ކުރެއްވި މަސައްކަތްޕުޅަށް ބިނާކޮށް ކަމަށެވެ.

މިއީ ކަނޑުމަތީގައި ފުޅާ ދާއިރާއެއްގައި އޮޕަރޭޓްކުރުމަށް އެންމެ ޒަމާނީ ނިޒާމުތަކާއި ޓެކްނޮލޮޖީ އެކުލެވޭ ގޮތަށް ފަރުމާކުރި އުޅަނދެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އައު މަނަވަރު ކޮމިޝަންކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ: ސްކްރީންޝޮޓް

މި މަނަވަރު ރާއްޖެ އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓުކުރާނެ ގޮތުގެ ޚާއްސަ ތަމްރީނުތައް ފުރިހަމަކޮށްފައެވެ.

މި އުޅަނދުގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމާއި ކަނޑުމަތީގައި ހިންގާ ގާނޫނާ ޚިލާފު އަމަލުތައް ހުއްޓުވުމާއި ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގައި މީހުން ހޯދުމާއި ސަލާމަތްކުރުމުގެ ގާބިލުކަން މިހާރަށް ވުރެ އިތުރުވެގެންދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އަދި މިއީ ސަރަޙައްދީ ސަލާމަތާއި ހަމަޖެހުމަށް ރާއްޖޭން އަދާކުރާ ދައުރަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި އެމްއެންޑީއެފުން ސިފަކުރެއެވެ.

https://sun.mv/223380

ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަހަރުގެ ތެރޭ ތުރުކީވިލާތުން ވެސް ވަނީ ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާކޮށްފައެވެ. އޭގެ އިތުރުން ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޑްރޯންތަކެއް ވެސް ތުރުކީވިލާތުން ގަނެ, ރާއްޖެ ގެނެސްފައިވެއެވެ.

ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސްގެ ވައުދުފުޅެކެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ދިވެހިރާއްޖެއަށް ހަދިޔާކުރި މުޅިން އައު ނޭވީ މަނަވަރު ރަސްމީކޮށް ޚިދުމަތަށް ނެރެފިއެވެ. "އިމާދުއްދީން"ގެ ނަން ދެވިފައިވާ މި މަނަވަރު ކޮމިޝަންކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި އުޅަނދަކީ އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ ހެންޑަސަން ޝިޕްޔާޑުން ބަނދެފައިވާ، އެންމެ ޒަމާނީ ނިޒާމުތަކާއި ޓެކްނޮލޮޖީ އެކުލެވޭ ފެންވަރު ރަނގަޅު އުޅަނދެކެވެ. މި މަނަވަރަށް ނަން ދެވިފައިވަނީ ރާއްޖޭގެ ދިފާއީ ބާރު ވަރުގަދަކުރެއްވުމަށް ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރެއްވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އެއްވަނައަށް ނިސްބަތްކޮށެވެ. މިއީ ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުގެ ދަށުން، ކޯސްޓްގާޑުގެ ގާބިލުކަން ދެގުނައަށް އިތުރުކޮށް ރާއްޖޭގެ ސިޔާދަތު ރައްކާތެރިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ. މި އުޅަނދު އޮޕަރޭޓުކުރުމަށް އެމްއެންޑީއެފްގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި ޚާއްސަ ތަމްރީނުތަކެއް ފުރިހަމަކޮށްފައެވެ. މީގެ އިތުރުން، މިދިޔަ އަހަރު ތުރުކީވިލާތުން ވެސް ވަނީ ރާއްޖެއަށް އަސްކަރީ މަނަވަރަކާއި ޑްރޯންތަކެއް ހަދިޔާކޮށްފައެވެ.

  • އޮސްޓްރޭލިއާގެ ހިލޭ އެހީގެ ދަށުން ލިބުނު އައު މަނަވަރު "އިމާދުއްދީން" ރައީސް ޑރ. މުޢިއްޒު ކޮމިޝަންކޮށްދެއްވައިފި.
  • މި އުޅަނދު ބަނދެފައިވަނީ އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި އޮސްޓަލް ލިމިޓެޑުން.
  • މަނަވަރުގެ ނަން ނިސްބަތްކޮށްފައިވަނީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން އެއްވަނައަށް.
  • މީގެ ސަބަބުން ކަނޑުމަތީގެ ގާނޫނާ ޚިލާފު އަމަލުތައް ހުއްޓުވުމާއި، މީހުން ސަލާމަތްކުރުމުގެ ގާބިލުކަން އިތުރުވެގެންދާނެ.
  • މިއީ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކުރުމަށް ރައީސް ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ހޯދުނު މުހިންމު ކުރިއެރުމެއް.
comment ކޮމެންޓް